08 Mar 2013, 13:46
ވޮޝިންޓަން (މާޗް 8): އުތުރުކޮރެޔާ އިން ކުރިމަތިކޮށްފާނެ ޢަސްކަރީ ކޮންމެ ބިރަކާ ކުރިމަތިލުމުގެ ޤާބިލްކަން އެބަހުރިކަމަށް އެމެރިކާ ބުނެފި އެވެ.
އެމެރިކާ އަށް ނިއުކްލިޔާ ކުއްލި ޙަމަލާއެއް ދޭންޖެހިދާނެ ކަމުގެ އިންޒާރު އުތުރުކޮރެޔާ ދިނުމާގުޅިގެން ވައިޓް ހައުސްގެ ތަރްޖަމާން ޖޭ ގާނީ ވިދާޅުވީ އެމެރިކާ އަށް ފޯރާފަދަ ދުރުރާސްތާގެ ސްޓްރެޓީޖިކް މިސައިލް އުތުރުކޮރެޔާގައި ހުރި ނަމަވެސް އުތުރުކޮރެޔާގެ ޙަމަލާއަކާދެކޮޅަށް އަމިއްލަ ނަފްސު ދިފާޢު ކުރުމުގެ ހުރިހާ ވަސީލަތްތަކެއް އެމެރިކާއަށް ލިބިގެންވާކަމުގަ އެވެ. އެމެރިކާ އަށް ނިއުކްލިޔާ ކުއްލި ޙަމަލާއެއް ދޭން ޖެހިދާނެ ކަމުގެ އިންޒާރު އުތުރުކޮރެޔާ އިން ދީފައި މިވަނީ އެމެރިކާ އިސްވެ އޮވެގެން އދ.ގެ ސަލާމަތީ މަޖިލިހުން އެގައުމާދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އިއްޔެ އެޅުމާގުޅިގެންނާއި ދެކުނު ކޮރެޔާއާ ގުޅިގެން އުތުރުކޮރެޔާގެ ސަރަޙައްދުގައި އެމެރިކާ، ޢަސްކަރީ ތަމްރީންތަކެއް ކުރިޔަށްގެންދާ މައްސަލައިގަ އެވެ.
އުތުރުކޮރެޔާއަކީ ނިއުކްލިޔާ ހަތިޔާރު އުފައްދާފައިވާ ގައުމެއް ނަމަވެސް އެމެރިކާ އަށް ނިއުކްލިޔާ ކުއްލި ޙަމަލާއެއް ދޭންޖެހިދާނެ ކަމަށް ބުނެ އުތުރުކޮރެޔާ ދިން އިންޒާރަކީ ޢަމަލީ ކަމަކަށް ވުރެ ބޮޑަށް ބަހުގެ ޙަމަލާއެއް ކަމަށް މުރާސިލުން ސިފަކުރެ އެވެ. އުތުރުކޮރެޔާ އިން ވަނީ އެމެރިކާ އިން އެގައުމަށް ނިއުކްލިޔާ ޙަމަލާއެއް ދޭންރާވާ ކަމަށް ވެސް ތުހުމަތުކޮށްފަ އެވެ.
މިދިޔަ މަހު އުތުރުކޮރެޔާ ކުރި ނިއުކްލިޔާ ތިން ވަނަ ތަޖްރިބާއާ ގުޅިގެން އެގައުމާ ދެކޮޅަށް އދ.ގެ ސަލާމަތީ މަޖިލީހުން އިއްޔެ ފާސްކުރި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި، އުތުރުކޮރެޔާ އަށް ބޭރުފައިސާ ލިބޭނެ ދޮރުތައް ބަންދު ކުރުމާއި އދ.ގެ ކަޅުލިސްޓްގައި ހިމެނޭ އުތުރުކޮރެޔާގެ މަސްއޫލުވެރިންނާއި ކުންފުނިތަކުގެ ޢަދަދު އިތުރުކުރުން ހިމެނެ އެވެ. މީގެ އިތުރުން އުތުރުކޮރެޔާގެ އިސްމަސްއޫލުވެރިން ބޭނުންކުރައްވާނެ ކަމަށް ބެލެވޭ ލަގްޒަރީ ތަކެތި އެގައުމަށް ވިއްކުން މަނާކުރުމާއި އުތުރުކޮރެޔާ އަށް އެތެރެކުރާ އަދި އެގައުމުން ބޭރުކުރާ މުދަލާއި ތަކެތި ބަލައި ފާސްކުރުން ވެސް އދ.ގެ ސަލާމަތީ މަޖިލީހުން އިއްޔެ ފާސްކުރި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެ އެވެ. (އަލްޖަޒީރާ)