09 Mar 2013, 10:00
މިދިޔަ އަހަރުގެ ނިޔަލަށް 65 މީހަކަށް ރިހެބިލިޓޭޝަން ފަރުވާ ދިނުމަށް ނޭޝަނަލް ޑްރަގް އެޖެންސީގެ މައްޗަށް އަމުރުކޮށްފައިވާ ކަމަށް ޑްރަގް ކޯޓުން ބުނެފި އެވެ.
ޑްރަގް ކޯޓުން މިހެން ބުނެފައި ވަނީ އެ ކޯޓުން އާންމުކުރި ފާއިތުވި އަހަރުގެ އަހަރީ ރިޕޯޓުގަ އެވެ.
އަހަރީ ރިޕޯޓުގައި ވާގޮތުން ނޭޝަނަލް ޑްރަގް އެޖެންސީން ކުރިއަށް ގެންދާ ކޮމިޔުނިޓީ ރިހެބިލިޓޭޝަން ފަރުވާގެ ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް 26 މީހެއްގެ މައްޗަށް ރިހެބިލިޓޭޝަން އަމުރުކޮށްފައިވާ އިރު ކ. ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް ރިހެބިލިޓޭޝަން ސެންޓަރުގެ ފަރުވާގެ ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް 39 މީހެއްގެ މައްޗަށް މިދިޔަ އަހަރު ރިހެބިލިޓޭޝަން އަމުރު ކޮށްފައިވެ އެވެ.
ރިހެބިލިޓޭޝަން ފަރުވާ ދިނުމަށް ނޭޝަނަލް ޑްރަގް އެޖެންސީގެ މައްޗަށް ޑްރަގް ކޯޓުން އަމުރު ކުރަނީ ދައުވާ ލިބޭ މީހުން މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ކަން ނުވަތަ ނޫންކަމާއި އަދި އެމީހެއްގެ ކިބައިގައި ފަރުވާގެ ޕްރޮގްރާމެއް ފުރިހަމަ ކުރުމުގެ ގާބިލްކަން ހުރިކަމާ ނުވަތަ ނޫން ކަމާއި އެ ގާބިލް ކަން ހުރިނަމަ ބައިވެރިވާން ޖެހޭ ފަރުވާގެ ޕްރޮގްރާމް ކަނޑައެޅުމަށް ހަދާ އިންޑިކޭޓިވް އެސެސްމަންޓް ހެދުމަށް ފަހު އެ އެޖެންސީން ޑްރަގް ކޯޓަށް ފޮނުވުމުންނެވެ.
މިދިޔަ އަހަރުގެ ނިޔަލަށް 238 މީހުންގެ އިންޑިކޭޓިވް އެސެސްމަންޓް ހެދުމަށް ނޭޝަނަލް ޑްރަގް އެޖެންސީ އަށް އަމުރުކޮށްފައި ވާއިރު އޭގެތެރެއިން 167 މީހެއްގެ އެސެސްމަންޓް ހެދިފައިވާކަމަށް ޑްރަގް ކޯޓުން ބުންޏެވެ. އެ އެސެސްމެންޓްތަކަށް ބެލުމުން އެ އެންމެންވެސް މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ ކަމާއި ފަރުވާގެ ޕްރޮގްރާމްގައި ބައިވެރިވާން ޖެހޭކަން އެނގޭކަމަށް ވެސް ޑްރަގް ކޯޓުން ބުންޏެވެ.
ކޮމިޔުނިޓީ ރިހެބިލިޓޭޝަން ފަރުވާގެ ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށާއި ކ. ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް ރިހެބިލިޓޭޝަން ސެންޓަރުގެ ފަރުވާގެ ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ރިހެބިލިޓޭޝަން އަމުރު ކޮށްފައިވާއިރު އޭގެއިތުރުން މެތަޑޯން މެއިންޓަނަސް ފަރުވާގެ ޕްރޮގްރާމްގައި 10 މީހެއް ބައިވެރިކުރުމަށް އެ އެޖެންސީން އިންޑިކޭޓިވް އެސެސްމަންޓް ހުށަހަޅާފައިވާ ކަމަށް ޑްރަގް ކޯޓުން ބުންޏެވެ. ނަމަވެސް އެ ޕްރޮގްރާމްގައި ފަރުވާ ދޭނެގޮތުގެ ތަފްސީލް ހިމަނޭގޮތަށް ތައްޔާރު ކުރަންޖެހޭ ފަރުވާގެ ޕްލޭން އެ އެޖެންސީން ހުށަހަޅާފައި ނުވާތީ އެ މީހުންނަށް ފަރުވާ ދިނުމަށް އަމުރުކޮށްފައި ނުވާނެ ކަމަށް ވެސް ޑްރަގް ކޯޓުން ބުންޏެވެ.
ކޮމިއުނިޓީ ރިހެބިލިޓޭޝަން ފަރުވާ ހޯދަމުންދާ މީހުންގެ ކުޑަކަމުދާ ތަކެތި ޓެސްޓް ކުރި އިރު ފުރަތަމަ ފަސް ހަފްތާގައި ބައެއް މީހުން މަސްތުވާތަކެއްވަށް ޕޮޒިޓިވް ވެފައިވީ ނަމަވެސް ހަ ވަނަ ހަތްތާ އިން ފެށިގެން އަށް ވަނަ ހަފްތާގެ ނިޔަލަށް އެ އިން މީހަކު މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައި ނުވާކަމަށް ޑްރަގް ކޯޓުގެ އަހަރީ ރިޕޯޓުގައިވެ އެވެ. ކޮމިއުނިޓީ ރިހެބިލިޓޭޝަން ފަރުވާ އަކީ ޖުމްލަ ހަ މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މިދިޔަ އަހަރު ނިމުނުއިރު ފަރުވާގެ ޕްރޮގްރާމްގައި ބައިވެރިވި އެއްވެސް މީހަކު އެ ޕްރޮގްރާމް ނިންމާފައި ނުވާކަމަށް ޑްރަގް ކޯޓުން ބުންޏެވެ.
އަހަރީ ރިޕޯޓުގައި ވާގޮތުން މިދިޔަ އަހަރު އެ ކޯޓަށް ހުށަހެޅިފައި ވަނީ 510 މީހުންގެ މައްސަލަ އެވެ. އެއީ ކްރިމިނަލް ކޯޓުން ހުށަހަޅާފައިވާ 356 މައްސަލަ އާއި ޖުވެނައިލް ކޯޓުން ހުށަހަޅާފައިވާ 10 މައްސަލަ އަކާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހުށަހަޅާފައިވާ 68 މައްސަލައެއްގެ އިތުރުން ނޭޝަނަލް ޑްރަގް އޭޖެންސީން ހުށަހަޅާފައިވާ 76 މައްސަލަ ކަމަށް ވެސް ޑްރަގް ކޯޓުގެ އަހަރީ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އެ މައްސަލަތަކުގެ ތެރެއިން 482 މީހުންނަކީ ފިރިހެނުން ކަމަށާއި އަދި 28 މީހުންނަކީ އަންހެނުން ކަމަށް ވެސް ޑްރަގް ކޯޓުން ބުންޏެވެ. އަދި އޭގެތެރޭގައި 14 ފިރިހެން ކުދިންނާއި ހަތަރު އަންހެން ކުދިން ހިމެނޭ ކަމަށް ވެސް އަހަރީ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ޑްރަގް ކޯޓުން ބުނީ އެ ކޯޓަށް އެންމެ ގިނައިން ހުށަހެޅިފައި ވަނީ މާލެ އަށް ނިސްބަތްވާ މީހުންގެ މައްސަލަތައް ކަމަށެވެ. އެއީ 192 މީހުންގެ މައްސަލަތައް ކަމަށާއި އަދި އައްޑޫ ސިޓީއަށް ނިސްބަތްވާ މީހުންގެ މައްސަލަތައް ދެވަނައަށް އެންމެ ގިނައިން ހުށަހެޅިފައިވާ އިރު އެއީ 86 މީހުންގެ މައްސަލަ ކަމަށް ވެސް ޑްރަގް ކޯޓުން ބުންޏެވެ.
މިއީ މިހާތަނަށް ޝަރުއީ ކޯޓަކުން ނެރުނު އެންމެ ތަފްސީލީ އަހަރީ ރިޕޯޓެވެ. ޑްރަގް ކޯޓަކީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން މިދިޔަ އަހަރު އުފެއްދި ކޯޓެކެވެ.