ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލާފައިވާ ޖިނާއީ ދައުވާގެ ޝަރީއަތް ހިންގުމަށް ހުޅުމާލޭ ކޯޓަށް ފަނޑިޔާރުން އައްޔަން ކުރި ގޮތް ބެލުމަށް ޖޭއެސްސީގެ ވަކި މެންބަރުންތަކެއް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އަށް ހާޒިރު ކުރަން ފާސްކޮށްފައި ވާތީ ޖޭއެސްސީގެ ބައެއް މެންބަރުން ކަންބޮޑުވުންފާޅުކުރައްވައިފި އެވެ.

މިރޭ ބާއްވާ މަޖިލީހުގެ ކޮމެޓީ އަށް ހާޒިރު ކުރަނީ ޖޭއެސްސީގެ ނައިބު ރައީސް އަދި ކްރިމިނަލް ކޯޓްގެ ގާޒީ އަބްދުﷲ ދީދީ އާއި އާންމުގެ ތެރެއިން ކޮމިޝަނަށް ހޮއްވަވާފައިވާ މެންބަރު އަދި ކުރީގެ ގާޒީ ޝުވައިބު އަބްދުއްރަހުމާނާއި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދެވެ. އެބޭފުޅުންނަކީ ކޮމެޓީ އަށް ވަޑައިގަންނަވަން "ރުހިވަޑައިގަންނަވާ" ބޭފުޅުން ކަމަށް ކޮމެޓީން ވަނީ ބުނެފަ އެވެ. ނަމަވެސް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ރާއްޖެ އިން ބޭރަށް ފުރައިވަޑައިގެންފައި ވާތީ އެމަނިކުފާނު ކޮމެޓީ އަށް ވަޑައިނުގަންނަވާނެ ކަމަށް މަޖިލީހުން ބުންޏެވެ.

ޖޭއެސްސީގެ އެ ތިން މެންބަރުންނަށް ގުޅުއްވައި، އެ ބޭފުޅުން ކޮމެޓީ އަށް ހާޒިރު ކުރުމަށް ފާސްކޮށްފާއިވާ އިރު، ކޮމިޝަންގައި ދެން ތިއްބެވި ހަ މެންބަރުނަށް ގުޅުއްވާފައި ނުވާތީ ބައެއް މެންބަރުން ކަންބޮޑުވުންފާޅު ކުރަމުންދާ ކަމަށް ޖޭއެސްސީ ބުންޏެވެ.

އެ ކޮމިޝަންގެ މީޑިއާ އޮފިޝަލް ހަސަން ޒަހީން މިރޭ ވިދާޅުވީ ކޮމިޝަންގައި ތިއްބެވި މެންބަރުން ކޮމެޓީއަށް ވަޑައިގަންނަވަން "ރުހިވަޑައިގަންނަވާ ކަމެއް ނުވަތަ ނޫން ކަމެއް" މަޖިލީހުން ގުޅައި އޮޅުންފިލުވާފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ އެކަމާ ކަންބޮޑުވެވަޑައިގެން ޖޭއެސްސީގެ ދެ މެންބަރަކު ޝަކުވާ ކުރައްވާފައިވާ ކަމަށާއި އެ ކޮމިޝަންގެ އެއްވެސް މެންބަރަކު މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އަށް ހާޒިރުވުމަށް ދެކޮޅު ހައްދަވާފައި ނުވާނެ ކަމަށެވެ.

ޒަހީން ވިދާޅުވި ގޮތުގައި ކޮމެޓީއަށް ހާޒިރުވުމަށް މަޖިލީހުން ގުޅުއްވާފައި ނުވާތީ ކަންބޮޑުވުން ފާޅުކުރެއްވީ ހައި ކޯޓްގެ ފަނޑިޔާރު އަބްދުﷲ ހަމީދާއި ވަކީލުންގެ ތެރެއިން އެ ކޮމިޝަންގައި އިންނަވާ އަހުމަދު ރަޝީދު ކަމަށެވެ.

ޖޭއެސްސީގެ ތިން މެންބަރަކު މަޖިލީހަށް މިރޭ ހާޒިރު ކުރަން ނިންމި ކޮމެޓީގެ މުގައްރިރަކަށް އިންނެވި ދިއްދޫ ދާއިރާގެ މެންބަރު އަހުމަދު ސަމީރު ވިދާޅުވީ ޖޭއެސްސީގެ މެންބަރުން ކޮމެޓީ އަށް ހާޒިރު ކުރައްވަނީ ވަކިވަކިން ކަމަށާއި ހުރިހާ މެންބަރުން ވެސް އެގޮތަށް ހާޒިރު ކުރައްވާނެ ކަމަށެވެ. އެ ގޮތުން މިރޭ ކޮމެޓީ އަށް ހާޒިރު ކުރުމަށް ނިންމަވާފައިވާ ބޭފުޅުންނަނީ ކޮމެޓީ އަށް ހާޒިރުވުމާމެދު އެއްވެސް މައްސަލައެއް ނެތް ބޭފުޅުން ކަމަށް އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭ ކޯޓުގެ ބެންޗަށް ފަނޑިޔާރުން ކަނޑައެޅި ގޮތާ ގުޅޭ ގޮތުން ކޮމެޓީ އަށް ޖަވާބުދާރީވުމަށް ދެކޮޅު ހަދައި، ޖޭއެސްސީގެ ރައީސް އަދި ސުޕްރީމް ކޯޓްގެ ފަނޑިޔާރު އާދަމް މުހައްމަދު ވަނީ މަޖިލީހުގެ ރައީސް އަށް އިއްޔެ ސިޓީއެއް ފޮނުވާފަ އެވެ. ސިޓީގައި ބުނެފައި ވަނީ ޝަރީއަތުގައިވާ އެއްވެސް މައްސަލައަކަށް ނުފޫޒު ފޯރާފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެ ކަމަށް ސުޕްރީމް ކޯޓުގެ އަމުރަކުން ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެއާ ހިލާފަށް ނިންމާ ކޮންމެ ނިންމުމަކީ ބާތިލު ނިންމުމަކަށް ވާނެ ކަމަށް އެ އަމުރުގައި ބަޔާންކޮށްފައިވުމުން އެ ކޮމިޝަންގެ ފަރާތުން ސާފުކުރަން އެދިފައިވާ ކަމަކީ މިހާރު ކޯޓުގައި ހިނގަމުންދާ މައްސަލައެއް ކަމަށް ސިޓީގައި ބުނެ އެވެ.

އެ ސިޓީއާ ގުޅޭ ގޮތުން ޖޭއެސްސީގެ ޒަހީން ވިދާޅުވީ އެ ސިޓީއަކީ އެ ކޮމިޝަންގެ ނިންމުމެއް ނޫން ކަަމަށާއި އެ ސިޓީއަކީ ކޮމިޝަންގެ ރައީސްގެ ހައިސިއްޔަތުން ފޮނުއްވާފައިވާ ސިޓީއެއް ކަމަށެވެ.