09 Mar 2013, 10:51
އަނެހެނުންގެ ބާރުވެރިކަން އިތުރުކުރުމަށް ފިރިހެނުނަށް ހާއްސަ ކޮށްގެން ހިންގާ ކަން މަދު ނޫން ކަމަށާއި އަންހެނުން ބާރު ވެރިކުރުމަށް ފިރިހެނުންގެ ވިސްނުން ވެސް ބަދަލު ކުރުވާން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އަންހެނުންގެ ދުވަހާ ގުޅުވައިގެން އެމްޑީޕީން ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި އެ ޕާޓީގެ އެންމެ އިސްލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅުވީ އަންހެނުން ބާރުވެރި ކުރެވޭނީ ފިރިހެނުންގެ ނަޒަރިއްޔާތު ވެސް ބަދަލުކުރެވިގެން ކަމަށެވެ.
"އަންހެނުން ބާރުވެރި ކުރުމަށް ޓަކައި ފިރިހެނުނަށް އަމާޒުކޮށްގެން ހިންގާން ޖެހޭ މަސައްކަތްތައްވެސް މަދެއްނޫން. ފިރިހެނުން ބައެއް ފަހަރު އެ ހުންނަ ވިސްނުމަކާއި އެމީހުންގެ ނަޒަރިއްޔާތު ބަދަލުކުރުމަށް އަޅުގަނޑުމެން އެންމެން މަސައްކަތް ކުރާން އެބަޖެހޭ. ބައެއް ފަހަރު ފިރިހެނުންނަށް ހީވަނީ އެމީހުންގެ މުލައްދަނޑީގެ ބާރު ގަދަ އޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
އަންހެނުނަށް ވެސް ފިރިހެނުނާ ކުރިމަތިލާން ބޭނުން ނަމަ އެކަން ކުރެވޭނެ ކަމަށާއި އެއީ ޓެކްނިކެއް ކަން ފާހަގަ ކުރައްވައި، ރައީސް ނަޝީދު ވިދާޅުވީ އަންހެނުންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށް ސިޔާސަތުތައް ކަނޑައަޅާން ޖެހޭ ކަމަށެވެ.
އެމަނިކުފާނު އިތުރަށް ދެއްކެވި ވާހަކަފުޅުގައި އަންހެނުން ބާރު ވެރިކުރެވޭނީ ހުރިހާ ތަނެއްގައި ވެސް އަންހެނުން ބާރުވެރިކުރުމަށް މަސައްކަތް ކޮށްގެން ކަމަށާއި އެއީ ވަކި ހާއްސަ މިނިސްޓްރީއެއް ހުރެގެން ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
"ކޮންމެ ކަމެއްގައި ވެސް އަންހެނުނާ ގުޅޭ ގޮތުން ހާއްސަ މަސައްކަތްތަކެއް ކުރެވިގެންނޭ. ވަކި ޖެންޑާ މިނިސްޓްރީ އެއްގައި އަންހެނުނާއި ގުޅޭ ކަންކަން ކުރެވިގެން ނޫން. ޓްރާންސްޕޯޓް މިނިސްޓްރީގައި ވެސް ހެލްތް މިނިސްޓްރީގައި ވެސް އެޑިއުކޭޝަން މިނިސްޓްރީގައި ވެސް. އެހެން ވީމާ [ކުރާން ޖެހޭ ކަމަކީ] އަޅުގަނޑުމެންގެ މައިގަނޑު ސިޔާސަތުގެ ތެރެއަށް އަންހެނުންގެ ކަންކަން ހިމެނުން،" ނަޝީދު ވިދާޅުވި އެވެ.
މީގެ އިތުރުން އަންހެނުން ބާރުވެރިކުރުމަށް އަންހެނުން ނުކުމެ ތަމްސީލު ކުރާން ޖެހޭ ކަމަށާއި އަންހެނުން އެމީހުންގެ ބާރުވެރިކަން ދެއްކުމަށް ވަނީ ގޮވައިލައިފައެވެ. ހަމަ އެހެންމެ އަންނެހުންނަށް ޓަކައި ކުރާން ޖެހޭ ހުރިހާ ކަމެއްގައި ސަރުކާރުން ހަރުދަނާ ސިޔާސަތުތަކެއް ކަނޑައަޅާން ޖެހޭ ކަމަށާއި އަންހެނުނަށްޓަކައި އެމްޑީޕީން މި އަހަރު ވާ އެންމެ ބޮޑު ވައުދަކީ " ދޮންކޮޔޮ ވަކަކާއި ކިރުތައްޓެއް " ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.