ރާއްޖޭގެ ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމާއި ވަކިކުރުމާއި އެއްކޯޓުން އަނެއް ކޯޓަށް ފަނޑިޔާރުން ބަދަލު ކުރުމުގެ ގާނޫނީ ޒިންމާ މަތިކުރެވިފައިވާ ފަރާތަކީ ޖުޑިޝަލް ސާވިސް ކޮމިޝަނެވެ. އެ ކޮމިޝަނާ މެދު ރާއްޖޭގެ ގާނޫނީ ދާއިރާގެ ތަޖުރިބާކާރު ފަރާތްތަކާއި ސިޔާސީ ފަރާތްތަކުން ފާޑުކިޔަމުންދާ އިރު ބައިނަލްއަގުވާމީ ފަރާތްތަކުން ވެސް މިހާރު އެގެންދަނީ އެކޮމިޝަނުގައި ހުރި މައްސަލަތައް ފާހަގަ ކުރަމުންނެވެ.

ޝަރުއީ ނިޒާމާއި ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަން އޮތް މިންވަރު ބެލުމަށް އދ. އިން ފޮނުވި ހާއްސަ މަންދޫބު ގެބްރިއޭލާ ނައުލް ވަނީ ޝަރުއީ ނިޒާމްގައި ހުރި މައްސަލަތައް ފާހަގަކޮށްފަ އެވެ. އެގޮތުން ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމުގައި ޖުޑީޝަލް ސާވިސް ކޮމިޝަނުން ހަރުދަނާ އުސޫލެއް ނުގެންގުޅޭ ކަމަށް އޭނާ ފާހަގަކޮށްފައިވެ އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަންގައި މައްސަލަތަކެއް އުޅޭ ކަމަށް ރާއްޖެ އާއި ބޭރުގެ ފަރާތްތަކުން ބުނާއިރު އެކަން އެގޮތަށް ދިމާވާންޖެހެނީ ކީއް ވެގެން ކަމާ މެދު ވެސް މިއަދު ބަލައިލާން އެބަޖެހެ އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނަކީ ގާނޫނު އަސާސީގެ 157 ވަނަ މާއްދާ އިން އުފައްދާފައިވާ މުއައްސަސާއެކެވެ. ގާނޫނު އަސާސީގައި ބުނެފައިވާ ގޮތުން އެ ކޮމިޝަނުގެ މެންބަރުންނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ސުޕްރީމް ކޯޓުގެ ފަނޑިޔަރަކާއި ހައިކޯޓުގެ ފަނޑިޔާރަކާއި ސުޕީރިއާ ކޯޓުތަކުން އައްޔަން ކުރާ ފަނޑިޔާރެއްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެންބަރެއްގެ އިތުރުން ބަންޑާރަ ނާއިބާއި ގާނޫނީ ވަކީލުންގެ ތެރެއިން އައްޔަންކުރާ މެންބަރެކެވެ.

އެ ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަށް ބަލާ އިރު ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އެ މަޖިލީހުގެ މެންބަރެއްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރާއި ބަންޑާރަ ނާއިބަކީ ސިޔާސީ ބޭފުޅުންނަށް ނުވާނެ އެއްވެސް ގޮތެއް ނޯންނާނެ އެވެ. ރައްޔިތުންގެ މަޖިލީހުގައި 77 މެންބަރުން ތިއްބެވި އިރު މަދު މެންބަރެއް ފިޔަވައި ކޮންމެ މެންބަރަކީ ވެސް ކޮންމެވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ މެންބަރެކެވެ. އަދި ސިޔާސީ ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރުންނަކީ ވެސް ހަގީގަތުގައި ސިޔާސީ ބޭފުޅުންނެވެ.

އެއިރެއްގައި ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާ ބޭފުޅަކު ކޯޓުތަކަށާއި މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވާކަމަށް ބުނެ ގިނަ ފަރާތްތަކަކުން އަބަދުވެސް ގެންދަނީ ތުހުމަތުގެ އިނގިލި ދިއްކުރަމުންނެވެ. މިފަދަ ގޮތަކަށް ކަންތައް ވަމުން އަންނައިރުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރަކާއި ރައީސުލްޖުމްހޫރިއްޔާ އަށް ގާނޫނީ ލަފާދެއްވާ ބަންޑާރަ ނާއިބު އެ ކޮމިޝަނުގައި އިންނެވުމަކީ އެއިރެއްގައި އޮންނަ ސަރުކާރަކަށް އެ ކޮމިޝަނުގެ މަސައްކަތަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ކަމެއްކަމަށް ބެލެވޭނެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ ކޮމިޝަންގައި ތިއްބެވުމަކީ އެ ކޮމިޝަނަށް ސިޔާސީ ޕާޓީތަކުގެ ނުފޫޒު ވަދެ އެބައިމީހުން ބޭނުންގޮތަކަށް އެތަނުން ކަންކަން ނިންމުމުގެ މަގު ހުޅުވިފައި އޮންނަ އޮތުމެއް ކަމަށް ވެސް ބެލެވެ އެވެ.

ފަނޑިޔާރުންގެ މައްސަލަތައް ބަލާން އުފައްދާ ފައިވާ ކޮމިޝަނުގައި ފަނޑިޔާރުން ތިބޭގޮތަށް ކަނޑައަޅާފައިވާ އިރު ފަނޑިޔާރުން އަމިއްލައަށް އެބޭފުޅުންނާ ގުޅުންހުރި މައްސަލަތައް ބެލުމަކީ އިންސާފުވެރިކަމާ އެކު އެ ކޮމިޝަނުގެ މަސައްކަތްތައް ކުރެވިދާނެ ކަމާ މެދު ސުވާލު އުފެދޭ ކަމެކެވެ.

ގާނޫނީ ވަކީލު އަލީ ޝާހު ވިދާޅުވި ގޮތުގައި ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލަވާލެވިފައި ވަނީ އެ ކޮމިޝަން އޮންނާންވީ ގޮތަށް ނޫނެވެ. ކަމާ ނުބެހޭ މީހުން ކޮމިޝަނުގެ މެންބަރުގެ ގޮތުގައި ހަމަޖައްސާފައިވާ އިރު ފަނޑިޔާރުން އަމިއްލަ އަށް ފަނޑިޔާރުންގެ މައްސަލަ ބަލާން ބެއިތިއްބުމަކީ އެންމެ އިންސާފުވެރި ގޮތް ނޫން ކަމަށް ވެސް ޝާހު ވިދާޅުވެ އެވެ.

"ޖޭއެސްސީ އެކުލަވާލަން ޖެހޭ ގޮތަކަށް ނޫން ޖޭއެސްސީ އެކުލަވާލާފައި އެ އޮތީ. ފަނޑިޔާރުން ފަނޑިޔާރުންގެ މައްސަލަތައް ބަލާން ބޭތިއްބުމަކީ އެންމެ އިންސާފުވެރިގޮތެއް ނޫން. ދެން ދާއިރާތަކާ ނުގުޅޭ މީހުން އެބަތިބި މިސާލަކަށް ސިވިލްސާވިސް ކޮމިޝަންގެ ރައީސް. އެޓާނީ ޖެނެރަލް. މިނިޒާމް އެކުލަވާލާފައިވާ ގޮތުން އެންމެ އިންސާފުވެރިކަމާ އެކީ އެންމެ ހަރުދަނާކޮށް އެތަނުގެ މަސައްކަތް ކުރެވޭކަށް ނެތް،" ޝާހު ވިދާޅުވި އެވެ.

ގާނޫނު އަސާސީއާއި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނު ބުނާ ގޮތުން އެ ކޮމިޝަނާ ހަވާލުކުރެވިފައި ވަނީ ވަރަށް ވެސް ބޮޑު ޒިންމާތަކެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހުގެ ކަންތައްތަކުގައި އަވަދިނެތި އުޅޭއިރު އަދި ސިވިލްސާވިސް ކޮމިޝަންގެ ރައީސާއި ފަނޑިޔާރުން ވެސް އެބޭފުޅުންގެ މަގާމުގެ ގޮތުން އަދާކުރަން ޖެހޭ ވާޖިބުތަށް އެހާމެ ގިނައިރު ޖުޑީޝަލް ސާވިސް ކޮމިޝަން ފަދަ މިނިވަން މުސްތަގިއްލު މުއައްސަސާއެއްގައި ތިއްބައި އެތަނުގެ މަސައްކަތް އެންމެ ފުރިހަމަގޮތުގައި ކުރެވިދާނެ ކަމާ މެދު ސުވާލު އުފެދެއެވެ.

ނަންނުޖެހުމަށް ޝަރުތުކޮށް މަޝްހޫރު ގާނޫނީ ވަކީލަކު ވިދާޅުވި ގޮތުގައި ޖުޑީޝަލް ސާވިސް ކޮމިޝަން އުފެދިގެން މިއަދާ ހައަމަށް އެ ކޮމިޝަންގެ މަސައްކަތްތަކަށް ބަލާއިރު އެންމެ އެކަށޭނެގޮތުގައި ކަންކަން ކުރެވިފައި ނުވެ އެވެ. އޭގެ ސަބަބަކީ ތަފާތު އެކި ފަރާތްތަކުގެ ނުފޫޒު ވަންނަގޮތަށް ކޮމިޝަން އެކުލަވާލާފައި ވާތީ ކަމަށް ވެސް އޭނާ ވިދާޅުވެ އެވެ.

"ޖުޑީޝަލް ސާވިސް ކޮމިޝަން އުފެދުނު ފަހުން މިއަދާ ހަމައަށް ވެސް އެކަށީގެންވާ ވަރަށް އެ ކޮމިޝަންގެ މަސައްކަތް ކުރެވެމުން އަންނަތަނެއް ނުފެނޭ. ސިޔާސީ ޕާޓީތަކާ ސަރުކާރުގެ ނުފޫޒު ވަންނަ ފަދަ ގޮތަކަށް ކޮމިޝަން ބައްޓަން ކުރެވިފައިވާތީ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ މިހެން ވަނީ،" ގާނޫނީ ވަކީލަކު ވިދާޅުވި އެވެ.
ރާއްޖޭގެ ފަނޑިޔާރުގެތައް އިސްލާހު ކުރަން ޖެހޭ ވާހަކައަކީ އަބަދާއި އަބަދު ދިވެހީންގެ ތެރޭގައި ދެކެވެމުން އަންނަ ވާހަކައެކެވެ. ފަނޑޔާރުގެތައް އިސްލާހު ކުރުމުގައި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ދައުރެއް ވެސް އޮންނާނެ ކަމަށް ގަބޫލު ކުރެވެ އެވެ. ފަނޑިޔާރުންނާ ގުޅޭ މައްސަލަތައް އެކަށީގެންވާ އަވަސް މިނެއްގައި ބަލައި އިސްލާހު ކުރަން ޖެހޭ ކަންތައްތައް ހުރިނަމަ ވީއެންމެ އަވަހަކަށް އެކަން ހައްލުކުރެވޭތޯ އެ ކޮމިޝަނުން މަސައްކަތް ކުރާން އެބަޖެހެވެ. ނަމަވެސް އެކަށީގެންވާ ހަލުވިމިނެއްގައި އެ މައްސަކަތް ކުރެވެމުން ނުދާވާހަކައަކީ ގިނަ ބަޔަކު އަބަދުވެސް ދައްކަމުން އަންނަ ވާހަކައެކެވެ.

ރާއްޖޭގެ އާ ގާނޫނު އަސާސީގައި ވެސް އިސްލާހު ކުރަން ޖެހޭ ބައެއް ކަންތައްތަކެއް ހުރިކަމަށް ގަބޫލުކުރެވެ އެވެ. ޚާއްސަ ގޮތެއްގައި ސިޔަސީ ފަރަތްތަކާއި ސަރުކާރުގެ ނުފޫޒު ނުވަންނާނެ ފަދަގޮތަކަށް އަދި މިހާރަށް ވުރެ އާންމުން އިތުބާރުކުރާ ފަދަގޮތަކަށް އެ ކޮމިޝަން ބައްޓަންކުރަން ޖެހެ އެވެ. އެކަން އެގޮތަށް ކުރެވޭނީ އެކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލު ކޮށްގެނެވެ. އެހެންކަމުން މިކަމާމެދު ފުންކޮށް ވިސްނާވަޑައިގެން އެ ކޮމިޝަނަކީ އާންމުން އިތުބާރު ކުރާފަދަ މުސްތަގިއްލު ކަމާ އެކު މަސައްކަތް ކުރާތަނަކަށް ހެދުމަށް ރައްޔިތުން އިންތިޚާބުކޮށްފައިވާ މަންދޫބުންގެ ދައުރު ވަރަށް ބޮޑެވެ.