ގާނޫނީ ހަމަތަކާ ހިލާފަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމުން ވަކިވެއްޖެ ނަމަ މާލީ އިނާޔަތްތައް ނުލިބޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅަކަށް ދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

ރައީސްކަން ކުރައްވާފައިވާ ބޭފުޅުންގެ އިނާޔަތްތަކުގެ ގާނޫނުގެ ތިން ވަނަ މާއްދާ އަށް ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނަނީ ރައީސްގެ މަގާމުގައި ހުންނެވި ބޭފުޅަކު ކުށްވެރިނުވެ، ގާނޫނީ ހަމަތަކުގެ މަތިން އެމަގާމުން ވަކިވެއްޖެ ނަމަ މާލީ އިނާޔަތްތައް ލިބިދޭން ޖެހޭނެ ކަމަށެވެ. އެގޮތުން 50،000ރ. ދޭންޖެހޭނެ ކަމަށާއި އެއް ދައުރަށް ވުރެ ގިނަ ދައުރު އަދާކުރައްވާފައިވާ ރައީސުންނަށް 75،000ރ. ދޭންޖެހޭނެ ކަމަށް އެ އިސްލާހުގައިވެ އެވެ.

ރައީސަކު ކުށްވެރިވެ، ގާނޫނީ ހަމަތަކާ ހިލާފަށް މަގާމުން ވަކިވެއްޖެނަމަ މާލީ އިނާޔަތް ނުލިބޭނެ ގޮތަށް އިސްލާހު ހުށަހަޅުއްވާފައިވާ އިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައީސްކަމުން އިސްތިއުފާދެއްވީ "ބަޣާވާތް"ކޮށްގެން ކަމަށް އެމްޑީޕީން ތުހުމަތު ކުރެ އެވެ. "ބަޣާވާތް"ކޮށްގެން ވެރިކަމުން އިސްތިއުފާދޭން މަޖުބޫރު ކުރުވައިގެން ރައީސަކު ވެރިކަމުން ދުރުކޮށްފި ނަމަ ރިޔާޒު ރަޝީދު ހުށަހެޅުއްވި އިސްލާހު ބުނާ ގޮތުން އިނާޔަތްތަކެއް ނުލިބޭނެ އެވެ.

ރިޔާޒު ރަޝީދު ވަނީ މީގެ ކުރިން ވެސް އެ ގާނޫނަށް އިސްލާހު ހުށަހަޅުއްވާފަ އެވެ. ރައީސްކަންކޮށްފައިވާ ބޭފުޅަކު ރާއްޖޭގެ މިނިވަންކަން ގެއްލޭ ފަދަ ގޮތަކަށް އަމަލު ކުރުމާއި އެކަމަށް ހިއްވަރުދިނުމާއި ނުވަތަ އެފަދަ ކަމަކަށް ގޮވާލައިފި ނަމަ އެންމެހައި އިނާޔަތްތަކާއި ރައްކާތެރިކަމުން މަހުރޫމްވާނެ ކަމަށް ބުނެ، ހުށަހެޅި އިސްލާހު ބޭރުކޮށްލީ 39 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

މިދިޔަ އަހަރު އެ އިސްލާހު މަޖިލީހުން ބޭރުކޮށްލުމުން ރިޔާޒް މި އަހަރު ހުށަހެޅުއްވި އިސްލާހުގައި ވެސް ކުރިން މެންބަރުން ކަންބޮޑުވުން ފާޅުކުރި ކަންތައްތައް އިސްލާހުގައި ހިމަނާފައިވެ އެވެ.

އެ އިސްލާހުގައި ބުނަނީ ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލޭ ގޮތަށް އަމަލު ކުރުމާއި އެފަދަ ކަމަކަށް ހިއްވަރުދީ ގޮވާލުމާއި އިގްތިސާދު ފުޑުފުޑުކޮށްލާ ފަދަ އަމަލެއް ކުރުމާއި އެފަދަ ކަމަކަށް ގޮވާލުމާއި ނުވަތަ އެފަދަ ކަމަކަށް ހިތްވަރުދީފި ނަމަ ވެސް އިނާޔަތްތަކުން މަހުރޫމްވާނެ ކަމަށެވެ.

ރައީސްކަންކޮށްފައިވާ މީހަކަށް ހިމާޔަތާއި ރައްކާތެރިކަން ނުލިބޭނެ ހާލަތްތަކެއް ވެސް އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ. އެގޮތުން ގާނޫނާއި ގަވާއިދާ ހިލާފަށް އަމަލެއް ކުރުމާއި އެފަދަ ކަމެއްގައި ބައިވެރިވުމާއި އެކަމަށް ހިތްވަރުދޭ ހާލަތްތަކާއި އަދި ހިމާޔަތާއި ރައްކާތެރިކަން ދޭން ޖެހޭ ފަރާތަކުން ގާނޫނާ ގަވާއިދާ ހިލާފަށް އަމަލު ކުރަން ޖެހޭ ހާލަތެއްގައި ހިމާޔަތާއި ރައްކާތެރިކަމުން އެބޭފުޅަކު މަހުރޫމުވާނެ އެވެ.