އިންޑިޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ހައިކޮމިޝަނަރު ޝްރީ ޑީއެމް މުލޭގެ ނަމުގައި އޮރިއެންޓަލް ސޮސައިޓީ ފޯ ލިޓަރޭޗާއިން މާލޭގެ ސްކޫލުތަކުގެ ގްރޭޑް 6 އިން މަތީގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބޭއްވި، އިނގިރޭސި ބަހުން ޅެން ހެދުމުގެ މުބާރާތް، "ޝްރީ ޑީއެމް މުލޭ ޕޮއެޓްރީ ކޮމްޕެޓިޝަން 2013" ގެ އިނާމު ދިނުމުގެ ރަސްމިއްޔާތު މާލޭގައި ހުންނަ އިންޑިޔަން ކަލްޗަރަލް ސެންޓަރު (އައިސީސީ) ގައި އިއްޔެ ހަވީރު ބާއްވައިފިއެވެ.

މި މުބާރާތުން އެއްވަނައަށް އައީ ދަރުމަވަންތަ ސްކޫޫލުގެ ގްރޭޑް 10-އީގެ ދަރިވަރު މުޙައްމަދު ޔަނާލް އިޤްބާލެވެ. ދެވަނައަށް އައީ އަމީނިއްޔާ ސްކޫލުގެ ގްރޭޑް 9ގެ ދަރިވަރު ފާޠިމަތު ޝަހިންދާއެވެ. ތިންވަނައަށް އައީ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ގްރޭޑް 7-ޑީގެ ދަރިވަރު އުމާ ސްރިވާސްތަވްއެވެ.

ތީމަކަށް "ނޭޗަރ، އާޓް އެންޑް ޕީސް" ކަނޑައަޅައިފައިވާ މި މުބާރާތުން އެއްވަނައަށް އައި ބައިވެރިއާއަށް މާލެ-ކޮޗިން-މާލެ ރިޓާން ޓިކެޓުގެ އިތުރުން ހަނދާނީ ތަށްޓަކާއި 2500 ރުފިޔާ، ދެވަނައަށް އައި ބައިވެރިއާއަށް ހަނދާނީ ތަށްޓަކާއި 2000 ރުފިޔާ، އަދި ތިންވަނައަށް އައި ބައިވެރިއާއަށް ހަނދާނީ ތަށްޓަކާއި 1500 ރުފިޔާ އިނާމުގެ ގޮތުގައި ލިބުނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނު އަދި މި މުބާރާތް އެފަރާތަކަށް ނިސްބަތް ކުރެވިފައިވާ ޝްރީ ޑީއެމް މުލޭ ދެއްކެވި ވާހަކައިގައި އަދަބިއްޔާތުގެ މުހިންމުކަމާއި، ގައުމުގައި ހޭލުންތެރިކަން އިތުރުކުރުމުގައި އަދީބުންގެ ދައުރު އޮތް މިންވަރު ފާހަގަ ކުރެއްވިއެވެ. އަދި ދިވެހިރާއްޖެއަކީ ވަރަށް ހުނަރުވެރި ރައްޔިތެއް ދިރިއުޅޭ ގައުމެއް ކަމަށާއި، ދިވެހީންގެ ކިބައިގައިވާ ހުނަރުތައް ދެނެގަނެ އެ ހުނަރުތައް ތަރައްގީކޮށް ކުރިއެރުވުމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަ ދެއްކެވިއެވެ. އަދި މި މުބާރާތުގެ ތީމް ކަމުގައިވާ "ނޭޗަރ، އާޓް އެންޑް ޕީސް" އަށް ދަރިވަރުން ހަދައިފައިވާ ޅެންތައް ވަރަށް ވެސް ރަނގަޅު ކަމަށާއި، ޅެންތަކުގައި ދަރިވަރުން ފާޅުކޮށްފައިވާ ޝުއޫރުތަކަށް ބަލައިލުމުން ރާއްޖޭގެ ޅަ ޖީލުގެ ޒުވާނުން ކުރިމަގަށް ކުރާ އުންމީދުތައް ވަރަށް ރަނގަޅަށް އެނގިގެންދާ ކަމަށް ވިދާޅުވިއެވެ.

މި މުބާރާތް އިންތިޒާމު ކުރި، އޮރިއެންޓަލް ސޮސައިޓީ ފޯ ލިޓަރޭޗާގެ ފަރާތުން ވާހަކަ ދެއްކެވި އެ ޖަމިއްޔާގެ ރައީސް ވިދާޅުވި ގޮތުގައި އިނގިރޭސި ބަހުން ޅެން ހެދުމުގެ މުބާރާތެއް ބޭއްވުމުގެ ބޭނުމަކީ ދިވެހިރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދޭން ބޭނުންކުރާ މައިގަނޑު ބަހަކީ އިނގިރޭސި ބަސް ކަމަށް ވާތީ، އިނގިރޭސި ބަހުގެ އަދަބީ ހަރަކާތްތަކުގައި ބައިވެރިވާ ދަރިވަރުންނަށް ވާދަވެރި މުބާރާތެއްގައި ބައިވެރިވެވޭނެ ފުރުސަތު ހޯދައި ދިނުމެވެ.

އަދި މި އަހަރު ބާއްވާން ފެށި މު މުބާރާތް ކޮންމެ އަހަރަކު ވެސް ދެން ބާއްވާން ނިންމައިފައިވާ ކަމަށާއި މި މުބާރާތް ޝްރީ ޑީއެމް މުލޭއަށް ނިސްބަތް ކޮށްފައިވަނީ މިފަދަ އަދަބީ ހަރަކާތްތައް ހިންގުމުގައި އެ ޖަމިއްޔާއަށް ޝްރީ ޑީއެމް މުލޭގެ ފަރާތުން ލިބިފައިވާ އެހީތެރިކަން ފާހަގަ ކުރުމުގެ ގޮތުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ޝްރީ ޑީއެމް މުލޭއަކީ ވަރަށް މޮޅު ޅެންވެރިއެއް ކަން ފާހަގަ ކުރައްވަމުން، އޭނާގެ ޅެން ފޮތެއް ކަމުގައިވާ "ސުބަހް ކޭ އިންތިޒާރް މޭ" މިހާރު ދިވެހި ބަހަށް ވެސް ތަރުޖަމާ ކުރެވިފައިވާ ކަމަށާއި ،"ފަތިހެއްގެ އިންތިޒާރުގައި" މި ނަމުގައި މި ފޮތް ދިވެހިބަހަށް ތަރުޖަމާ ކުރެއްވީ ދިވެހި ބަހުގެ އިސް އަދީބު އަލްފާޟިލް ޢަބްދުﷲ ޞާދިޤު އާއި އަންނަބީލާ ޙަބީބާ ޙުސައިން ޙަބީބު ކަމަށް ވިދާޅުވިއެވެ.