07 Mar 2013, 21:38
ހދ. ނޮޅިވަރަމް އިންޖީނުގޭގެ ސެކިއުރިޓީ ބަލަހައްޓާން ހުރި މީހާއަށް ބިރުދެއްކުމަށް ފަހު އެތަނުގެ ތިޖޫރީގައި ހުރި 26،000 އަށް ވުރެ ގިނަ ރުފިޔާ ފޭރުނު މައްސަލައިގެ ތުހުމަތުގައި ފަސް މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މީހުން ހައްޔަރުކޮށްފައި ވަނީ އެއަތޮޅު ވައިކަރަދޫ ބަނދަރުގައި އޮތް ދޯންޏެއްގައި ތިއްބާ މިރޭ 8:00 ހާއިރު ކަމަށެވެ. އަދި ހައްޔަރުކޮށްފައި ވަނީ އުމުން 22 އަހަރުގެ މީހަކާއި 24 އަހަރުގެ މީހަކާއި 25 އަހަރުގެ މީހަކާއި 27 އަހަރުގެ މީހަކާއި 33 އަހަރުގެ މީހެއްކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ނޮޅިވަރަމް ކައުންސިލް މެންބަރު ޔޫސުފް މޫސާ ވިދާޅުވީ އެ ފައިސާތައް ފޭރިގެންފައި ވަނީ ރޭ މެންދަމު 3:30 ހާއިރު މޫނު ނިވާކޮށްގެންތިބި ހަތަރު މީހަކު އިންޖީނުގެއަށް ގޮސް އެތަނުގެ ސެކިއުރިޓީ ބަލަހައްޓާން ހުރި މީހާގެ އަނގަމަތީ ޓޭޕްއަޅައި އޭނާގެ ދެފައި ބަނދެ ވަޅިން ބިރުދެއްދެއްކުމަށް ފަހު ކަމަށެވެ.