07 Mar 2013, 15:39
ގައުމީ ފެންވަރުގައި މިއަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިމަހު 19އިން 22ށް ނ އަތޮޅު މަނަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ހާއްސަ ހަރަކާތްތަކާއި ޖަލްސާ އަންނަ މަހުގެ ދޭކުން ފަހަކަށް ބާއްވާގޮތަށް ސަރުކާރުން ހަމަޖައްސަވައިފި އެވެ.
ޒުވާނުންނާބޭހޭ ވުޒާރާގެ ވަޒީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވީ މިއަހަރުގެ ޒުވާނުންގެ ދުވަހުގެ ރަސްމީ ހަރަކާތްތައް ބޭއްވުމަށް ކުރިން ކަޑައެޅިފައިވާ ތާރީހުގައި ނުބޭއްވުނީ އެ ތާރީހުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ޖެހޭތީ އެމަނިކުފާނަށް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައި ނުގެންނެވޭތީ ކަމަށެވެ.
"ރައީސް ޑރ. ވަހީދު ރާއްޖެއިން ބޭރަށް ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގަންނަވާތީ ގައުމީ ފެންވަރުގެ ދުވަހަކަށް ވެފައި، މަނަދޫގައި އޮންނަ އެ ރަސްމިއްޔާތުގައި ސީދާ އެމަނިކުފާނު ބޭނުންފުޅުވޭ ބައިވެރިވެވަޑައިގަންނަވަން އަދި ޒުވާނުންގެ ގައުމީ އިނާމުވެސް ދެވޭނީ އެރަސްމިއްޔާތުގައި ކަމަށްވާތީ އެމަނިކުފާނުގެ އަތްޕުޅުން އެއިނާމުތައް ބައްސަވައި ދެއްވަން ބޭނުންފުޅުވެ ވަޑައިގަންނަވާތީ އާއި އަދި އަޅުގަނޑުމެން ދެކޭގޮތުގައި އެމަނިކުފާނު ބައިވެރިވެ ވަޑައިގެންފިނަމަ އެދުވަސް އިތުރަށް ކުލަގަދަވެގެން ދާނޭ ކަމަށް އަޅުގަނޑުމެންނަށް ފެންނާތީ އެމަނިކުފާނަށް ބައިވެރިވެވަޑައިގެންނެވޭނޭ ގޮތަކަށް އަޅުގަނޑުމެން ބައްޓަން ކުރަން ބޭނުންވީތީ ލަސްކޮށްލީ،" ވަޒީރު ވިދާޅުވި އެވެ.
ގައުމީ ފެންވަރުގައި ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ހާއްސަ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ އިރު އެ ޖަލްސާގައި ޒުވާނުންގެ ގައުމީ އިނާމް ދިނުމާއި އަދި އަތޮޅު ފެންވަރުގައި ތަފާތު ހަރަކާތައް ކުރިއަށްގެންދިއުމަށްވެސް ޒުވާނުންގެ ވުޒާރާއިން ވަނީ ހަމަޖައްސާފައެވެ.