މިދިޔަ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް އެންމެ ގިނައިން ހުށަހެޅިފައި ވަނީ ފުލުހުން މީހުންނަށް އަނިޔާކޮށް ލާއިންސާނީ ދަށުދަރަޖައިގެ އަމަލުތައް ހިންގާފައިވާ ކަމަށް ބުނާ މައްސަލަތައް ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން މިހެން ބުނެފައި ވަނީ އެ ކޮމިޝަނުގެ ފާއިތުވި އަހަރުގެ އަހަރީ ރިޕޯޓުގަ އެވެ.

އެ ކޮމިޝަންގެ އަހަރީ ރިޕޯޓުގައި ބުނެފައި ވަނީ މިދިޔަ އަހަރު އެ ކޮމިޝަނަށް 133 މައްސަލަ ހުށަހެޅިފައިވާއިރު އޭގެތެރެއިން 36 މައްސަލައަކީ މުޒާހަރާތަކާ އެއްވުންތަކާ ގުޅިގެން ހުށަހެޅުނު ޝަކުވާތައް ކަމަށެވެ.

ފުލުހުން ނުވަތަ ފުލުހުންގެ މުއައްސަސާއިން ގާނޫނާ ގަވާއިދާ ޚިލާފަށް އަމަލުކޮށްފައިވާ 73 މައްސަލަ ހުށަހެޅިފައި ވާއިރު އެއީ ދެވަނައަށް އެންމެ ގިނައިން އެ ކޮމިޝަނަށް ހުށަހެޅުނު ބާވަތުގެ މައްސަލަ ކަމަށް ވެސް އެ ރިޕޯޓުގައި ވެއެވެ.

ފުލުހުންގެ ތަހުގީގުތަކާ ގުޅޭގޮތުން 34 މައްސަލަ ހުށަހެޅިފައިވާއިރު ޓްރެފިކް މައްސަލަތަކާ ގުޅޭގޮތުން 26 މައްސަލަ ހުށަހެޅިފައިވާ ކަމަށް ވެސް ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ އަހަރީ ރިޕޯޓުގައި ވެއެވެ. އަދި ވަކިވަކި ފުލުހުންނާ ގުޅޭގޮތުން 25 މައްސަލަ ހުށަހެޅިފައިވާއިރު ފުލުހުންގެ އިދާރާ އާ ގުޅޭގޮތުން ވަކިވަކި ފުލުހުން 14 މައްސަލަ ހުށަހަޅާފައިވާ ކަމަށް ވެސް އެ ކޮމިޝަނުގެ އަހަރީ ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

ފާއިތުވި އަހަރު ތަކުގައި ނުނިމި ހުރި ބައެއް މައްސަލަތައް ވެސް މިދިޔަ އަހަރު ނިންމާފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ވެއެވެ. އެގޮތުން 2009 ވަނަ އަހަރު ހުށަހެޅުނު ދެ މައްސަލައަކާއި 2010 ވަނަ އަހަރު ހުށަހެޅި މައްސަލަތަކުގެ ތެރެއިން 13 މައްސަލައެއްގެ އިތުރުން 2011 ވަނަ އަހަރު ހުށަހެޅިފައިވާ 111 މައްސަލައާ އެކު ޖުމްލަ 431 މައްސަލަ އެ ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ވެއެވެ.

މިދިޔަ އަހަރު ނިމުނު އިރު ތަހުގީގު ފުރިހަމަ ނުކުރެވި ހުރި މައްސަލަތަކުގެ ތަފާސް ހިސާބު ވެސް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން މިދިޔަ އަހަރު ނިމުނު އިރު ނުނިމި ހުރީ 2009 ވަނަ އަހަރު ހުށަހެޅިފައިވާ އެއް މައްސަލައަކާއި 2010 ވަނަ އަހަރު ހުށަހެޅުނު ހަ މައްސަލައަކާއި 2011 ވަނަ އަހަރު ހުށަހެޅުނު 28 މައްސަލައެއްގެ އިތުރުން މިދިޔަ އަހަރު ހުށަހެޅުނު 166 މައްސަލައާއެކު ޖުމްލަ 201 މައްސަލަ ކަމަށް އެ ރިޕޯޓުގައި ބުނެފައި ވެއެވެ.

ތަހުގީގު ނިންމައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލަތަކުގެ ތަފާސް ހިސާބު ވެސް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

މިދިޔަ އަހަރު ތަހުގީގު ކުރި މައްސަލަތަކުގެ ތެރެއިން ނުވަ މައްސަލައެއް ދައުވާ ކުރެވޭ ވަރުގެ ހެތްކާއި ގަރީނާ ލިބިފައިވާތީ ޕީޖީ އޮފީހަށް ފޮނުވާފައިވާއިރު އޭގެތެރޭގައި ހިމެނެނީ 2011 ވަނަ އަހަރު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އިރު އަނިޔާކޮށްފައިވާ ކަމަށް ބުނާ ދެ މައްސަލައަކާއި މިދިޔަ އަހަރުގެ ފެބުރުވަރީން އަށްވަނަ ދުވަހު މާލޭގައި ހިނގައިދިޔަ ހަމަނުޖެހުންތަކާ ފަސް މައްސަލައެއްގެ އިތުރުން ވެރިކަން ބަދަލުވި ދުވަހު ހިނގި ކަންތަކާ ގުޅޭ މައްސަލައަކާއި ގާނޫނާ ގަވާއިދާ ޚިލާފަށް އަމަލުކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް ކަމަށް އެ ރިޕޯޓުގައި ބުނެފައި ވެއެވެ.