13 Oct 2010, 15:58
ކޯޓުގެ ހުރުމަތް ކަނޑައިލި މީހަކު ހަތަރު މަސް ދުވަހަށް ޖަލަށް ލުމަށް ޖިނާއީ ކޯޓުން ހުކުމް ކޮށްފި އެވެ.
މައްސަލައެއްގެ ހެއްކެއްގެ ގޮތުގައި ހާޒިރު ކުރުމުން ކޯޓުގެ ހުރުމަތް ކަނޑާލައިގެން ޖަލަށް ލާން ހުކުމް ކުރީ މ. މުތާފުށީ އަބްދުﷲ ޝާހިދު މުހައްމަދެވެ. ޝާހިދަކީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލުގެ ގެ ކޮއްކޮއެކެވެ. ސްޓޭޓް މިނިސްޓަރު އާދިލަކީ ޖަލުތަކާ ބެހޭ ގޮތުން ސަރުކާރުން މީޑިޔާއަށް ވާހަކަފުޅު ދައްކަވާ ފަރާތެވެ.
ޖިނާއީ ކޯޓުން ބުނީ ޝާހިދު ޖަލަށް ލުމަށް ހުކުމް ކުރަން ޖެހުނީ ކޯޓުގައި ބަލަމުންދާ މައްސަލައެއްގެ ހެއްކަކަށް ހާޒިރުކޮށް ހެކިބަސް ނެގުމަށްޓަކައި ކުރަންޖެހޭ ހުވާ ކުރަން އެންގުމުން ހުވާ ނުކުރާނެ ކަމަށް ބުނެ އިންކާރު ކުރުމުން ތަކުރާރުކޮށް ނަސީހަތްތެރިވުމުން ވެސް ގާޒީގެ އަމުރަށް ނުކިޔަމަންތެރިވުމުން ކަމަށެވެ.
ކޯޓްގެ އޮފިޝަލަކު ވިދާޅުވީ ދެ ގާޒީން ނަސޭހަތް ދިނުމުން ވެސް ޝާހިދު ގަބޫލުނުކޮށް ކޯޓުގެ ހުރުމަތް ކަނޑާފައިވާ ކަމަށެވެ.
ކުރިން ނިއުރޭޑިއަންޓްގެ ރިޒާވް ގޯލްކީޕަރަކަށް ވެސް ކުޅެފައިވާ ޝާހިދުގެ މައްޗަށް ހުކުމް ކުރީ ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާއި ބެހޭ ގަވާއިދުގެ ހަތަރު ވަނަ މާއްދާގެ (ހ) ގެ ހަތަރު ވަނަ ނަންބަރާއި، ހަތް ވަނަ ނަންބަރާ ހަވާލާދީ އެ ގަވައިދުގެ 16 ވަނަ މާއްދާއާއި، 17 ވަނަ މާއްދާގެ ދަށުންނެވެ. އަދި ޝާހިދު ކޯޓު ހުރުމަތް ނަގާލުމުގެ ކުށުން ކުށްވެރިވުމުން އުގޫބާތް ކަނޑައެޅީ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.
ޝާހިދަކީ ސ. ހިތަދޫ ހަރުދަލުގެ އަހުމަދު ހުސައިންއާއި، އެ ރަށު ދޭލިގެ އަޙްމަދު ދީދީގެ މައްޗަށް ކޮށްފައިވާ ވައްކަން ކުރުމުގެ ކުށުގެ ދަޢުވާއަކާއި ގުޅިގެން ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހަޅައިފައިވާ މީހެކެވެ.