ހުޅުމާލޭގައި 28 މިލިޔަން ރުފިޔާ ހަރަދު ކޮށްގެން މިނީ މޯލްއެއް އިމާރާތް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ހުޅުމާލޭ ޑިވޮލޮޕްމެންޓް ކޯޕްރޭޝަން (އެޗްޑީސީ) ގެ ބަޖެޓުން ހަރަދު ކޮށްގެން ހަދާ މިނީ މޯލް އަކީ 15 މަސް ދުވުގެ ތެރޭގައި ނިންމުމަށް ޖައުސާ ކޮންސްޓްރޮކްޝަނާ، ހަވާލު ކޮށްގެން އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ތަނެކެވެ.

ހުޅުމާލޭގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މިނީ މޯލްގެ ބިންގާ އަޅުއްވައި ދެއްވައި ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ ހުޅުމާލޭގައި އަލަށް އިމާރާތް ކުރެވޭ މިނީ މޯލް އަކީ ހުޅުމާލޭ ތަރައްގީ ކުރުމަށް އެޅިގެންދާ ވަރަށް މުހިންމު ބިންގަލެއް ކަމަށެވެ. އެގޮތުން ހުޅުމާލޭގައި އިމާރާތް ކުރެވޭ މިނީ މޯލްގެ ސަބަބުން އެތަނުގައި ދިރިއުޅޭ ރައްޔިތުންނާއި އަދި އެތަން އާބާދު ކުރުމަށް ވެސް އިތުރު ފަސޭހަތަކެއް ވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހުޅުމާލޭގައި އިމާރާތް ކުރާ މިނީ މޯލް އަކީ ތިން ބުރީގެ މައްޗަށް އެކުލެވޭ އަދި ދެ ބުރީގެ ބްލޮކަކާ، ތިން ބުރީގެ ބްލޮކަކާ ހަތަރު ބުރީގެ ބޮލޮކްގެ މައްޗަށް އެކުލެވޭ ގޮތަށް އިމާރާތް ކުރެވޭ ތަނެއް ކަމަށް ހުޅުމާލޭ ޑިވޮލޮޕްމެންޓް ކޯޕްރޭޝަން އިން މައުލޫމާތުދެ އެވެ. މީގެ އިތުރުން އެތަނުގައި ވިޔަފާރި ކުރެވޭ ގޮތަށް 20 ޔުނިޓް ގާއިމް ކުރެވިގެންދާނެ ކަމަށެވެ. އޭގެ އިތުރުން އެތަނުގައި ޑޭކެއާ ސެންޓަރަކާއި ބޭންކްތަކާއި ސުޕަމާކެޓަކާއި އަދި އިފޯސްތައް ގާއިމް ކުރެވިގެން ދާނެ ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.

ހުޅުމާލޭގައި އިމާރާތް ކުރެވޭ މިނީ މޯލް ނިމުމަށް ފަހު އެތަނުގައި ވިޔަފާރި ކުރަން ބޭނުންވާ ފަރާތް ތަކަށް އެފުރުސަތު ހުޅުވާލާނެ ކަމަށް ވެސް އެޗްޑީސީއިން މައުލޫމާތުދެއެވެ.

އެޗްޑީސީ އިން އިތުރަށް ބުނެފައި ވަނީ މިނީ މޯލް އިމާރާތް ކުރުމަށްދާ ހަރަދު ހޯދުމަށް ހަމަޖެހިފައިވަނީ މިނީ މޯލް އިމާރާތް ކުރުމަށް ފަހު އެތަން ކުއްޔަށްދީގެން ކަމަށެވެ.