09 Mar 2013, 09:20
އިންޑިއާ އާއި ރާއްޖެއާ ދެމެދު އަބަދުވެސް އޮންނަނީ ގާތް ގުޅުމެކެވެ. ދިމާވި ކޮންމެ ބޮޑު ކަމެއްގައި އިންޑިއާ އޮތީ ރާއްޖެއާ އެކުގަ އެވެ. ބަޑި ބުރާސްފަތީގައި އެޅި އަވަސް ފިޔަވަޅާއި ދިވެހި ސިފައިންނާ ގުޅިގެން އައްޑޫގައި ގާއިމްކޮށްފައިވާ ރާޑަރު ސިސްޓަމާއި ރާއްޖޭގެ ގާއިމްކޮށްފައިވާ އެންމެ ބޮޑު ހޮސްޕިޓަލް އައިޖީއެމްއެޗަކީ ވެސް އެކަމުގެ ހެއްކެވެ.
ނަމަވެސް ފަހަކަށް އައިސް އިވެނީ ގުޅުން ގޯސްވާ ވާހަކަ އެވެ. ދެ ގައުމުން ވެސް އެ ވާހަކަތައް ދޮގު ކުރެއެވެ. އަބަދުވެސް ބުނަނީ ސިޔާސަތަށް ބަދަލެއް ނާންނަ ކަމަށެވެ.
"އިންޑިއާ އިން ރާއްޖެއާ މެދު ދެކޭ ގޮތަކަށް ވެސް، ކަންތައްތައް ކުރާ ގޮތަށް ވެސް ބަދަލެއް ނާދޭ، ބަދަލެއް އައިސްގެން މިއުޅެނީ ރާއްޖެ އަށް، ބަދަލުވަމުން ދަނީ ރާއްޖެ،" އިންޑިއާގެ ޑިޕޮލަމޭޓަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ނިމިދިޔަ ރިޔާސީ އިންތިހާބުން ފެށިގެން ބަދަލުވަމުން، ބަދަލުވަމުން އަންނަނީ ރާއްޖެ އެވެ. ދެން ވިދާޅުވީ ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު އިންޑިއާގެ ސިޔާސަތު، ހާއްސަކޮށް ފޮރިން ޕޮލިސީ ބަދަލުނުވާ ކަމަށެވެ. "ބޮޑުވަޒީރު އަތަލް ބިހާރީ ވަޖުޕާއީގެ ސަރުކާރުން ވެސް ގެންގުޅުނު ސިޔާސަތު، ބޮޑުވަޒީރު މަންމޯހަން ސިންގްގެ ސަރުކާރުން ވެސް ގެންގުޅެނީ،" އޭނާ ވިދާޅުވި އެވެ. އަދި ވިދާާޅުވީ މީހުންނަށް އެގޮތަށް އިހުސާސްވަނީ، ރާއްޖެ އަށް ބަދަލުތައް އަންނާތީ ކަމަށް ދެކެވައިގަންވާ ކަަމަށެވެ.
އޭނާ އެހެން ވިދާޅުވި ނަމަވެސް ފެންނަ މަންޒަރާއި އިވޭ އަޑުތައް ވަރަށް ތަފާތެވެ.
ރާއްޖޭގެ ސިޔާސީ އަދި ދުސްތޫރީ ހަޔާތުގައި އައި ބޮޑެތި ބަދަލުތައް އަންނަން ފެށީ 2003 ވަނަ އަހަރު އަހަރު އެވެ. ވެރިކަމާއި ޝަރުއީ ނިޒާމު އަދި ރައްޔިތުންގެ މަޖިލީހަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެސް ފެހި ގާނޫނު އަސާސީގެ މަސައްކަތް ފެށީ އޭރުގަ އެވެ.
އޭރު ރާއްޖެ އެންމެ ބޮޑަށް ހަލަބޮލި ވެގެން ދިޔަ އެއް ހާދިސާއަކީ 2004 ވަނަ އަހަރު އޭރުގެ އިދިކޮޅު ލީޑަރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރުކޮށް، "ސިޔާސީ ދައުވާތެކެއް އުފުލި" ހާދިސާ އެވެ. އެކަމާ ގުޅިގެން އޭރު ގިނަ ބަޔަކު ނުކުމެ، ވަރުގަދަ މުޒާހަރާތަކެއްކޮށް، ދެ ވަނަ "12، 13"ގައި މާލެ ހުއްޓުމަކަށް ގެނައި ނަމަވެސް އިންޑިއާ އޮތީ ހިމޭނުންނެވެ.
މިހާރު ފެންނަނީ އެހެން މަންޒަރެކެވެ. މިހާރު ރައީސް ނަޝީދުގެ މައްޗަށް އުފުލިފައިވާ ދައުވާ އަކީ އޭރު އުފުލި ފަދަ ސިޔާސީ ދައުވާއެއް ކަމަށް ބެލެވޭކަށް ނެތެވެ. އެމަނިކުފާނުގެ ވެރިކަމުގައި ސްޕީރިއާ ކޯޓެއްގެ އިސް ގާޒީ ވަނީ ހައްޔަރުކޮށްފަ އެވެ. "އެކަން ކޮށްފައި ވަނީ ގާނޫނާ އެއްގޮތަށްތޯ ނުވަތަ ނޫންތޯ؟ އެކަމުގައި ކުށްވެރި ވަނީ ރައީސް ނަޝީދުތޯ ނުވަތަ ނޫންތޯ؟" ސާފުވާން އޮތީ ވެސް ޝަރީއަތް ކޮށްގެންނެވެ. އެހެން ނަމަވެސް "އަޑިނޭނގޭ ގޮތަކަށް" މައްސަލައިގެ ތެރެއަށް އިންޑިއާ އިން ވަނީ ވަދެފަ އެވެ. ހަމަޖެހުން ގެނައުމާއި ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް އެހީވުން ފަދަ ބަހަނާތަކުގަ އެވެ.
ޝަރީއަތް ލަސްކުރަން އިންޑިއާ އިން ނުސީދާ ގޮތެއްގައި މަސައްކަތް ކުރާ ކަމަށް ބެލެވޭ ފަދަ ގޮތަކަށް އެ ގައުމުން ދަނީ ކަންތައްތައް ކުރަމުންނެވެ. ރައީސް ނަޝީދު އިންޑިއާ ހައިކޮމިޝަނުގައި ހުންނެވި އިރު "ރާއްޖޭގެ މައްސަލަ ހައްލުކުރަން" އިންޑިއާ އިން ހާއްސަ މަންދޫބެއް ފޮނުވި އެވެ. އެގޮތުން ވަޑައިގެންނެވި ޖޮއިންޓް ސެކްރެޓަރީ ހަރުޝް ވަރުދަން ޝްރިންގްލާ، ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ)އާ ވެސް ބައްދަލުކުރެއްވި އެވެ.
އޭގެ ފަހުން، މިދިޔަ ހަފްތާގައި ރައީސް ނަޝީދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކުރުމުން އިންޑިއާ އިން ބުނެފައި ވަނީ "ރާއްޖޭގެ ޑިމޮކްރެޓިކް ހަރަކާތުގައި ބައިވެރިވާން އެދިވަޑައިގަންނަވާ ހުރިހާ ސިޔާސީ ވެރިންނަށް ވެސް އެބޭފުޅުންގެ ޕާޓީ އެ ކަމުގައި ބައިވެރިކުރުމުގެ ފުރުސަތު އޮންނަން ވާނެ،" ކަމަށެވެ.
މައްސަލައަށް މިހާރު ވަނީ ވަގުތީ ހައްލެއް ލިބިފަ އެވެ. ރައީސް ނަޝީދުގެ މައްސަލަ ހަތަރު ހަފުތާއަށް ލަސްކުރަން ކޯޓުން ވަނީ ނިންމާފަ އެވެ. އެކަމުގައި ޕީޖީ އޮފީހުން ދީފައި ވަނީ ފަސޭހަ ޖަވާބެކެވެ. އެއީ "ހަތަރު ހަފުތާ އަށް ވިޔަސް އިންތިހާބު ނިމެންދެން ލަސްކުރަން ކަމަށް ވިޔަސް 'އިއުތިރާޒެއް' ނެތް" ކަމުގެ ޖަވާބެވެ. ޕްރޮސެކިއުޓަ ޖެނެރަލްގެ އެ ޖަވާބާއި ޖޮއިންޓް ސެކްރެޓަރީއާ އެކު ބޭއްވެވި ބައްދަލުވުމާ ގުޅުމެއް ވެދާނެތޯ ސުވާލު އުފެދެ އެވެ.
އިންޑިއާ އިން ވަނީ އަނެއްކާ ވެސް އެކަމާ ވާހަކަ ދައްކާފަ އެވެ. އެ ގައުމުގެ އެކްސްޓާނަލް މިނިސްޓަރު ސަލްމާން ހޫރުޝީދު އިއްޔެ ވިދާޅުވީ "ރާއްޖޭގެ ޝަރުއީ ނިޒާމު ރަނގަޅު މިސްރާބަށް ދާނެ ކަމުގެ އިތުބާރު އިންޑިއާ އަށް އެބަ އޮތް" ކަމަށެވެ.
"އެ ގައުމުގެ [ރާއްޖޭގެ] ޝަރުއީ ނިޒާމު ރަނގަޅު މިސްރާބަށް ދާނެ ކަމުގެ އިތުބާރު އޮތްކަން އަހަރެމެން ފާޅުކުރަން، ނަސީބަކުން އެ ފަރާތުން ވަނީ އެކަން ކޮށްފައި،" ސަލްމާނު ހޫރުޝީދު އިއްޔެ ވިދާޅުވި ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ.
"ނަޝީދަކީ ކުރީގެ ރައީސެއް، އެމަނިކުފާނުގެ ވަރަށް މުހިއްމު ސިޔާސީ ޕާޓީއެއް އެބަ އޮތް، އެމަނިކުފާނު އަލުން ސިޔާސީ މަސައްކަތަށް އެނބުރިވަޑައިގެންފި، އަޅުގަނޑުމެން ހުރިހާ އެންމެންނަށް ވެސް ހެވަށް އެދެން،" ހޫރުޝީދު ވިދާޅުވެފައިވެ އެވެ.
އަދި އެންމެ ފަހުން އެގައުމުގެ ބޮޑުވަޒީރު މަންމޯހަން ސިންގް ވެސް މިކަމާ ވާހަކަފުޅު ދައްކަވާފި އެވެ. ވިދާޅުވި އެއްޗެއް އެއްފަރާތުގައި ބާއްވާފައި، ސިންގް އެކަމާ ވާހަކަ ދެއްކެވުން ވެސް އެއީ އިންޑިއާ އިން ވަކި ގޮތެއް ބޭނުންވާ ކަމުގެ އަލި ގަދަ ހެއްކެކެވެ.
ސިންގް ވިދާޅުވީ ރާއްޖޭގެ ވެރިކަން ބަދަލުވީ ފަހުން "ރާއްޖޭގެ ހާލަތު އޮތީ ދެރަކޮށް" ކަމަށާއި އެކަމަށް އޮތް ހައްލަކީ އިންތިހާބު ކަމަށެވެ.
"ރާއްޖޭގެ 2012ގެ ފެބްރުއަރީގެ ތެރޭގައި ހިނގާދިޔަ ހަމަނުޖެހުންތަކަށް ފަހު ކަންތައް މިހާރު ކުރިއަށްދަނީ ވަރަށް ދެރަ ގޮތަކަށް. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ރާއްޖެ އަށް އޮތް އެންމެ ރަނގަޅު ހައްލަކީ މިއަހަރު ބޭއްވުމަށް ތައްޔާރުވަމުންދާ ރިޔާސީ އިންތިހާބު،" މަންމޯހަން ވިދާޅުވި ކަމަށް އިއްޔެ ޒީނިއުސް އިން ބުންޏެވެ.
މިފަދަ ކަންތައްތަކުން ދޭހަވަނީ ކުރިން ރާއްޖޭގެ ދާހިލީ ކަންކަމާ މެދު ވިސްނާ ވަރަށް ވުރެ ބޮޑަށް އިންޑިއާ އިން މިހާރު ވިސްނާ ކަމެވެ. ރާއްޖެއާ މެދު ސަމާލުކަން ދިނުން ބޮޑުވުމެވެ. އަދި އެފަދަ ކަންކަމުގައި ކުރިން ބަސް ބުނި ވަރަށް ވުރެ އިތުރަށް މިހާރު ބަސް ބުނަމުންދާ ކަމެވެ.
އެހެންވީމާ އިންޑިއާ އިން އެބުނާ ފަދައިން އެ ގައުމުން "ރާއްޖެއާ މެދު ގެންގުޅޭ ސިޔާސަތު ހަމަ އޮތީ ބަދަލު ނުވެތޯ އަދި ވެސް އޮތީ 2008 ވަނަ އަހަރު ވެސް ގެންގުޅުނު ސިޔާސަތުތޯ މިހާރު ސުވާލު އުފެދެ އެވެ.
އިންތިހާބު ކައިރިވާ ވަރަކަށް ޖަވާބު ލިބެމުންދާނެ ކަމަށް ބެލެވެ އެވެ.
އެހެނީ އެ ގައުމުން ކުރިން ބުނެފައި ވަނީ ރިޔާސީ އިންތިހާބު އަންނަ އިރު އެ ގައުމުން ރާއްޖޭގެ ކަންކަމުގައި ބައިވެރިވެ، އެހީތެރި ވެދޭ މިންވަރު އިތުރު ކުރަން ޖެހޭ ކަމަށެވެ. އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުގެ ވަފުދެއް އައިސް އުޅެނީ ވެސް އެހެންވެ އެވެ. އެހެންވީމާ އިންޑިއާ އިން ނޭދޭ ގޮތަކަށް ރާއްޖޭގެ ސިޔާސީ އޮވައިރު ބަދަލުވާން އެ ގައުމުން ދޫކޮށްލާނެ ކަމަކަށް ނުބެލެވެ އެވެ.