ކުޅިވަރުގައި ބޭނުންކުރުން މަނާ ބޭސްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް އަހަރަކު އެއްފަހަރު ބާއްވާ ބައްދަލުވުން "އިންޓަގަވަމެންޓަލް މިނިސްޓްރީއަލް މީޓިން އޮން އެންޓި ޑޯޕިން އިން ސްޕޯޓްސް" މިމަހު 28 ން 29އަށް ރާއްޖޭގައި ބާއްވާގޮތަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީ އޮފް ހިޔުމަންރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސް އިން ބުނެފި އެވެ.

މި ބައްދަލުވުމަކީ ކުޅިވަރުގައި ބޭނުންކުރުން މަނާ ބޭސްތަކާ ބެހޭގޮތުން ސިޔާސަތު ކަނޑައެޅުމާއި އެކި ގައުމުތަކުގައި އެކަންތައް ކުރިއަށްދާ ގޮތް ހިއްސާ ކޮށް އަދި އެކަމުގައި ރަނގަޅުގޮތްތަކެއް ކަނޑައެޅުމަށް ކޮންމެ އަހަރަކުވެސް ބާއްވާ ބައްދަލު ވުމެކެވެ. އެގޮތުން މި ބައްދަލުވުމުގައި އޭޝިޔާ އަދި އޯޝޭނިޔާ ބައްރުގެ 45 ގައުމެއްގެ ކުޅިވަރާ ބެހޭ ވަޒީރުންނާއި އަދި އެފެންވަރުގެ ބޭފުޅުން ބައިވެރިވެވަޑައި ގަންނަވާނެ އެވެ.

ޒުވާނުންނާއި ކުޅިވަރާ ބެހޭ ވުޒާރާގެ ދާއިމީ ސެކްރެޓަރީ މުޙައްމަދު މާހިދު ޝަރީފް ވިދާޅުވީ މާޗް މަހުގެ 28-29 އަށް ސަން އައިލެންޑް ރިސޯޓްސް އެންޑް ސްޕާގައި ބާއްވަން ހަމަޖެހިފައިވާ އޭޝިޔާ އަދި އޯޝޭނިޔާ ސަރަހައްދުގެ ގައުމުތަކުން މަތީފެންވަރުގެ ގިނަ އަދަދެއްގެ ބޭފުޅުން މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނޭ ކަމަށް މިހާރުވެސް ޔަގީންވެފައި ވާކަމަށެވެ.

"މިފަހަރުގެ ޖަލްސާގައި 23 ގައުމަކުން 60 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވާނެ. މިހާތަނަށް ބައިވެރިވާނޭ ކަން އަންގަވާފައިވަނީ 3 ވަޒީރަކާއި ސްޓޭޓް މިނިސްޓަރުންނާއި ނައިބުންންނާއި އަދި އެ ގައުމުތަކުގައި އެންޓިޑޯޕިންގެ މަސައްކަތްކުރާ އެންމެ އިސް ވެރިން އޭގެތެރޭގައި ހިމެނޭ ހަމަ ވަޒީރުންގެ ފެންވަރުގައި މަސައްކަތްކުރާ ބޭފުޅުން" މާހިދު ވިދާޅުވި އެވެ.

މާހިދު ވިދާޅުވީ މިބައްދަލުވުމުގައި ދުނިޔޭގެ މިކަމުގެ އެންމެ އިސް ޖަމިއްޔާ "ވޯލްޑް އެންޓި-ޑޯޕިން އޭޖެންސީ" (ވާޑާ)ގެ ޑިރެކްޓަރު ޖެނެރަލް އާއި ޕްރޮގްރާމިން ޑެވެލޮޕްމަންޓުގެ ޑައިރެކްޓަރުވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށާއި އަދި އޭޝިޔާ އޯޝޭނިޔާ ރީޖަނަލް އޮފީހުގެ ޑައިރެކްޓަރާއި އެތަނުގެ އިސް ބޭފުޅުންވެސް ބައިވެރިވެ ވަޑައިގަންނަވާނޭ ކަމަށެވެ.

ދާއިމީ ސެކްރެޓަރީ ވިދާޅުވީ މިބައްދަލުވުމގެ އެންމެ ބޮޑު އަމާޒަކީ ކުޅިވަރުތަކުގައި ވާދަކުރާ ފަރާތްތަކުން "ކުޅިވަރުގައި ކުރިއަށް ދިއުމަށްޓަކައި ނުވަތަ ކުޅިވަރުގައި ރަންވަނައެއް ހާސިލްކުރުމަށްޓަކައި ބޭނުންކުރެވޭ ނޭދެވޭ ކަންތައްތަކެއް ހުއްޓުވުން،" ކަމަށެވެ.

މާހިދު ފާހަގަ ކުރެއްވި ގޮތުގައި 2004 ވަނަ އަހަރު ދިވެހިރާއްޖެއިން ވަނީ "ވޯލްޑް އެންޓިޑޯޕިން ކޯޑުގައި" ސޮއި ކޮށްފަ އެވެ. އަދި މިވަގުތު ދިވެހިރާއްޖެއަކީ ޔުނެސްކޯ ކޮންވެންޝަން އޮން އެންޓިޑޯޕިން ސްޕޯޓްސް ގެ ސިގްނޭޗަރީއެއް ކަމަށާއި އޭގައި ސޮއިކުރުމަށްފަހު ދިވެހިރާއްޖެ ގައުމެއްގެ ހައިސިއްޔަތުން ކުރަންޖެހޭ ވަރަށްގިނަ ކަންތައް އެބަހުރި ކަމަށެވެ.
"އޭގެތެރޭގައި ބައެއް ގާނޫނު ހެދުމާއި ގަވާއިދުތައް ހެދުން އެބަހުރި. މިކަންތައްތައް ކުރެވެންހުރީ އަޅުގަނޑުމެންގެ ތެރޭގައި މިކަންތައް ކުރަންތިބި މީހުންވެސް ހޭލުންތެރިވެގެން މިއީ ކޮންކަމެއްކަން އެނގިގެން ކަންތައްތަކެއް ކުރެވިގެން" މާހިދު ވިދާޅުވި އެވެ.

ރާއްޖޭގައި މި ބައްދަލުވުން ބޭއްވުމުން މިބައްދަލުވުމުން އަޅުގަނޑުމެންނަށްދެފައިދާއެއް ލިބޭނޭ ކަމަށް މާހިދު ވިދާޅުވި އެވެ. އޭގެ ތެރެއިން ތެރެއިން އެއްފައިދާއަކީ އަޅުގަނޑުމެންގެ މީހުން މިކަމަށް ހޭލުންތެރިވުމާއި އަޅުގަނޑުމެންގެ ކުޅުންތެރިންނަށާއި މީހުންނަށް މިކަމުން ހޭލުންތެރިވެ ލިބޭފައިދާތައް ކަމަށް މާހިދު ވިދާޅުވި އެވެ. އަދި ދެވަނަ ފައިދާއެއްގެ ގޮތުގައި ދިވެހިރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ގައުމަކަށް ވާތީވެ އޭޝިޔާގެ ގިނަގައުމުތަކުން މިތަނަށް މީހުން އައުމުން ރާއްޖޭގެ ފަތުރުވެރިކަމަށްވެސް އޭގެ ފައިދާ ކުރާނޭ ކަމަށް މާހިދު ވިދާޅުވި އެވެ.