08 Mar 2013, 14:53
މިއަދަކީ ބައިނަލް އަގުވާމީ ގޮތުން ފާހަގަ ކުރާ އަންހެނުންގެ ދުވަސް ކަމަށް ވާތީ، ރާއްޖޭގެ އެންމެހާ އަންހެން ބޭފުޅުންނަށް މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އިން ތަހުނިޔާ ފޮނުއްވައިފި އެވެ.
އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު ޢާއިޝަތު ރަފިއްޔާ މިއަދު ވިދާޅުވީ ބައިނަލް އަގުވާމީ ފެންވަރުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެނުންގެ ދުވަހެއް ރަސްމީ ސިފައެއްގައި ފާހަގަ ކުރަމުން އަންނަ އިރު، ރާއްޖޭގައި އަންހެނުންނަށް ހުރި ގޮންޖެހުންތަކާ މެދު ވަރަށް ސީރިއަސްކޮށް ވިސްނަން ޖެހިފައިވާ ކަމަށެވެ. އެ ގޮތުން މުޖުތަމައުގައި ބައެއް ފަރާތްތަކުން މިއަދު ވެސް އަންހެނުންނާ މެދު ދެކެނީ ދަށު ދަރަޖައިގެ ބައެއްގެ ގޮތުގައި ކަމަށާއި ދިރިއުޅުމުގެ އެކި މައިދާން ތަކުގައި އަންހެނުންނަށް އެކިކަހަލަ ހުރަސްތައް ކުރިމަތި ކުރުވާ ކަމަށެވެ.
އޭނާ ވިދާޅުވީ ސަރުކާރާއި އަމިއްލަ އެހެނިހެން ހުރިހާ ފަރާތްތައް ގުޅިގެން ދިވެހި މުޖުތަމައުގައި އަންހެނުންނާ މެދު ދެކޭ ގޮތް ބަދަލުކުރަން ޖެހިފައިވާ ކަމަށާއި އަންހެނުންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތް ކުރަން ޖެހިފައިވާ ކަމަށެވެ. މި ފަދަ ފުރުސަތުތައް ފަހިކުރުމަށް ޓަކައި ގާނޫނީ ގޮތުން ވެސް ދޫތަކެއް ލިބެން ޖެހޭ ކަމަށާއި އެ ކަމަށް ޓަކައި އެމްޑީއޭގެ ފަރާތުން ޚާއްސަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ރަފިއްޔާ ވިދާޅުވި އެވެ.
ރަފިއްޔާ އިތުރަށް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ސަގާފަތު ރޭވި ހިނގަމުން އަންނަ ގޮތަށް ބަލާ އިރު، ދިރިއިޅުމުގެ އެންމެ މުހިންމު ޒިންމާ ތަކެއް މިއަދު ވެސް އަދާ ކުރަނީ އަންހެނުން ކަމަށެވެ. އެ ގޮތުން ގޭތެރޭގެ ހުރިހާ ޒިންމާ ތަކާއި ދަރީން ތަރުބިއްޔަތު ކުރުމުގެ ޒިންމާގެ ވެސް އެންމެ ބޮޑު ބައެއް އަދާ ކުރަނީ އަންހެނުން ކަމަށެވެ. އެހެން ނަމަވެސް، މި ފަދަ މުހިންމު ޒިންމާތައް އަދާ ކުރާން ޖެހިފައިވާ ބަޔަކަށް އަންހެނުންވާ އިރު، އެ މީހުންނަށް ލިބެން ޖެހޭ އަސާސީ ބައެއް ހައްގުތައް ވެސް ނުލިބޭކަން ރަފިއްޔާ ފާހަގަ ކުރެއްވި އެވެ. އޭގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު ބައެއް ކަންކަމުގެ ގޮތުގައި ފާހަގަ ކުރެއްވީ ބައެއް ރަށްރަށުގައި އަންހުންގެ ޑޮކްޓަރުންގެ ޚިދުމަތް ލިބެން ނުހުރުމާއި ދަރީންގެ ފަށާ ތައުލީމު ކަމަށްވާ ޕްރީ ސްކޫލު ތައުލީމުން މަހުރޫމު ވެފައިވާ މައްސަލަ އެވެ.
ރަފިއްޔާ އިތުރަށް ވިދާޅުވީ އަންހެނުން އަމިއްލަ އަށް ވެސް އެ މީހުންގެ ހައްގުތައް ހޯދަން އާ ހިތްވަރަކާ އެކު ނުކުންނަން ޖެހިއްޖެ ކަމަށާއި އެކަމަށް އެމްޑީއޭގެ ފަރާތުން ގޮވައިލައްވާ ކަމަށެވެ.
"މިއަދު އަޅުގަނޑުމެންނަށް ފެންނަނީ ދުނިޔޭގެ ސިޔާސީ ގޮތުން އެންމެ ފުންނާބު އުސް، އެންމެ ބޮޑެތި ބައެއް ގައުމުތައް ހިންގުމުގެ ޒިންމާ ނަންގަވައިގެން ވެސް އަންހެން ބޭފުޅުން ތިއްބެވި މަންޒަރު. އެކަންކަމުން އަޅުގަނޑުމެން ދިވެހި އަންހެނުން ހިތްވަރު ހޯދަން އެބަ ޖެހޭ. ދިވެހި އަންހެނުންނަކީ ހުރިހާ ގޮތަކުން ވެސް މާ ކެރޭ އަދި ވިސްނުން ތޫނު ބައެއް ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ. އަޅުގަނޑުމެންގެ އަންހެން ބޭފުޅުން އާ ހިތްވަރަކާއި އާ ޖޯޝަކާ އެކު ގައުމުގެ ކުރިމަގު އުޖާލާ ކުރާން ނުކުތުމުގެ ވަގުތު މާބޮޑަށް ވެސް ޖެހިއްޖެ،" ރަފިއްޔާ ވިދާޅުވި އެވެ.
އެމްޑީއޭގެ އަކީ ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތެރެއިން އަސާސީ ގަވައިދުން ޑެޕިއުޓީ ލީޑަރެއްގެ މަގާމު އަންހެން ބޭފުޅަކަށް ދިނުމަށް ލާޒިމު ކުރި ފުރަތަމަ ސިޔާސީ ޕާޓީ އެވެ. އެ ޕާޓީގެ އަސާސީ ގަވައިދު ބުނާ ގޮތުން ޕާޓީގެ ލީޑަރުގެ ނައިބުންގެ ގޮތުގައި ތިއްބަވާ ތިން ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކު ވާން ޖެހޭނީ އަންހެން ބޭފުޅަކަށެވެ.