ފާސްކޮށްފައިވާ މާލިއްޔަތުގެ ގާނޫނު ތަސްތީގު ކުރުމަށްޓަކައި އިތުރު ދެ ގާނޫނެއް ބޭނުންވާ ކަމަށާއި އެ ދެ ގާނޫނު އައިސް ކަންކަން ހަމަޖެހުމުން ލަސްނުކޮށް މާލިއްޔާތުގެ ގާނޫނު ތަސްދީގު ކުރައްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެއްޖެ އެވެ.


ރައީސް ނަޝީދު މިއަދު ޕްރެސްއާ ބައްދަލު ކުރައްވައި ވިދާޅުވީ މާލިއްޔަތުގެ ގާނޫނު ތަސްދީގު ކުރުމަށް އެ މަނިކުފާނަށް ދަތިވެވަޑައިގެންފައި ވަނީ އެންމެ ސަބަބެއް އޮވެގެން ކަމަށާއި އެއީ ގާނޫނުގައި ސަބްސިޑީ ދިނުމަށް ދަތިވާ ގޮތަށް ގާނޫނުގައި ހުރި ކަންކަން އެކަނި ކަމަށެވެ.


"މާލީއްޔަތުގެ ގާނޫނު ތަސްދީގު ކުރަން އަޅުގަނޑަށް ދަތިވާ އޮތީ އެންމެ ސަބަބެއް.  އެއި ސަބްސިޑީ ދިނުމަށް ދަތިވާ ގޮތަށް އޮތުން. އެހެންވީމާ ސަބްސިޑީ ދިނުމާ ގުޅޭ ގޮތުން ގޮތްތަކެއް ހަމަނުޖެހެނީސް މާލީއްޔަތު ގާނޫނު ތަސްދީގު ކުރުމަކީ އަޅުގަނޑުގެ ނަޒަރުގައި ޒިންމާދާރު ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.


ރައީސް ވިދާޅުވީ މާލިއްޔަތުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވެވި ވާދެވެރި ބޭފުޅުން އެ އިސްލާހުތައް ހުށަހެޅުއްވެވީ ވެސް  ސަބްސިޑީ ހުއްޓުވައިލަން ނޫން ކަމަށާއި އެ ބޭފުޅުން ބޭނުންވެ ވަޑައިގަތީ ވެސް އިދާރީ އޮނިގަނޑެއްގެ ތެރެއިން ބެލެހެއްޓިގެން ދިއުން ކަމަށެވެ.


"އެއީ އަޅުގަނޑު ވެސް އެދޭ ގޮތް،" ރައީސް ވިދާޅުވި އެވެ.


ރައީސް ވިދާޅުވީ ސަބްސިޑީގެ ކަންކަން ފުރިހަމަ ކުރުމަށް މާލިއްޔަތު ގާނޫނު ތަސްދީގު ކުރުމަށް ބޭނުންވާ ދެ ގާނޫނު ހެދުމަށް މަޝްވަރާ ކުރުމަށްޓަކައި ޑީއާރްޕީ އަށް އެމަނިކުފާނު ސިޓީއެއް ފޮނުއްވާފައިވާނެ ކަމަށާއި އެއީ އަންނަޖެހޭ ދެ ގާނޫނު ކަމަށް އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ކަމަށެވެ.


ރައީސް ވިދާޅުވީ މާލިއްޔަތުގެ ގާނޫނު ތަސްދީގު ކުރުމަށް ބޭނުންވާ އިތުރު ދެ ގާނޫނަކީ އިޖްތިމާއީ ރާއްކާތެރިކަމާއި ޕެންޝަނާއި ސަބްސިޑީގެ ދެ ގާނޫނު ކަމަށާއި ދެ ގާނޫނުގެ ވެސް މައިގަނޑަކީ އިޖްތިމާއީ ރައްކާތރިކަން ކަމަށެވެ. އަދި ވިދާޅުވީ މާލިއްޔަތުގެ ގާނޫނު ތަސްދީގު ނުކޮތް އޮތް ނަމަވެސް ސަބްސިޑީގެ ބައި ފިޔަވައި އެ ގާނޫނުގެ ހުރިހާ ކަމަކަށް މިހާރު ވެސް އަމަލު ކުރަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ ވީހާވެސް އަވަހަކަށް އެ ގާނޫނު ތަސްދީގު ކުރުމަށް ބަންޑާރާ ނައިބު ވެސް ލަފާ ދެއްވާފައިވާ ކަމަށެވެ.