ކަރަކާސް (މާޗް 8): މިދިޔަ އަންގާރަ ދުވަހު އަވަހާރަވި ވެނެޒުއެލާގެ ރައީސް ހޫގޯ ޗާވޭޒްގެ ހަށިކޮޅު ކުނިނުވާގޮތް ހެދުމަށް ފަހު ވެނެޒުއެލާގެ ޢަސްކަރީ ދާރުލްއާސާރުގައި ބޭއްވުމަށް ނިންމާފައިވާކަން އެގައުމުގެ ނައިބު ރައީސް ނިކޮލަސް މަދޫރޯ ހާމަކުރައްވައިފި އެވެ.

މަދޫރޯ ވިދާޅުވީ ޗާވޭޒްގެ ހަށިކޮޅު ކުނިނުވާގޮތް ހެދުމަށް ހަމަޖެހިފައި ވަނީ ކުރީގެ ސޮވިއެޓް ޔުނިޔަންގެ ބާނީ ވްލަޑިމޭރު ލެނިން އާއި ޗައިނާގެ ބާނީ މާއޮޒެޑޮންގް އާއި އުތުރުކޮރެޔާގެ ބާނީ ކިމްއިލްސަންގް ފަދަ ބޭފުޅުންގެ ހަށިކޮޅު ވެސް ކުނިނުވާގޮތް ހަދާފައިވާ ގޮތަށެވެ. ނަވާރަ ވަނަ ގަރުނުގައި ވެނެޒުއެލާގެ މިނިވަންކަމަށް ހަނގުރާމަކުރެއްވި އެގައުމުގެ މަޝްހޫރު ބަތަލު ސައިމަން ބޮލިވާރުގެ ހަށިކޮޅުވެސް ވަނީ ކުނި ނުވާގޮތް ހެދުމަށް ފަހު ދާރުލްއާސާރުގައި ބާއްވާފަ އެވެ. ކުނިނުވާ ގޮތް ހެދުމަށް ފަހު ޗާވޭޒްގެ ހަށިކޮޅު ވެނެޒުއެލާގެ ޢަސްކަރީ ދާރުލްއާސާރުގައި ބާއްވާނީ ރަސްމީ ޢިއްޒަތުގައި އޭނާގެ ޖަނާޒާގެ ކަންތައް ނިންމުމަށްފަހުގައި ކަމަށް ވެސް މަދޫރޯ ވިދާޅުވި އެވެ.

ޗާވޭޒްގެ ޖަނާޒާ ރަސްމީ ޢިއްޒަތުގައި ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަދު އެވެ. ޖަނާޒާގެ ކުރިން ޗާވޭޒްގެ ހަށިކޮޅަށް އެންމެ ފަހުގެ އަލްވަދާޢު ކިޔުމަށް ޓަކައި ވެނެޒުއެލާގެ ރައްޔިތުންގެ އެތަށް މިލިޔަން ބަޔަކު ވަނީ ކަރަކާސްގެ ބޮޑެތި މަގުތަކުގައި ކިޔޫ ހަދާފަ އެވެ. މިހާތަނަށް 2.5 މިލިޔަން މީހުން ޗާވޭޒްގެ މޫނުފުޅު ބަލައި އެންމެފަހުގެ އަލްވަދާޢު އޭނާ އަށް ކިޔާފައިވާ ކަމަށް ޚަބަރުލިބެ އެވެ. ޗާވޭޒްގެ ޖަނާޒާގައި ބައިވެރިވުމަށް ޓަކައި ދެކުނު އެމެރިކާގެ ގައުމުތަކުގެ އިސްވެރިންނާއި ދުނިޔޭގެ އެތައް ގައުމެއްގެ އިސްވެރިން މިހާރު ތިއްބެވީ ވެރިރަށް ކަރަކާސް ގައެވެ. ޗާވޭޒްގެ ޖަނާޒާގައި ދުނިޔޭގެ 30 ގައުމެއްގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޚަބަރު ލިބެ އެވެ.

ދެހާސް އެގާރަ ވަނަ އަހަރުން ފެށިގެން ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދެވި ޗާވޭޒް، ކިއުބާ އިން ދިގު މުއްދަތަކަށް ފަރުވާ ހޯއްދެވުމަށް ފަހު އެނބުރި ޤައުމަށް ވަޑައިގަތީ މީގެ ތިންހަފްތާ ކުރިންނެވެ. ކިޔުބާގައި ދިގުމުއްދަތަކަށް ފަރުވާހޯއްދެވި ނަމަވެސް ޗާވޭޒް އަށް ކެންސަރުބަލިން ޝިފާލިބިވަޑައިގެންފައެއް ނުވެ އެވެ. އެހެންކަމުން މިދިޔަ އަހަރު ވެނެޒުއޭލާގައި ބޭއްވި ރިޔާސީ އިންތިޚާބު ޗާވޭޒް ކާމިޔާބު ކުރެއްވި ނަމަވެސް، އާލާސްކަންފުޅުގެ ސަބަބުން ރައީސް ކަމުގެ ހުވާ ކުރައްވުމަށް އޭނާ ވަނީ ނުކުޅެދިވަޑައިގެންފަ އެވެ. ކަރަކާސްގެ ޢަސްކަރީ ހޮސްޕިޓަލެއްގައި އޮންނެވި ޗާވޭޒްގެ ޙާލުކޮޅު މިދިޔަ ހޯމަ ދުވަހު ކުއްލިއަކަށް ދަށަށް ގޮސްފައި ވަނީ އޭނާގެ ފުއްޕާމެއަށް ވަރުގަދަ ވައިރެހެއް ވަނުމުގެ ސަބަބުން ކަމަށްވެ އެވެ. ނަމަވެސް ޖެހިގެން އައި އަންގާރަ ދުވަހު ޗާވޭޒް އަވަހާރަވީ ހިތްޕުޅު ހުއްޓިގެންކަމަށް ޑޮކްޓަރުން ބުނެ އެވެ.

ޗާވޭޒް އަކީ ވެނެޒުއެލާގެ ރައްޔިތުންގެ އިޙްތިރާމާއި ޤަދަރާއި ލޯބި އާދަޔާ ޚިލާފަށް ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. ޗާވޭޒްދެކެރައްޔިތުން ލޯބިވަނީ އޭނާގެ ވެރިކަމުގައި އެގައުމުގެ އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ވަރަށް ބޮޑަށް ރަނގަނޅު ކުރެއްވުމުގެ ސަބަބުންނެވެ.

ޗާވޭޒް އަކީ ފަލަސްތީނުގެ ޙައްޤުތަކަށް ވެސް ވަރަށް ބޮޑަށް ތާއީދުކުރައްވާ އިސްރާއީލުގެ އަޅުވެރިކަމާއި އަނިޔާވެރިކަމާ ދެކޮޅަށް ވަރަށް ބޮޑަށ އަޑުއުފުއްލެވި ބޭފުޅެކެވެ. އަދި ޗާވޭޒްގެ ވެރިކަމުގައި އޭނާވަނީ ވެނެޒުއެލާގެ ކުރީގެ ސަރުކާރުތަކުން އިސްރާއީލާއެކު ޤާއިމްކޮށްފައިވާ ގުޅުންތައް މުޅިން ކަނޑާލައި ފަލަސްތީނަށް މާލީ ބޮޑެތި އެހީތަކެއް ވެދެއްވާފަ އެވެ. އެހެންކަމުން ޗާވޭޒް އަވަހާރަވުމުން ފަލަސްތީނުގައި ވެސް ވަނީ ހިތާމަ އިޢްލާންކޮށްފަ އެވެ. މީގެއިތުރުން ޗާވޭޒަކީ ދުނިޔޭގައި އެމެރިކާ ގެންގުޅޭ ތަޅާފޮޅުމާއި އަތްގަދަކުރުމުގެހަރުކަށި ސިޔާސަތުތަކާ ދެކޮޅަށް ވަރަށް ކެރިވަޑައިގެން އަޑުއުފުއްލަވައި ލެޓިން އެމެރިކާގެ ސަރަޙައްދުން އެމެރިކާގެ ބާރާއި ނުފޫޒު ކުޑަކުރުމުގައި މުހިއްމު އަދި ކާމިޔާބު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. (ނޫސްއެޖެންސީތައް)