13 Oct 2010, 12:12
25 މިލިޔަން ޑޮލަރު އިންވެސްޓް ކުރުމުން ނޫނީ އައިޖީއެމްއެޗްގެ މެނޭޖްމަންޓް އިންޑިއާގެ އެޕޯލޯއާ ހަވާލު ނުކުރައްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނޫސް ވެރިންނާ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ އެޕޯލޯއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން 25 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ގެންނަން ޖެހޭނެ ކަމަށެވެ.
"އެ އިންވެސްޓްމަންޓާ ނުލައި މެނޭޖްމަންޓް ހަވާލުކުރުމުގެ ވާހަކައެއް އަޅުގަނޑުމެން ނުދައްކަން. މިސާލަކަށް އެއާޕޯޓް. ތިންސަތޭކަ ހަތްދިހަ މިލިއަން ޑޮލަރާ ނުލައި އެއާޕޯޓް ހަވާލުކުރާ ވާހަކައެއް އަޅުގަނޑުމެން އެއްވެސް އިރެއްގައެއް ނުދައްކަން. އެ ބޭނުންވާ ވަރަށް ހެލްތީ އިންވެސްޓްމަންޓް ގެންނަންވާނެ. ގެނައީމަ އެޕޯލޯ އަށް ލިބޭނީ" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އައިޖީއެމްއެޗްގެ މައްސަލައިގައި އެޕޯލޯ ގްރޫޕްން ކުރު އަކުރުތައް ކިޔަމުން އައި ނަމަވެސް 25 މލިޔަން ޑޮލަރުގެ އިންވެސްޓްމެންޓަ ގެނެސްގެން ނޫނީ ދޫނުކުރައްވާނެ ކަމަށާއި އެ އަދަދަށް ފައިސާ ލިބުމުން އެކަން ހަމަޖެހިގެންދާނެ ކަމަށެވެ.
އަދި ވިދާޅުވީ އައިޖީއެމްއެޗް ހިންގުން އެޕޯލޯއާ ހަވާލުކުރުމުގައި ސަރުކާރާއި އެ ކުންފުންޏާ ދެމެދު ހިޔާލު ތަފާތުވުންތަކެއް އެބަހުރި ކަމަށާއި އެޕޯލޯއާ އައިޖީއެމްއެޗް ހަވާލު ކުރެވޭތޯ މި އަހަރުގެ ނިޔަލަށް ބައްލަވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އެޕޯލޯ އެގްރީމަންޓާއިގެން ކުރިއަށް ނުގެންދެވިއްޖެ ލޯނު ނަގައިގެން ސަރުކާރުން ކުރިޔަށްދާނެ ކަމަށާއި އެޕޯލޯ އަށް ލަފާ ކުރެވިފައި އޮންނަނީ އެ ކެޕިޓަލް އިންވެސްޓްމަންޓުގެ ތެރޭގައި އިންޑިޔާ ސަރުކާރުގެ އެހީއެއްވެސް ހިމެނޭ ކަމަށާއި ނަމަވެސް ސަރުކާރުން އެއްވެސް އިރެއްގައި އެގޮތަށް ނުދެކޭ ކަމަށެވެ.