ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލާފައިވާ ޖިނާއީ ދައުވާގެ ޝަރީއަތް ހިންގުމަށްޓަކައި ހުޅުމާލޭ ކޯޓަށް ފަނޑިޔާރުން އައްޔަން ކުރިގޮތާމެދު ޖޭއެސްސީން ޖަވާބުދާރީ ނުވާނެ ކަމަށް އެ ކޮމިޝަންގެ ރައީސް ސީޓީއެއް ފޮނުއްވެވި ނަމަވެސް، މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ވަޑައިގަންނަވަން ރުހިވަޑައިގެންނެވި މެންބަރުން ކޮމެޓީއަށް ހާޒިރު ކުރުމަށް ފާސްކޮށްފި އެވެ.

ކޮމެޓީއަށް ހާޒިރު ކުރަން ނިންމެވީ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެ ކޮމިޝަންގައި އިންނަވާ އަބްދުﷲ ޝާހިދާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ހޮއްވަވާފައިވާ އެ ކޮމިޝަންގެ ނައިބު ރައީސް އަބްދުﷲ ދީދީގެ އިތުރުން އާންމުންގެ ތެރެއިން ހޮއްވަވާފައިވާ ކުރީގެ ގާޒީ ޝުވައިބު އަބްދުއްރަހުމާނެވެ. އެ ތިން މެންބަރުން ވެސް ކޮމެޓީއަށް ހާޒިރު ކުރަން ފާސް ކުރީ މިއަދު ބޭއްވި ބާއްދަލުވުމަށް ވަޑައިގެން ވޯޓުގައި ބައިވެރިވި އެމްޑީޕީގެ ހަތަރު މެންބަރުންގެ އިއްތިފާގުންނެނެވެ.

ޖޭއެސްސީގެ އެ ތިން މެންބަރުން ކޮމެޓީއަށް ހާޒިރު ކުރާނީ މިރޭ 8:30 ފެށިގެން، ކޮންމެ މެންބަރެއް ވެސް ވަކިވަކިންނެވެ. ޝަރުއީ ކޯޓްތަކާއި ފަނޑިޔާރުންނާއި ގުޅުން ހުރި މައްސަލަތައް ބަލައި އަދަލު އިންސާފު ގާއިމް ކުރާ ޝަރުއީ ނިޒާމް ޒިންމާދާރު ކުރުވާ ޖޭއެސްސީއަކީ 10 މެންބަރުން މައްޗަށް އެކުލެވިގެންވާ ކޮމިޝަނެކެވެ.

އެނގިފައިވާ ގޮތުގައި ހުޅުމާލޭ ކޯޓަށް ފަނޑިޔާރުން އައްޔަން ކުރި މައްސަލާގައި މަޖިލީހުގެ ކޮމެޓީއަށް ޖަވާބުދާރީވުމަށް ޖޭއެސްސީން ނިންމާފައި ވަނީ ކޯރަމް ހަމަނުވާ ބާއްދަލުވުމެއްގަ އެވެ. ކޮމެޓީއަށް ޖަވާބުދާރީ ނުވުމަށް ނިންމި ބައްދަލުވުމަށް ހާޒިރުވީ އެ ކޮމިޝަންގެ ތިން މެންބަރުންނެވެ.

ޖޭއެސްސީގައި ހިމެނިވަޑައިގަންނަވަނީ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދާއި ހައި ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދާއި ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރާއި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ހޮއްވަވާފައިވާ އަބްދުﷲ ދީދީއާއި މަޖިލީހުން ޖޭއެސްސީއަށް ހޮއްވާފައިވާ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމާއި ރައީސުލްޖުމްހޫރިއްޔާ ޖޭއެސްސީއަށް ކަނޑައަޅުއްވާފައިވާ މުހައްމަދު ސަލީމް (ރޭނިސް ސަލީމް) އާއި އާންމުންގެ ތެރެއިން ހޮއްވަވާފައިވާ ޝުވައިބު އަބްދުއް ރަހުމާނާއި ވަކީލުންގެ ތެރެއިން ހޮއްވަވާފައިވާ އަހުމަދު ރަޝީދެވެ. އެ ކޮމިޝަނަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު ފަހުމީ ހަސަން އައްޔަން ކުރައްވާފައި ވަނިކޮށް، އޭނާ ވަކިކޮށްފައިވުމުން ސީއެސްސީގެ ފަރާތުން ކޮމިޝަންގައި މެންބަރަކު އަދި ތަމްސީލެއް ނުކުރައްވަ އެެވެ.