07 Mar 2013, 20:57
ރައްޔިތުންގެ މަޖިލީހުގެ މިނިވަންމުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހާޒިރުވެފައި ނުވަނީ ކޮމިޝަންގެ ކުއްލި ޖަލްސާއެއް ބާއްވައި މަޝްވަރާ ކުރެވޭގޮތް ނުވުމުން ކަމަށް ވިދާޅުވެ އެ ކޮމިޝަންގެ ރައީސް އާދަމް މުހައްމަދު އަބްދުﷲ ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވައިފި އެވެ.
ޖޭއެސްސީގެ ރައީސް މަޖިލީހަށް ފޮނުވި ސިޓީގައި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ހާޒިރުވާން އެ ކޮމިޝަނަށް މަޖިލީހުން ސިޓީ ފޮނުވާފައި ވަނީ ބުދަ ދުވަހު ކަމަށް ވިދާޅުވެފައި ވެއެވެ. އަދި އެ ދުވަހުގެ ހަވީރު 3:00 ގައި އެރޭ 8:30 އަށް ކޮމެޓީއަށް ހާޒިރުވާން ސިޓީ ފޮނުވާފައި އޮތްނަމަވެސް ގާނޫނު އަސާސީން އެ ކޮމިޝަން އެކުލެވިފައިވާ ގޮތުން އެއީ ޖަވާބުދާރީވާން ތައްޔާރުވުމަށް އެކަށީގެންވާ ވަގުތެއް ނޫންކަމަށް ވެސް އެ ސިޓީގައި ވިދާޅުވެފައި ވެއެވެ.
އާދަމް މުހައްމަދުގެ ސިޓީގައި ވިދާޅުވެފައި ވަނީ އެ ވަގުތަކީ އެކަށީގެންވާ ވަގުތަކަށް ނުވިނަމަވެސް ކުއްލި ޖަލްސާއެއް ބޭއްވުމަށް އެ ކޮމިޝަނުން މަސައްކަތް ކުރި ކަމަށާއި ނަމަވެސް ޖަލްސާގެ ކޯރަމް ހަމަނުވުމުން އެކަން ނާކާމިޔާބު ވެފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ކޯރަމް ހަމަވާ މިންވަރަށް މެންބަރުން ހަމަވެފައި ނުވާކަމަށް ހިތާމަޔާ އެކު ފާހަގަކުރާ ކަމަށް ވެސް އެ ސިޓީގައި ވިދާޅުވެފައި ވެއެވެ. އަދި ކަން އެހެން އޮތްއިރު މިނިވަން މުއައްސަސާތަކާ ބެހޭ ކަންތައްތައް ނިންމުމުގެ ބާރު ގާނޫނުއަސާސީން ލިބިދީފައި ވަނީ މަޖިލީހަށް ކަމަށާއި އެ ކޮމެޓީއަށް ޖޭއެސްސީން ހާޒިރު ނުވާތީ އެކަމާ ކަންބޮޑުވާކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އެމަނިކުފާނަށް ސިޓީއެއް ފޮނުއްވާފައިވާތި އެކަމާ ހިތާމަ ކުރައްވާ ކަމަށް ވެސް އާދަމް މުހައްމަދުގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ޖޭއެސްސީ ހާޒިރު ކުރަން އުޅެނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލަ ބެލުމަށް ހުޅުމާލޭ ކޯޓުގައި ޖޭއެސްސީން ކަނޑައަޅާފައިވާ ފަނޑިޔާރުންގެ ބެންޗާ ގުޅޭ ގޮތުން ސުވާލު ކުރުމަށެވެ.