އިރުގައި އުފެދުނު ވަރުގަދަ "ސޯލާ ފުލެއާ" އެއް މާސްއާ ދިމާއަށް މިސްރާބު ޖެހުމާއެކު، މާސްގައި ތަހުލީލުތަކެއް ހަދަމުންދާ ނާސާގެ ކިއުރިއޯސިޓީ ރޯވާއަށް އަރާމު ކޮށްލަން ވަގުތުކޮޅެއް ލިބިއްޖެ އެވެ.

އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ބުނީ މާސްގައި މިހާރު ހަރަކާތްތެރިވަމުންދާ، ކިއުރިއޯސިޓީއަކީ މޫސުމަށް އަންނަ މިފަދަ ބަދަލުތަކުގެ ތެރޭގައި މަސައްކަތް ކުރުމުގެ ގާބިލްކަން ލިބިފައިވާ އުޅަނދެއް ނަމަވެސް، އެއްވެސް ކަހަލަ ރިސްކެއް ނަގަން ބޭނުން ނުވާތީވެ، ކިއުރިއޯސިޓީގެ ހުރިހާ ސިސްޓަމެއް ޝަޓްޑައުން ކޮށްލާފައިވާ ކަމަށެވެ.

އިރުގައި އުފެދޭ ސޯލާ ފުލެއާއަކީ އިރުގެ ސަތުހުގެ މަތީގައި އުފެދޭ ގޮވުންތަކުގެ ސަބަބުން ދުނިޔެއަށް ފެންނަ އައްޔަށް ސައެންސްވެރިން ދީފައިވާ ނަމެކެވެ. މިފަދަ ގޮވުންތަކާއެކު އިރުގައިވާ ވަރުގަދަ ރޭޑިއޭޝަންގެ ޕާޓިކަލްތައް ކައުނުގެ ތެރެއަށް ދޫވެގެންދެ އެވެ.

އެމެރިކާގެ ނެޝަނަލް އޯޝަނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަނުން ބުނީ މިފަހަރު ފެނިފައިވާ ސޯލާ ފުލެއާ އުފެދިފައި ވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށާއި، ފުލެއާއާ އެކު މާސްއާ ދިމާއަށް ރޭޑިއޭޝަންގެ ވަރުގަދަ ވިލާގަނޑެއް ގަޑިއަކު ދެ މިލިއަން މޭލުގެ ބާރުމިނެއްގައި ދަތުރުކުރަމުންދާ ކަމަށެވެ.

ނާސާގެ ޖެޓް ޕްރޮޕަލްޝަން ލެބޯޓަރީ (ޖޭޕީއެލް) އިން ބުނީ ދާދި ފަހުން ކިއުރިއޯސިޓީގެ މެމޮރީއަށް ކުޑަ މައްސަލައެއް ޖެހުނު ކަމަށާއި، އޭގެ ފަހުން މިކަހަލަ ކަންކަމުގައި އެއްވެސް ރިސްކެއް ނަގަން ބޭނުން ނުވާތީވެ ސިސްޓަމް ޝަޓްޑައުން ކޮށް ކުރިއަށް ގެންދިޔައީ ކަމަށެވެ.

ހަތް މަސް ދުވަހުގެ ދިގު މުއްދަތެއް ވަންދެން މަސައްކަތް ކުރުމަށްފަހު، ކިއުރިއޯސިޓީއަށް އަރާމުކޮށްލުމަށް ވަގުތުކޮޅެއް ލިބިފައިވާ ނަމަވެސް، މިމުއްދަތުގެ ތެރޭގައި ވެސް މާސް ވަށާ އެނބުރެމުންދާ ނާސާގެ އޮޕޮޗުނިޓީގެ އިތުރުން، އިތުރު ދެ ޖައްވީ އުޅަނދެއް މަސައްކަތް ކުރަމުންދާނެ ކަމަށް ޖޭޕީއެލްއިން ބުނެ އެވެ.

މިފަހަރު އުފެދިފައިވާ ސޯލާ ފުލެއާގެ ސަބަބުން ދުނިޔެއަށް އެއްވެސް އަސަރެއް ނުކުރި ނަމަވެސް، މީގެ ކުރިން އުފެދިފައިވާ ބައެއް ސޯލާ ފުލެއާތަކުގެ ސަބަބުން ދުނިޔެއަށް އަސަރުކޮށްފައިވެ އެވެ. ދުނިޔޭގެ ވަށައިގެންވާ މެގްނެޓިކް ފީލްޑުގެ ސަބަބުން ސޯލާ ފުލެއާގެ ރޭޑިއޭޝަންގެ ސަބަބުން ކުރިމަތިވާނެ އެންމެ ނުރައްކާތެރި އަސަރުތަކުން ދުނިޔެއަށް ރައްކާތެރިކަން ލިބެ އެވެ. އެހެން ނަމަވެސް މިފަދަ ފުލެއާތަކުން އުފެދޭ ރޭޑިއޭޝަނާއެކު ބައެއް ގައުމުތަކުގެ ކަރަންޓު ގުރިޑްތައް ހަލާކުވެ، ސެޓެލައިޓްތަކަށް ގެއްލުންވުމުގެ ރިޕޯޓްތައް ދޭތެރެ ދޭތެރެއިން ކުރަމުންދެ އެވެ.

ދުނިޔެ ހިމެނޭ މަޑިކިލަނބު (ގެލެކްސީ) ކަމަށްވާ ދަރުބު (މިލްކީ ވޭ) ގެ ހަތަރު ވަނަ ގުރަހަ (ޕްލެނެޓް) މާސްއަކީ ދުނިޔެއާ 139 މިލިއަން މޭލު ދުރުގައިވާ ޕުލެނެޓެކެވެ. މާސްގައި ހުރި ޖިއޮގްރަފިކަލް އަދި ޖިއޮލޮޖިކަލް ކަންކަން ދިރާސާކޮށް ތަހުލީލުކުރުމުގެ މަސައްކަތުގައި ކިއުރިއޯސިޓީ ރޯވާ ދަތުރު ފަށާފައި ވަނީ 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. 2012 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި މާސްއަށް ތިރިކުރުމަށްފަހު މިހާތަނަށް މާސްއާ ގުޅޭ ގިނަ ހޯދުންތަކެއް ސައެންސްވެރިން ވަނީ މީހަކާ ނުލައި މަސައްކަތްކުރާ އަދި ކާރަކާ އެއް ސައިޒުގެ ކިއުރިއޯސިޓީގެ އެހީގައި ހޯދާފަ އެވެ.