މއ. ފްރެންޒީ ގޭގެ ހަވަނަ ފަންގިފިލާގެ އެޕާޓްމަންޓަކުން ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށް ނެގިކަމަށް ތުހުމަތު ކުރެވޭ މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް، ޗީފް އޮފް އިންސްޕެކްޓާ މުޙައްމަދު ދާއޫދު ވިދާޅުވީ އެ މައްސަލައިގައި ދައުވާ ކުރުމަށް ފޮނުވާފައި ވަނީ މއ. ފްރެންޒީ އަހްމަދު ރިޔާޒު މުހައްމަދު 42، ގެ މައްޗަށް ކަމަށެވެ.

އޭނާ ވިދާޅުވީ އެގެއިން ފައިސާތައް ވަގަށް ނަގާފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުގެ މެންދުރު 12:15 ހާއިރު ކަމަށެވެ.

އެ މައްސަލަ ތހަުގީގު ކުރުމަށް ފުލުހުން އެގެއަށް ގޮސް ބެލިބެލުމުން އެ އެޕާރޓްމަންޓަށް ވަދެފައިވަނީ ކުޑަދޮރެއް ހަލާކުކޮށްލައިގެން ކަން އެނގުނު ކަމަށާއި ފައިސާތަށް ވަގަށް ނަގާފައިވަނީ އެތަނުގެ ކޮޓަރިއެއްގެ އެނދެއްގެ ގޮދަޑިއެއްގެ ދަށުގައި ހުއްޓާކަމަށް ވެސް ދާވޫދު ވިދާޅުވި އެވެ. އެގޮތުން ވަގަށް ނަގާފައިވަނީ ގޮދަޑި ދަށުގައިހުރި 9000 އަށް ވުރެ ގިނަ އެމެރިކާ ޑޮލަރާއި ދިވެހި 50000ރ. އާއި 60000 ސްރީލަންކަން ރުޕީސް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ފައިސާ ވަގަށްނެގި ކަމުގެ ތުހުމަތު ރިޔާޒުގެ މައްޗަށް ކުރެވިގެން އޭނާ ހައްޔަރުކުރިފަހުން ތަހުގީގަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޭނާގެ ކުރީގެ އަނބިމީހާ ދިރިއުޅެމުންދާ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރި އިރު ވަގަށް ނަގާފައިވާކަމަށް ބެލެވޭ 7360 އެމެރިކާ ޑޮލަރާއި 18000ރ. އާއި ވަގަށް ނަގާފައިވާ ފައިސާއިން ގަނެފައިވާކަމަށް ބެލެވޭ ތަކެތިވެސް އެތަނުން ފެނިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ހުރިހާތަކެއްޗެއް ވެސް މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާ އަކީ މީގެކުރިންވެސް ވައްކަމާއި މާރާމާރީގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑްތައް އޮންނަ މީހެއްކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.