މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބަކީ ހުރިހާ ޕާޓީއެއް ވާދަކުރާ މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް ވެގެންދާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް އިންޑިއާގެ ބޮޑުވަޒީރު މަންމޯހަން ސިންގް ވިދާޅުވެއްޖެ އެވެ.

ޒީ ނިއުސްގައި މަންމޯހަން ސިންގްއާ ހަވާލާދީ ލިޔެފައިވާ ހަބަރެއްގައި ބުނެފައި ވަނީ، ރާއްޖެއަށް އޮތް ހައްލަކީ ރިޔާސީ އިންތިހާބު ކަމަށާއި، އިންތިހާބަށް ފަހު ރާއްޖޭގެ މަޝްރަހަށް ހަމަޖެހުން އަންނާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް މަންމޯހަން ސިންގް ވިދާޅުވެފައިވާ ކަމަށެވެ.

"ރާއްޖޭގެ 2012 ގެ ފެބްރުއަރީގެ ތެރޭގައި ހިނގާދިޔަ ހަމަނުޖެހުންތަކަށް ފަހު ކަންތައް މިހާރު ކުރިއަށްދަނީ ވަރަށް ދެރަ ގޮތަކަށް. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ރާއްޖެއަށް އޮތް އެންމެ ރަނގަޅު ހައްލަކީ މިއަހަރު ބޭއްވުމަށް ތައްޔާރުވަމުންދާ ރިޔާސީ އިންތިހާބު" މަންމޯހަން ވިދާޅުވި އެވެ.

މަންމޯހަން ވިދާޅުވީ ރާއްޖޭގައި މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ އިންތިހާބުތަކަކީ ހުރިހާ ޕާޓީއަކުން ވާދަކުރާ މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް ވެގެންދާނެ ކަމުގެ ޔަގީންކަން އިންޑިއާ ސަރުކާރަށް އެބަ އޮތް ކަމަށެވެ.

ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާ ދެކޮޅަށް ކުރެވެމުންދާ ދައުވާގެ ސަބަބުން ރާއްޖޭގެ ސިޔާސީ މަޝްރަހުގައި އުފެދިފައިވާ ހަލަބޮލިކަން ހައްލުކުރުމަށް އިންޑިއާއިން މީގެ ކުރިންވެސް މަސައްކަތްކޮށްފައިވެ އެވެ. ނަމަވެސް މިއީ އިންޑިއާގެ ބޮޑުވަޒީރު މިމައްސަލާގައި މިހާ ދިގުކޮށް ވާހަކަދެއްކެވި ފުރަތަމަ ފަހަރެވެ.