08 Mar 2013, 16:12
ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުއްވާލެއްވުމުން އެއްވެސް އިސްލާހަކާ ނުލައި މަޖިލީހުން ފާސްކުރި ސިޔާސީ ޕާޓީތަކުގެ ބިލް ތަސްދީގުވުމުން އެ ބިލްގެ ސަބަބުން ދިމާވާ އެންމެ ބޮޑު މައްސަލައަކީ އެބިލް ތަސްދީގުވުމާ ގުޅިގެން 10000 މީހުން ހަމަނުވާ ޕާޓީތައް އުވިގެންދާތީ ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ބައްޑާރަ ނައިބްގެ އޮފީހުން ސިޔާސީ ޕާޓީތަކުގެ ބިލްގެ ބައެއް މާއްދާތަކުގައި މައްސަލަ ހުރި ކަމަށް ބުނެ ސުޕުރީމް ކޯޓަށް އެ ބިލްގެ މައްސަލަ ހުށައަޅާފައި ވަނިކޮށް މިއަދު ދިއެފްއެމް އިން ގެނެސްދިން ވަން ޓޫ ވަން ޕްރޮގުރާމްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ބިލްގެ މައިގަނޑު މައްސަލައަކީ ކޮންމެ ޕާޓީއެއްގައި 10000 މީހުން ތިބެން ޖެހުމަށް ވުރެ އެ ބިލް ތަސްދީގްވާ ދުވަހުން ފެށިގެން އެ އަދަދަށް މެމްބަރުން ހަމަނުވާ ޕާޓީތައް އެ އަދަދު ހަމަކުރުމަށް ފުރުސަތެއް ނުލިބި އުވޭތީ ކަމަށެވެ.
"އެބިލްގަިއ އެންމެ ބޮޑު މައްސަލައަކަށް ނުކުންނަނީ 10000 މެމްބަރުން ޕާޓީއެއްގައި ހަމަވުމުގެ ކަންތައް އެކަންޏެއް ނޫން. ހަމައެހާ ބޮޑު މައްސަލައަކަށް ނުކުމޭ 10000 މެމްބަރުން ހަމަނުވާ ޕާޓިތައް އެ ބިލް ތަސްދީގް ކުރައްވާ ހިސާބުން އުވިގެންދާތީ. ގާތްގަނޑަކަށް 11 ވަރަކަށް ޕާޓީ އުވިގެންދޭ ފުރުސަތެއް ނުލިބި 10000 މެމްބަރުން ހަމަކުރަން ފުރުސަތެއް ނުލިބި،" ނަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެބިލް ފަރުމާކުރި އިރު 10000 މެމްބަރުން ހަމަކުރުމަށް ތިން މަސް ދުވަހުގެ މުއްދަތު ދިނުމަށް ހިމަނާފައިވީ ނަމަވެސް އެ ބިލް ފާސްވި އިރު އެ ބިލްގައި ހުރި އުނިކަމެއްގެ ސަބަބުން އެ ބިލް ފާސްވާ ދުވަހުން ފެށިގެން ކުދި ޕާޓީތައް އުވިގެންދާނެ ކަމަށެވެ. އަދި އެއީ ރަނގަޅު ގޮތެއް ކަމަށް ގަބޫލް ނުކުރައްވާ ކަމަށާއި އެ ބިލަށް ވޯޓް ނުދެއްވި މައިގަނޑު ސަބަބަކީ ވެސް އެއީ ކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ ބިލް އާ ދޭތެރޭ މަޝްހޫރު ގާނޫނީ ވަކީލް ނަޝީދު ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައިވާ އިރު އިއްޔެ ބަންޑާރަ ނައިބް އޮފީހުން ވަނީ އެ ބިލްގެ ބައެއް މާއްދާތަކުގެ މައްސަލަ ސުޕުރީމް ކޯޓަށް ހުށައަޅާފަ އެވެ. ބަންޑާރަ ނައިބް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ސުޕްރީމް ކޯޓަށް ވެއްދި މައްސަލައަކީ "10،000 މެމްބަރުންގެ ހަމަނުމުވާ ޕާޓީތައް އުވިގެންދާ،" މައްސަލައެއް ނޫން ކަމަށެވެ. އެ މައްސަލައަކީ ޕާޓީތައް އުވާލުމުން އެ ޕާޓީއެއްގެ ދަރަނިތަކަށް ޒިންމާވާނެ ފަރާތެއް ބަޔާންކޮށްފައި ނުވުމުން އެކަމުގައި ހައްލު ހޯދުމަށް ކުރާ ޗެލެންޗެއް ކަމަށެވެ.