08 Mar 2013, 16:15
ރާއްޖޭގެ ތަރައްގީއަށް ދިވެހި އަންހެނުންގެ ފަރާތުން ލިބެމުންދާ ހިއްސާ ދުވަހެއް ދުވަހަށް ބޮޑުވަމުންދާ ދިއުމަކީ ގައުމަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.
މިއަދު ދުނިޔޭގައި ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، ދިވެހި އަންހެނުންނަށް ރައީސް ފޮނުއްވެވި ތަހުނިޔާގެ މެސެޖުގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ އަންހެނުންގެ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ އަންހެނުންގެ މިއަދުގެ ހާލަތާއި، ލިބެމުންދާ ކުރިއެރުންތައް ވަޒަންކޮށް، ކުރިމަގަށް އަމާޒުކޮށްގެން ކުރިޔަށް ދިޔުމުގެ އިތުރު ފުރުސަތުތައް އަންހެނުންނަށް ހޯދައި ދިނުން ކަމަށެވެ.
ރައީސް ވަހީދުގެ މެސެޖުގައި އިތުރަށް ވިދާޅުވެފައި ވަނީ ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ މުޖުތަމައުގައި އަންހެނުންނާއި ފިރިހެންނާ ދެމެދު ހަމަހަމަކަން ގާއިމްކުރަން ކަމަށެވެ.
ރައީސްގެ ބަޔާނުގައި ވިދާޅުވެފައި ވަނީ ރާއްޖޭގައި އަންހެނުންނާ މެދު ދެކޭ ގޮތް ބަދަލުވަމުން އަންނަ ކަމަށެވެ.
"ތަރައްގީގެ މަޝްރޫއުތައް ރާވައި ހިންގުމުގައާއި، ގައުމު ބިނާކުރުމުގައި ހުރިހާ ދާއިރާއެއްގައި މަސައްކަތްކުރަމުން ގެންދާ އަންހެނުންގެ އަަދަދު އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުން އަންނަކަމީ، އަންހެނުންނާ ދޭތެރޭ ކުރިން ގެންގުޅެވުނު ވިސްނުން ބަދަލުވަމުން އަންނަކަމުގެ ހެތްކެއް" ރައީސްގެ ބަޔާނުގައިވެ އެވެ.