އަލް-ގައިދާގެ ބާނީ އުސާމާ ބިން ލާދިންގެ ދަނބިދަރި އަދި އެ ޖަމިއްޔާގެ ތަރުޖަމާނުގެ މަގާމުގައި ހަރަކާތްތެރިވި ސުލައިމާން އަބޫ ގައިސް ހައްޔަރުކޮށްފި އެވެ.

އެމެރިކާގެ އޮފިޝަލުން ބުނީ އަބޫ ގައިސް ހައްޔަރުކޮށްފައި ވަނީ މިދިޔަ ހަފުތާގެ ތެރޭގައި އުރުދުންގައި ކަމަށެވެ.

އެމެރިކާގެ އެފްބީއައިން ބުނީ އަބޫ ގައިސްއަކީ އަލް-ގައިދާގެ ތެރޭގައި އުސާމާ ބިން ލާދިންއާ ވަރަށް ގާތްކޮށް މަސައްކަތްކުރި ފަރާތެއް ކަމަށާއި އެމަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެމެރިކާ އަށް ބިރުދެއްކުމާއި އެމެރިކާގެ ހަތުރުންނަށް ވާގިވެރިވުމަށް އަބޫ ގައިސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

އެމެރިކާ އަށް 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު ދިން ހަމަލާގެ ކުރިން އަބޫ ގައިސް މަސައްކަތްކޮށްފައި ވަނީ ކުވެއިތުގައި ޓީޗަރެއްގެ ގޮތުގަ އެވެ. ސެޕްޓެމްބަރު 11ގެ ހަމަލާއަށް ފަހު ކުވެއިތުން ވަނީ އަބޫ ގައިސްއަކީ ކުވެއިތުގެ ރައްޔިތެއް ނޫން ކަމަށް ނިންމާ، އޭނާ ޑީޕޯޓްކޮށްލާފަ އެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުގެ އޮފިޝަލުން ބުނީ 2001 ވަނަ އަހަރުގެ މޭ މަހުން ފެށިގެން 2002 ވަނަ އަހަރުގެ ނިޔަލަށް އުސާމާ ބިން ލާދިންއާ އެއްކޮށް އަބޫ ގައިސް މަސައްކަތްކޮށްފައިވާ ކަމަށެވެ. މިމުއްދަތުގެ ތެރޭގައި އެމެރިކާއަށް ހަމަލާދޭނެ ކަމަށް ބުނެ އިންޒާރުތައް ދޭ ތަފާތު ވީޑިއޯތަކުގައި ބިން ލާދިންއާ އެކު އަބޫ ގައިސް ފެނިގެންދެ އެވެ.

މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ވީޑިއޯއަކީ 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ހަމަލާތަކަަށް ފަހު، ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު އުސާމާ ބިން ލާދިންއާއި އަލް-ގައިދާގެ މިހާރުގެ ލީޑަރު އައިމަން އަލް-ޒަވާހިރީއާ އެކު އަބޫ ގައިސް ފެނިގެންދާ ވީޑިއޯއެކެވެ.

މިވީޑިއޯގައި ވެސް އަބޫ ގައިސް ވަނީ ބިން ލާދިން އާއި ޒަވާހިރީއާ އެކު އެމެރިކާ އަށް އެކި ގޮތް ގޮތުން އިންޒާރުތަކެއް ދީފަ އެވެ.

އޭނާއާ ދެކޮޅަށް ދައުވާ ކުރެވޭނީ އެމެރިކާގެ ނިއު ޔޯކުގައި ކަމަށް އެމެރިކާ އިން ބުނެފި އެވެ.

އަބޫ ގައިސްއާ ދެކޮޅަށް ކުރާ ދައުވާތަކުގެ ތެރޭގައި ސެޕްޓެމްބަރު 11ގެ ހަމަލާތައް ރާވާ ހިންގުމުގެ ތަފާތު ދައުވާތަކެއް ހިމެނެ އެވެ. ނިއު ޔޯކުގެ ކޯތެއްގައި އަބޫ ގައިސްއާ ދެކޮޅަށް ދައުވާކުރަން ނިންމާފައި ވަނީ މިހެންވެ ކަމަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބުނެ އެވެ.