ހުއްދަ ނުހޯދައި ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުން މަސްވެރިކަން ކުރި ސްރީލަކްކާގެ ރައްޔިތަކު ބައިލައްކަ ރުފިޔާ އިން ޖޫރިމަނާ ކޮށްފި އެވެ. އަދި ހުއްދަ ނުހޯދައި ރާއްޖޭގެ އިގްތިސޯދީ ސަރަހައްދަށް މަސްބޯޓެއްގައި ވަދެފައިވާތީ އޭނާ ހަމަސް ދުވަހުގެ މުއްދަތަށް ޖަލަށް ލާން ވެސް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

ބައިލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް ހަ މަސް ދުވަހަށް ޖަލަށްލާން ހުކުމް ކޮށްފައި ވަނީ ސްރީނަލްކާގެ ރައްޔިތެއްކަމަށް ވާ މރ. ކަރުނަކަލަގެލަލިތް ޑަގްލަސް ފެނާންޑޯ އެވެ.

ބައިލައްކަ ރުފިޔާ އިން އޭނާ ޖޫރިމަނާ ކޮށް ކްރިމިނަލް ކޯޓުން ބުރާސްފަތި ދުވަހު ކުރި ހުކުމްގައި ބުނަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 20 ވަނަ ދުވަހު ރާއްޖޭގެ ޚާއްސަ އިގްތިސޯދީ ސަރަހައްދުން ދިވެހި ސަރުކާރުގެ ހުއްދަނުހޯދައި މަސްވެރިކަން ކޮށްފައިވާކަން އޭނާގެ އަމިއްލަ އިއުތިރާފުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

އޭނާ ޖޫރިމަނާ ކޮށްފައި ވަނީ މަސްވެރިކަމާ ބެހޭ ގާނޫނުގެ ދަށުންނެވެ. އަދި އޭނާ ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް ވެސް އެ ހުކުމުގައި އޭނާ އަށް ވަނީ އަންގާފަ އެވެ.

އޭނާ ހަ މަސް ދުވަހުގެ މުއްދަތަށް ޖަލަށް ލާން ހުކުމް ކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ދިވެހި ސަރުކާރުގެ ހުއްދަނެތި ރާއްޖޭގެ އިގްތިސޯދީ ސަރަހައްދަށް ވަދެފައިވާތީ ދައުލަތުން އޭނާގެ މައްޗަށް ކުރި އަމުރަށްނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާ ސާބިތުވުމުންނެވެ. އެ ދައުވާ ވެސް ސާބިތުވެފައި ވަނީ އޭނާގެ އަމިއްލަ އިއުތިރާފުންނެވެ.