08 Mar 2013, 22:59
ޕޮލިސް ކުލަބުން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ކޮމިޝަނާ އޮފް ޕޮލިސްގެ ވާދައިގެ ތަށްޓައް ކުޅެވޭ "ސީޕީ ކަޕް 2013" ފުޓްބޯޅަ މުބާރާތް މިއަދު ހަވީރު ފަށައިފި އެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްގެ ޑައިރެކްޓްރޭޓް އަދި ޑިޕާޓްމަންޓްތަކަށް ހުޅުވާލައިގެން އެފްއޭއެމްގެ ޓާފް އެއްނަންބަރު ދަނޑުގައި މިއަދު ހަވީރު 4:00 ޖެހިއިރު ފެށި އެމުބާރާތުގައި ޖުމްލަ 14 ޓީމަކުން ބައިވެރިވިއެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ބައްދަލުކުރީ ސްޕެޝަލިސްޓް ކްރައިމް ކޮމާންޑް އެފްސީގެ ޓީމާއި ވިލިމާލެ ކޮމްބައިން ޓީމެވެ.
ދެޓީމުގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ އެމެޗް 2-1 ލަނޑުން ކާމިޔާބު ކުރީ ސްޕެޝަލިސްޓް ކްރައިމް ކޮމާންޑް އެފްސީގެ ޓީމެޗެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑް ނަގާފައިވަނީ ވިލިމާލެ ކޮމްބައިން އެވެ. މެޗުގެ 11 ވަނަ މިނިޓްގައި ލިބުނު ހިލޭޖެހުމަކުން އެ ލަނޑު އެޓީމަށް ކާމިޔާބުކޮށް ދީފައިވަނީ އަހްމަދު އަޒްމީރުއެވެ.
ވިލިމާލޭ ކޮމްބައިން ލީޑްނެގި އެމެޗުގައި ސްޕެޝަލިސްޓް ކްރައިމް ކޮމާންޑް އެފްސީގެ ޓީމުން ނަތީޖާ އެއްވަރު ކުރި ލަނޑު ފުރަތަމަ ހާފްގެ 32 ވަނަ މިނެޓުގައި ސްޕެޝަލިސްޓް ކްރައިމް ކޮމާންޑް އެފްސީގެ ޓީމަށް ކާމިޔާބު ކޮށްދިނީ އަހުމަދު ޝާހިދެވެ. އަދި ސްޕެޝަލިސްޓް ކްރައިމް ކޮމާންޑް އެފްސީގެ ޓީމް މޮޅުކޮށްދިން ލަނޑު ދެ ވަނަ ހާފުގެ 65 ވަނަ މިނިޓްގައި ޖަހައި ދިނީ އަބްދުލް ވައްހާބު ޢަބްދުލް ޤާދިރެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ސްޕެޝަލިސްޓް ކްރައިމް ކޮމާންޑް އެފްސީގެ އަހުމަދު ޝާހިދެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ކޮމިޝަނާ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒެވެ.
މިއަދުގެ މެޗް ބަލައްވާލެއްވުމަށް ކޮމިޝަނަރު އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒުގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ޙުސައިން ވަހީދު ދަނޑަށް ވަޑައިގަތެވެ. އަދި ފުލުހުންގެ އިދާރާގެ އިސް ބައެއް އޮފިސަރުން ވެސް ވަނީ މިއަދުގެ މެޗް ބެއްލެވުމަށް ދަނޑަށް ހާޒިރުވެފަ އެވެ.
މުބާރާތުގައި މާދަމާ ދެ މެޗެއް ކުޅުމަށްވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗުގައި މާދަމާ ހެދުނު 10:30 ގައި ވާދަކުރާނީ ކަސްޓޯޑިއަލް އެފްސީ އާއި ކްލަބު އީއެމްއީޑީއެވެ. އަދި މާދަމާ މެންދުރު 12:30 ގައި ކުޅޭ ދެވަނަ މެޗުގައި ވާދަކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ސްޕެޝަލިސްޓް އޮޕަރޭޝަންސް (އެސްއޯ) އާއި ޓްރެފިކް ޕޮލިސް އެވެ.
މުބާރާތް ކުރިއަށްދާނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. އެއީ ގްރޫޕް "އޭ" އާއި ގްރޫޕް "ސީ" ގައި ފަސް ޓީމެއް ހިމެނޭއިރު ގްރޫޕް "ބީ" ގައި ހަތަރު ޓީމް ހިމެނޭ ގޮތަށެވެ.