ޔުއެފާ ޔޫރޮޕާ ލީގުގެ ގަދަ ސޯޅައިގެ ފުރަތަމަ ލެގުގައި ރޭ ޔޫރަޕިއަން ޗެމްޕިއަންސް އިނގިރޭސި ވިލާތުގެ ޗެލްސީ ރޫމޭނިޔާގެ ސްޓެއުވާބުކުރެސްޓީ އަތުން ބަލިވެފައިވާ އިރު އިނގިރޭސި ލީގުގެ ޓޮޓެންހަމްއަތުން އިޓަލީގެ އިންޓަމިލާން ބަލިވެއްޖެ އެވެ.

ޔޫރަޕްގެ އެންމެ ފަހުގެ ދެ ޗެމްޕިއަނުންނަށް ޔޫރޮޕާ ލީގު ރޭ ވެގެން ގޮސްފައިވަނީ ހިތްދަތި ތަޖުރިބާ ތަކެއް ކުރެވުނު ރެޔަކަށެވެ. އެގޮތުން ރޫމޭނިޔާގެ ސްޓެއުވާ، އެޓީމުގެ 1980ގެ އަހަރުތަކުގައި ހޯދި ކާމިޔާބީތަކުގެ ދިރުން އާކޮށްފައިވަނީ ވިލާތުގެ އެންމެ ފަހުގެ ޗެމްޕިއަން އެކެއް ސުމަކުން ބަލިކޮށްގެންނެވެ.

ރޫމޭނިޔާގެ ނޭޝަނަލް އެރީނާގައި އެ ކުލަބުގެ 55000 ސަޕޯޓަރުންގެ ކުރިމަތީގައި ސްޓެއުވާ އަށް މެޗުގައި ޖަހައިދިން ހަމަ އެކަނި ލަނޑު ކާމިޔާބު ކޮށްދިނީ މެޗުގެ 34 ވަނަ މިނިޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ރައުލް ރުސެސްކޫ އެވެ. މެޗުގައި ޗެލްސީއިން ލަނޑެއް ކާމިޔާބު ކުރެވޭތޯ ބުރަ މަސައްކަތްތަކެއް ކުރިނަމަވެސް ސްޓެއުވާގެ ގޯލް ފޫއަޅުވާލެވޭ ގޮތެއް ނުވި އެވެ.

ވައިޓް ހާޓް ލޭންގައި ޓޮޓެންހަމް އާއި އިންޓަ ބައްދަލު ކުރިމެޗުގެ ހަވަނަ މިނިޓުގައި ޓޮޓެންހަމްއަށް ލީޑު ނަގައި ދިނީ އެޓީމުގެ ހުނަރުވެރި މިޑްފީލްޑަރު ގަރެތް ބޭލް އެވެ. މެޗުގެ 18 ވަނަ މިނިޓުގައި ޓޮޓެންހަމްގެ ގިލްފީ ސިގަޑްސަން ކާމިޔާބުކޮށްދިން ލަނޑުން އިންޓައަށް އިތުރަށް ޕްރެޝަރު ކުރިމަތި ކުރުވި އެވެ. ޓޮޓެންހަމްގެ ތިންވަނަ ލަނޑު ކާމިޔާބު ކުރީ މެޗުގެ 54 ވަނަ މިނިޓުގައި ޖޭން ވާޓަންގަން އެވެ. މުޅިމެޗް ގިނަވަގުތު ކޮންޓްރޯލް ކޮށްގެން ކުޅެމުންދިޔަ ޓޮޓެންހަމްގެ ކައިރީގައި އިންޓައަށް މާބޮޑު ކަމެއް ނުކުރެވި މެޗު ނިމިގެން ދިޔައީ ތިނެއް ސުމަކުން ޓޮޓެންހަމް މެޗް ކާމިޔާބު ކޮށްގެން ނެވެ.

ރޭގެ މެޗަށް ފަހު ޓޮޓެންހަމްގެ ކޯޗް އަންދްރޭ ވިޔަސްބޮއަސް ބުނީ 90 މިނިޓުވަންދެން އޭނާގެ ޓީމުން ދައްކާފައިވަނީ ވަރަށް ފުރިހަމަ އެޓޭކިން ގޭމެއް ކަމަށާއި އެހެން ނަމަވެސް އަދި މިއީ ނިމުނީ ނޫންކަމަށާއި ސެންސީރޯގައި ކުޅެން ޖެހޭ މެޗަކީ އުނދަގޫ މެޗަކަށް ވާނޭ ކަމަށެވެ.

ޗެލްސީގެ ކޯޗު ރަފާ ބެނިޓޭޒް ބުނީ ރޭގެ މެޗުން ބަލިވުމުން ވަރަށް ދެރަވި ކަމަށާއި އަދި އެޓީމަށް ރޭގެ މެޗުން ލަނޑު ޖަހާނޭ ދެ ފުރުސަތެއް ލިބި ބޭނުން ނުކުރެވުނީ ކަމަށެވެ. އެހެން ކަމުން ދެވަނަ ލެގުގައި އެޓީމް އަމިއްލަ ދަނޑުގައި ކުޅޭ މެޗުގައި މުޅި ޓީމު އެކަތިގަނޑަކަށް ވެގެން މެޗު ކާމިޔާބު ކުރަން މަސައްކަތް ކުރަން ޖެހޭނޭ ކަމަށެވެ.