އެމްއެންޑީއެފް އިން މާލޭ އެއް ނަމްބަރު ކުނިކޮށި ސާފު ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލް އާއި އެމްޓީސީސީއާ ގުޅިގެން މިހާރު ފަށާފައިވާއިރު އެކުނިކޮށިން އުކާލާ ކުނި ތިލަފުއްޓަށް ގެންދިއުމަށް އިތުރު ބާޖެއް ބޭނުންކުރަން ފަށައިފިއެވެ.

ކުނިކޮށި ހުސްކުރުމުގެ މަސައްކަތް މޮނީޓާކުރާ އެމްއެންޑީއެފް އިން ބުނީ ރެއިން ފެށިގެން ކުނިކޮށިން ނަގާ ކުނިތައް ތިލަފުށްޓަށް ގެންދިއުމަށް ބޭނުން ކުރާން ފަށަފައިވާ އިތުރު ބާޖަކީ ވިލާ ޝިޕިން ގެ ބާޖެއް ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ ކުނިކޮށި ހުސްކޮށް ސާފުކުރުމުގެ ގޮތުން ކުނިކޮށީގައި ހުރި ކުނިތައް ލޮރީތަކަށް އަޅައިގެން ގެންގޮސް ބާޖަށް ކުނިތައް ބަރުކުރުމުގެ މަސައްކަތް މެދުކަނޑާނުލާ ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖައްސަވާފައި ކަމަށެވެ.

ކުނިކޮށި ހުސްކުރުމަށް އިތުރު ބާޖެއް ބޭނުންކުރަން ފަށާފައިވާއިރު އެމްއެންޑީއެފްގެ ސްޕޯކްސްޕާސަން ކާނަލް އަބްދުއްރަހީމް އަބްދުއްލަތީފް ވިދާޅުވީ ކުނިގޮނޑި ހުސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެމްޓީސީސީ އާއި ސިޓީ ކައުންސިލާ ގުޅިގެން ކަމަށާއި އެމްއެންޑީއެފުން އަދާކުރާނީ އެ މަސައްކަތް މެނޭޖްކުރުމާއި މޮނިޓާ ކުރުމުގެ މަސައްކަތް ކަމަށެވެ.

ކުނިގަނޑު ހުސްކުރުމުގެ މަސައްކަތް ސިފައިންނާ ހަވާލުކޮށްފައި މިވަނީ ކުނިގޮނޑުން އަރަމުންދާ ދުމުގެ ސަބަބުންނާ އެ ގޮނޑުން ދުވާ ނުބައި ވަހާ ގުޅިގެން އެސަރަހައްދުގައި ހުންނަ އިމާދުއްދީން ސްކޫލްގެ ޓީޗަރުންނަށާއި ކުދިންގެ ހާލު ދެރަ ވުމާ ގުޅިގެން ސްކޫލްގެ ކިޔެވުން ބަންދުކޮށްފައިވަނިކޮށެވެ.