07 Mar 2013, 18:20
ޅ. އޮޅުވެލިފުށީ ހަތަރު ކައުންސިލަރަކު މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އާއި ގުޅިވަޑައިގެންފި އެވެ. އެ ބޭފުޅުން އެމްޑީއޭ އާއި ގުޅިވަޑައިގަތީ، މެންބަރުން އިތުރުކުރުމަށް އެމްޑީއޭގެ ފަރާތުން ޅ. އަތޮޅުގެ ރަށްތަކަށް ކުރި ދަތުރު ތަކުގައި މިދިޔަ ހަފުތާގެ ތެރޭގަ އެވެ.
އޮޅުވެލިފުށިން އެމްޑީއޭ އާއި ގުޅިވަޑައިގެންނެވި ކައުންސިލަރުންނަކީ، ކުރިން އަދާލަތު ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ކައުންސިލްގެ ނައިބު ރައީސް އިބްރާހީމް ޢަބްދުލް ސައްތާރާއި ކުރިން ޑީއާރްޕީގައި ހުންނެވި ކައުންސިލް މެންބަރު ޢާބިދާ އަބްދުލް ހަމީދާއި އަމިއްލަ ގޮތުން ހޮވިވަޑައިގެން ހުންނެވި މެންބަރު ނާޝިދާ އަހުމަދު އަދި ކުރިން އެމްޑީޕީގައި ހުންނެވި އަހުމަދު އާމިރެވެ.
އެމްޑީއޭ އަށް ސޮއިކުރެއްވުމަށް ފަހު އޮޅުވެލިފުށީ ކައުންސިލްގެ ނައިބު ރައީސް އިބްރާހީމް ޢަބްދުލް ސައްތާރު ސަން އަށް ވިދާޅުވީ އެމްޑީއާއި ގުޅިވަޑައިގެންނެވި މައިގަނޑު ސަބަބަކީ މިހާރު ފެންނާން ހުރި ޕާޓީ ތަކަށް ބަލާ އިރު، އަޚުލާގީ ގޮތުން އެންމެ ރަނގަޅު މިންގަނޑެއް ގެންގުޅޭ ޕާޓީ އަކީ އެމްޑީއޭ ކަމަށް ވާތީ ކަމަށެވެ. އޭގެ އިތުރުން އެމްޑީއޭ އަކީ ތަރައްގީގެ ވިސްނުން ވަރަށް ބޮޑަށް ހުރި ޕާޓީ އެއް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެ ޕާޓީގެ ލީޑަރަކީ ތަރައްގީ ގެނެވޭނެ އިގުތިސާދީ ތަޖުރިބާ ހުރި ލީޑަރެއް ކަމަށެވެ. މީގެ އިތުރުން އެމްޑީއޭ އަކީ މުސްތަގުބަލު އޮތް ޕާޓީއެއް ކަމަށް ވަރަށް ބޮޑަށް ގަބޫލު ކުރައްވާ ކަމަށް ވެސް ސައްތާރު ވިދާޅުވި އެވެ.
ދިހަ ހާސް މެންބަރުން ހަމަނުވާ ޕާޓީ ތަކަށް ފުރުސަތު ގެއްލޭ ގޮތަށް ދާދި ފަހުން ރައްޔިތުންގެ މަޖިލީހުން ސިޔާސީ ޕާޓީ ތަކުގެ ބިލު ފާސްކޮށްފައިވާ އިރު، އެމްޑީއޭ އިން ވަނީ އޭގެ ކުރިން 10،000 މެންބަރުން ހަމަކޮށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފަ އެވެ. އަދި މި ފަހަކަށް އައިސް ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ އަދަދެއްގެ ރައްޔިތުން އެ ޕާޓީ އަކާ ގުޅުނު އެއް ޕާޓީ އަށް ވެސް އެމްޑީއޭ ވަނީ ވެފަ އެވެ. މިދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި ގިނަ އަތޮޅު ތަކެއްގެ އަތޮޅު ކައުންސެލަރުންނާއި ރަށު ކައުންސެލަރުން ވެސް ވަނީ އެމްޑީއޭ އާއި ގުޅިވަޑައިގެންފަ އެވެ.