ސްކޫލްތައް ބަންދުވެ ޗުއްޓީ ފެށުނުތާ ކުރީކޮޅުގެ ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. ފެންބިލު ދައްކާލަށް އެމް، ޑަބުލިޔު، އެސް، އީ އަށް ހިނގައްޖައީމެވެ. އޭރު އެތަނުގައި ތިބީ އެންމެ ތިންމީހުންނެވެ. އެއީ ފައިސާ ބަލައިގަންނަ ކޮށިގަނޑުގައި ޚިދުމަތް ލިބިގަންނަން ތިބި ދެމީހަކާއި އެތަނުން މީހަކާއެކު ގޮސް އިން އެހެން މީހެކެވެ. އޭނާ އިނީ ނަންބަރަށް އިންތިޒާރުކުރާ ގޮނޑިތަކުން ގޮނޑިއެއްގައެވެ. އަޅުގަނޑު ގޮސް ނަންބަރުމެޝިނުން ނަންބަރެއް ނަގަން މަޑުކޮށްލުމާއެކު ގޮނޑީގައި އިންމީހާ ބުނެލައިފިއެވެ. "ރާއްޖެތެރޭ މީހުން ފުރައިގެން ދިޔައިމާ މިތަންތަން ނުވޭ ވަދެލާނެ މީހަކުވެސް. މިތަންތަނަށް ފައިސާވެސް މިދެނީ ރަށްފުށު މީހުން. ގަބޫލުކުރިޔަސް ނުކުރިޔަސް މާލެ ހިންގާ މީހުންނަކީ ރާއްޖެތެރޭ މީހުން. އެމީހުން ނެތިއްޔާ މާލެއެއްވެސް ނޯންނާނެ." ފާޑަކަށް ހިނިއައިސްފައި އިނދެ އެމީހާ ވާހަކަދައްކަމުން ގެންދިޔައެވެ.

އޭނާ އެ ދެއްކި ވާހަކައާ ގުޅިގެން ހަނދާނަށް އައީ އެއްދުވަހަކު ރައްޓެއްސަކު ދެއްކި ވާހަކައެކެވެ. އެނާއަކީ މާލޭގައި ކުއްޔަށް އުޅޭ، އުތުރުގެ ރަށަކަށް ނިސްބަތްވާ މީހެކެވެ. އޭނާ ދެއްކީ އޭނާ ކުއްޔަށް ހިފައިގެން އުޅޭ ގޭގެ މީހުންގެ ވާހަކައެވެ. އެއީ ހައެއްކަ ބުރިއަށް ހުންނަ ގެއެކެވެ. ގޭގެ ވެރިން އުޅެނީ ތިރީ ކޮންމެވެސް ބައެއްގައެވެ. އެކުވެރިޔާ އުޅެނީ މަތީ ފަންގިފިލައެއްގައެވެ. އެންމެން ބޭނުންކުރަނީ އެއް ސިޑިއެކެވެ. އެތަނުގައި ދިރިއުޅޭތާ އަހަރަކަށްވުރެ ގިނަ ދުވަސް ވީއިރު، ގޭވެރިން ސިޑިން އަރައި ފައިބާ ހަދާވަގުތު، ޖެހި ފިތިގެން ދާއިރުވެސް އަނގައިން ބުނެނުލާތާނގައި، ހިނިތުންވެ ނުލާތާނގައި، އެމީހުންގެ ކުޑަ ދަރިއަކާ ދިމާއަށްވެސް ހަތަރުކަޅި ހަމަކޮށް ބަލައިނުލައެވެ. އެއާޚިލާފަށް މޫނުމަތިން ދައްކަނީ ބޮޑާކަމާއި ކިބުރުވެރިކަމުގެ މަވެތިކަމެވެ. އެހެންނަމަވެސް ހާލަތު ހުރީ މިފަދަ މަވެތިކަން ދެއްކޭފަދަ ފެންވަރެއްގައެއްވެސް ނޫނެވެ. އެކުވެރިޔާ ބުނާގޮތުންނަމަ، ހަމަ ކޮންމެ ފަހަރަކުވެސް މަސް ނިމުމުގެ ހަފުތާއެއްވަރު ކުރިން، ކުރިއަށް އޮންނަ މަހުގެ ކުލި ހޯދަން އާދެއެވެ. ލިބޭ އެއްޗަކުން މިއޮންނަނީ ދެކޮޅުވެސް ނުޖެހިފައެވެ. ވަރުން ނޭޅޭމީހުންގެ އަތުން ދަރަންޏަށް ނަގަން ޖެހިފައެވެ.

މިއީ މާލޭގައި ގެދޮރު ހުންނަ ބައެއް މީހުންގެ ކަންކަން ހުންނަ އުޞޫލެވެ. ތިމާގެ ގޭގައި ކުއްޔަށް އުޅޭ، ރަށްފުށު މީހާއާ މެދު ނިކަމެތިކޮށް ހިތުމަކީ ހިނގާކަމެކެވެ. ރަށްފުށުގެ "ގަބުޅިކަތީބަކަށް" ވިޔަސް، މާލޭގެ "ބޭފުޅަކަށް" ވިޔަސް އިންސާނީ ވަންތަކަމަށް ބަލާއިރު ވާނީ ހަމަހަމައެވެ. ތަފާތަކީ އެއްބަޔަކުގެ ގެދޮރު މާލޭގައި ހުރެފައި، އަނެއްބަޔަކަށް އެނަޞީބު ﷲ ތަޢާލާ ނުދެއްވާކަމެވެ. ގައުމަށް "ތަރައްޤީ" އައިސްފައިވާ ގޮތުން، ރަށްރަށުން ޒަރޫރީ ބޭނުންތައް ވެސް ފުއްދޭވަރު ނުވާތީ، މަޖުބޫރީ ހާލަތުގެ ތެރެއިން މާލެއަށް އަންނަން ޖެހެނީއެވެ. ކުއްޔަށް ތަންތަން ނަގަން ޖެހެނީއެވެ. ދަރާ ވިކިގެން ނަމަވެސް، ބުނާ ކުއްޔަކާއި އެޑްވާންސް ފައިސާވެސް ދީގެން ތިބޭއިރު، ދޭތެރެއަކުން ގޭގެ ވެރިފަރާތުން އެތަނަށްވަދެ، ބެލްކަނީގައި މިވެނިކަމެއް ކޮށްގެން ނުވާނޭ، ބަދިގޭގައި މިވެނި އެއްޗެއް ކައްކައިގެން ނުވާނޭ ބުނާ ހިސާބަށް ކަންކަން ގެންގޮސްގެން ނުވާނެއެވެ. ގަބޫލު ނުކުރެވުނަސް މިފަދަ ކަންކަންވެސް ހިނގާފައި އެބަހުއްޓެވެ. ތަޖުރިބާ ކުރެވިފައި ތިބި މީހުން މިކަމަށް އެއްބަސްވާނެއެވެ.

އެއްވެސް ތަނެއްގައި އެންމެން އެއްގޮތެއް ނުވާނެއެވެ. ރަނގަޅު މީހުންވެސް އުޅޭނެއެވެ. މާލޭގައި އަމިއްލަ ބިންތައް ހުރި، ތަނަވަސް މީހުންގެ ތެރޭގައިވެސް ރަނގަޅު މީހުން އެބަ އުޅެއެވެ. ތިމާގެ ގެދޮރު ކުއްޔަށް ހިފައިގެން ދިރިއުޅޭ މީހުންނަކީ އިންސާނުންކަން ގަބޫލުކުރާ މީހުން އުޅެއެވެ. އެމީހުންނަށް ދަތިވާނޭ ގޮތަކަށް ކަމެއް ނުކޮށް، ދަތިވާ ކަންކަމުގައި ލުއިފަސޭހަގޮތްތައް ހޯދައިދޭ މީހުންވެސް މަދެއް ނޫނެވެ. މިވާހަކަ މިދެކެވެނީ ކުރިން މިދެންނެވި ފަދަ މީހުންވެސް އުޅޭތީއެވެ. އެފަދަ މީހުން ވެސް ވިސްނަންވީ އެ އުޅުން ބަދަލުކުރާށެވެ. ތިމާ، ލޯނު ނަގައިގެން ހެދި ދިހަ ބާރަ ބުރީގެ އިމާރާތުން ފައިސާ ނެރެދީ، ލޯނު ދެއްކުމުގައި އެހީތެރިވެދޭ ފަރާތަކީ، އެއްކަލަ މާލޭގައި އުޅޭނެ އަމިއްލަ ބިމެއް ނެތް ރަށްފުށުގެ މީހާއެވެ. ތިމާގެ އަނބިދަރިންނާއި މުޅި އާއިލާ، ކޮންމެ ޗުއްޓީއެއްގައި ރާއްޖޭން ބޭރަށް ގޮސް މަޖާކޮށްލާފައި އަންނަން ފުރުޞަތު ހޯދައިދެނީ، ހަމަ އެއްކަލަ ފަސްކުޅަނދު މަދުކަމަށް ބުނާ ގަބުޅިކަތީބެވެ. ތިމާމެން އަތުން ފައިން ކަމެއް ނުކޮށް، ދެއަތް އުރާލައިގެން ތިއްބާ، ގޭގެ ޚަރަދު ބަރަދު ހަމަޖައްސައިދެނީ، ތިމާމެން ހަތަރުކަޅި ހަމަކޮށްލާނެ ފެންވަރު ނެތްކަމަށް ގަބޫލުކުރާމީހާއެވެ.

އެހެންކަމަށް ވާނަމަ ރަށްފުށުން އައި މީހާ މީއީ އާދައިގެ މީހެއް ނޫނެވެ. އޭނާއަށް މާލޭ މީހުން ޝުކުރު އަދާކުރަން އެބަޖެހެއެވެ. އިހުތިރާމް ކުރަން އެބަޖެހެއެވެ. ހިނިތުންވެފައި ވާހަކަދައްކަން އެބަޖެހެއެވެ. ދަތިވާ ކަންކަން ހުރިތޯ ބަލައި ފުއްދައިދޭން އެބަޖެހެއެވެ. ފެންބިލު ދައްކަން ދިޔަ ތަނުން ދިމާވި މީހާ ބުނިހެން މާލެ މާލެއެއްގެ ގޮތުގައި މި އޮންނަނީ އެމީހުން އައިސް މާލެއަކަށް ހަދައިދޭތީއެވެ. މިކަން ޖެހޭނީ ގަބޫލުކުރާށެވެ. މިއީ ހަގީގަތެވެ.