07 Mar 2013, 18:03
އިޓަލީގެ ކުރީގެ ބޮޑުވަޒީރު ސިލްވިއޯ ބަރުލަސްކޯނީގެ ވެރިކަމުގައި، އިޓަލީގެ ފުލުހުން އެއްކޮށްފައިވާ ޖާސޫސީ މައުލޫމާތުތަކެއް އަމިއްލަ ފައިދާ އަށް ބޭނުންކުރި ކަމުގެ ދައުވާތައް ސާބިތުވެ، ބަރުލަސްކޯނީ އެއް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.
ބަރުލަސްކޯނީގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބުނެފައި ވަނީ އިޓަލީގެ ފުލުހުން ލައްވައި ބަރުލަސްކޯނީއާ ސިޔާސީ ގޮތުން އިދިކޮޅު ފަރާތެއްގެ ފޯނު ޓެޕްކޮށްގެން އެއްކޮށްފައިވާ މައުލޫމާތުތަކެއް ބަރުލަސްކޯނީގެ ބޭބެއެއް ހިންގާ ނޫހެއްގައި ޝާއިއުކުރަން އުޅުނު ކަމުގެ ދައުވާ އެވެ.
އެ މައްސަލާގައި ކޯޓުން ހުކުމްކޮށްފައި ވަނީ މިދައުވާ ސާބިތުވާ ވަރަށް ހެކި ލިބިފައި ވުމުން، ބަރުލަސްކޯނީގެ އެއް އަހަރު ދުވަހަށް ޖަލަށް ލުމަށެވެ.
ދައުވާއަށް ބަލާ އިރު، ފުލުހުން ތަހުގީގެއް ފަށާފައި ވަނީ ކަނާތު ފިޔައިގެ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ލީޑަރު ޕިއޭރޯ ފަސީނޯއާ އެހެން މީހަކާ ދެމެދު ކުރިއަށްދާ ފޯން ކޯލެއް އިޓަލީގެ ނޫހެއް ކަމަށްވާ އިލް ގިއޯނާލޭގައި އާއްމުކުރުމުންނެވެ. މިނޫހަކީ ބަރުލަސްކޯނީގެ ބޭބެއެއް ކަމަށްވާ ޕައުލޯ ބަރުލަސްކޯނީގެ ނޫހެކެވެ.
ފުލުހުންގެ ތަހުގީގުން ހާމަވެފައިވާ ގޮތުގައި ކޯޓު އަމުރަކާ އެކު ފުލުހުން ހިންގި އޮޕަރޭޝަނަކުން އެއްކޮށްފައިވާ މިޖާސޫސީ މައުލޫމާތު ފުލުހުން ލީކުކޮށްލާފައި ވަނީ ބަރުލަސްކޯނީގެ އަމުރަށެވެ.
އެހެންނަމަވެސް، މި މައްސަލަ ބަރުލަސްކޯނީގެ ވަކީލުން އިސްތިއުނާފުކުރާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. މައްސަލަ އިސްތިއުނާފު ކުރާ ނަމަ، މަތީ ކޯޓަކުން ގޮތެއް ނިންމަންދެން ބަރުލަސްކޯނީ ހުންނަވާނީ މިނިވަނެއްގެ ގޮތުގަ އެވެ.
މިހާރު ވެސް ކޯޓުންކޮށްފައިވާ އެހެން ހުކުމެއް އިސްތިއުނާފުކުރުމުގެ މަރުހަލާގައި އުޅުއްވާ ބަރުލަސްކޯނީގެ މައްޗަށް މިހަފްތާގެ ތެރޭގައި އިތުރު ދެ މައްސަލައެއްގައި ހުކުމް ކުރެވޭނެ ކަމަށް މައުލޫމާތު ލިބެ އެވެ. މިދެ ދައުވާގެ ތެެރެއިން އެއް ދައުވާއަކީ ޓެކްސް ނުދެއްކުމުގެ ދައުވާއެކެވެ. އަނެއް ދައުވާއަކީ ކުޑަކުއްޖަކާ އެކު ބަދުއަހުލާގީ އަމަލެއް ހިންގުމުގެ ދައުވާއެކެވެ.
މީގެ ކުރިން ބަރުލަސްކޯނީގެ މައްޗަށް ޖަލު ހުކުމެއް ކޮށްފައި ވަނީ ވެސް ޓެކްސް ނުދެއްކުމުގެ މައްސަލައެއްގަ އެވެ. މިމައްސަލައިގެ އިސްތިއުނާފު މަރުހަލާ އަދިވެސް ކުރިއަށް އެބަދެ އެވެ.