09 Mar 2013, 10:02
އިނގިރޭސިވިލާތުގެ ސަރުކާރުގެ ހޮސްޕިޓަލުތަކުގައި އެނދުމަތިކޮށްފައިވާ ބަލި މީހުންގެ ތެރެއިން ބައެއް މީހުންނަށް ކާބޯތަކެތި ނުލިބި ހައިހޫނުކަމުގައި އެމީހުން މަރުވަމުންދާ ކަމަށް ކަމާބެހޭ ރިޕޯޓެއް ބުނެފި އެވެ.
ލަންޑަންގައި ނުކުންނަ ނޫހެއް ކަމަށްވާ ސަންޑޭ އެކްސްޕްރެސް އާ ޙަވާލާދީ ޔުނައިޓެޑް ޕްރެސް އިންޓަނޭޝަނަލް ބުނި ގޮތުގައި އިނގިރޭސިވިލާތުގެ ސަރުކާރުގެ ހޮސްޕިޓަލުތަކުގެ ޙާލަތު ބެލުމަށް ކުރި ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި އެހޮސްޕިޓަލުތަކުގައި އެނދުމަތިކޮށްފައިވާ ބަލިމީހުންގެ ތެރެއިން 1165 މީހަކު ފާއިތުވި ހަތަރު އަހަރު ތެރޭގައި އެކަށީގެންވާ މިންވަރަށް ކާބޯތަކެތި ނުލިބި ހައިހޫނުކަން ތަހައްމަލް ކުރަންޖެހުމުގެ ސަބަބުން ކުރިމަތިވި ސިއްޙީ މައްސަލަތަކުގައި ވަނީ މަރުވެފަ އެވެ. މީގެތެރޭގައި ބަލިމީހުންނަށް ބޭނުންވާ މިންވަރަށް ދިޔާ ތަކެތި ނުދެވުމުގެ ސަބަބުން އެމީހުންގެ ގައިން ފެންހިކިގެން މަރުވި މީހުންވެސް ހިމެނޭކަމަށްވެ އެވެ.
ސަންޑޭ އެކްސްޕްރެސްގެ ރިޕޯޓް ބުނާގޮތުން 2011 ވަނަ އަހަރުވެސް އިނގިރޭސިވިލާތުގެ ސަރުކާރުގެ ހޮސްޕިޓަލުތަކުގައި އެކަށީގެންވާ މިންވަރަށް ކާބޯތަކެތި ނުލިބުމުގެ ސަބަބުން ކުރިމަތިވި ސިއްޙި އިންޕްލިކޭޝަންތަކުގައާއި ކާބޯތަކެތި ލިބެންވާ މިންވަރަށް ނުލިބުމާ އެކު އެ މީހުންގެ އަސްލު ބަލި އިތުރަށް ބޮޑުވެ ގޯސްވުމުގެ ސަބަބުން291 ބަލިމީހަކު މަރުވެފައިވެ އެވެ. އަދި ކާބޯތަކެތި ނުލިބުމުގެ ސަބަބުން ސީދާ ހައިހޫނު ކަމުގައި ވެސް އެހޮސްޕިޓަލްތަކުން 43 މީހަކު މަރުވެފައިވާ ކަމަށްވެ އެވެ.
މިރިޕޯޓް ބުނާގޮތުން އިނގިރޭސިވިލާތުގެ ސަރުކާރުގެ ހޮސްޕިޓަލުތަކުގައި އެނދުމަތިކޮށްފައިވާ ބަލިމީހުންގެ ތެރޭގައި ހަށިގަނޑުގައި ފެންމަދުވުމުގެ މައްސަލަ ކުރިމަތިވެފައިވާ މީހުން ގިނަކަން ކަމާބެހޭ ސާވޭތަކުން ކުރިން ވެސް ހާމަވެފައިވެ އެވެ. މިދިޔަ އަހަރުގެ ޖުލައި މަހު ވެސް ލަންޑަންގެ ދެކުނުގައި ހުންނަ ސެންޓް ޖޯޖް ހޮސްޕިޓަލުގައި އެނދުމަތިކޮށްފައިވާ ކެންސަރުގެ ބަލި މީހަކު ވަނީ ހަށިގަނޑުން ފެންމަދުވުމުގެ ސަބަބުން މަރުވެފަ އެވެ. އެމީހާ މަރުވެފައި ވަނީ އޭނާގެ ހަށިގަނޑުން ފެންމަދުވަމުންދާކަމުގެ އިންޒާރު ނަރުހުން ތަކުރާރުކޮށް ދީފައިވަނިކޮށް ކަމަށް ވެސް ސަންޑޭ އެކްސްޕްރެސްގެ ރިޕޯޓް ބުނެ އެވެ. މިރިޕޯޓާ ގުޅިގެން އިނގިރޭސިވިލާތުގެ ޗެރިޓީ ޖަމާއަތްތަކުން ވަނީ ސަރުކާރުގެ ހޮސްޕިޓަލުތަކުގައި އެނދުމަތިކޮށްފައިވާ ބަލި މީހުން ހައިހޫނު ކަމުގައި މަރުވަމުންދިޔުމަކީ ލަދުވެތި ކަމެއް ކަމަށް ސިފަކޮށް މިމައްސަލަ ޙައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރަށް ގޮވާލާފަ އެވެ.
އިނގިރޭސިވިލާތުގެ ތަފާސް ހިސާބުތަކާ ބެހޭ މަރުކަޒީ އޮފީސް "އޮފީސް ފޯރ ނެޝަނަލް ސްޓެޓިސްޓިކްސް" އިންވެސްވަނީ އިނގިރޭސި ސަރުކާރުން ހިންގާ ހޮސްޕިޓަލުތަކުގައި އެނދުމަތިކޮށްފައިވާ ބަލިމީހުންގެ ތެރެއިން ކާބޯތަކެތި ނުލިބި ހައިހޫނުކަމުގައި 1165 ބަލިމީހަކު، ފާއިތުވި ހަތަރު އަހަރު ތެރޭގައި މަރުވެފައިވާކަން އެއޮފީހުން ނެރެފައިވާ ސްޓެޓިސްޓިކްސް ތަކުގައި ހާމަކޮށްފައި ކަމަށް ޔުނައިޓެޑް ޕްރެސް އިންޓަނޭޝަނަލް ބުނެ އެވެ.