މިއަހަރުގެ ޖޫންމަހުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޒުވާނުންގެ މަރުކަޒުތައް ގާއިމްކޮށް ނިމޭނޭ ކަމަށް މިނިސްޓްރީ އޮފް ހިޔުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްއިން ބުނެފި އެވެ.

އިންސާނީ ވަސީލަތްތަކާއި ޒުވާނުން އަދި ކުޅިވަރާބެހޭ ވުޒާރާއިން އެވުޒާރާއިން ހިންގަމުންދާ އަދި ކުރިއަށް ރޭވިފައިހުރި މަޝްރޫއުތަކާއި މަސައްކަތްތަކާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ވެލާނާގޭ ދެވަނަ ފަންގިފިލާގެ ޖަލްސާ ކުރާ މާލަމްގައި ބޭއްވި ބައްދަލުވުމުގައި އެކަން ހާމަކުރެއްވީ އެ ވުޒާރާގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އަލީ ޒަކީ އަހްމަދު އެވެ.

"މިހާރު އަޅުގަނޑު އުފަލާއެކު ދަންނަވާލަން ބޭނުންވަނީ، ރާއްޖޭގައި މިއޮތް 19 އަތޮޅާއި ދެ ސީޓީގަ ހަމަ އެކަނި މިވަގުތަށް ތިން އަތޮޅެއްގަ ނޫނިއްޔާ، ހުރިހާ ހިސާބެއްގަ ޒުވާނުންގެ މަރުކަޒުވަނީ ގާއިމް ކުރެވިފައި. އިރާދަ ކުރެއްވިޔާ، މިނިސްޓަރު އިޝާރާތް ކުރެއްވި ހެން އަދި އަޅުގަނޑުމެންގެ ސްޓޭޓް މިނިސްޓަރު އިޝާރާތް ކުރެއްވިހެން، އަޅުގަނޑުމެންގެ ޓާގެޓަކީ ޖޫންގެ ކުރިއަށް ﷲ އިރާދަކުރެއްވިއްޔާ، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޒުވާނުންގެ މަރުކަޒު ގާއިމްކޮށް ނިންމުން،" ޒަކީ ވިދާޅުވި އެވެ.

ޒަކީ އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި މިހާރުގެ ޒުވާނުންގެ ސިޔާސަތުގެ ދަށުން ޒުވާނުންނަށް ފުރުސަތުތައް ތަނަވަސް ކޮށްދިނުމަށްޓަކައި ވަރަށް ފަސޭހަ އުސޫލުތަކަކާއި ގޮތްތަކެއް ވަނީ ރޭވިފަ ކަމަށާއި އަދި އަވަސް ފުރުސަތެއްގެ ތެރޭގައި އެކަން އަމަލުން ފެނިގެން ދާނޭކަމަށެވެ.

"ޒުވާނުންގެ މަރުކަޒުގެ ތަޞައްވުރަކީ، ޒުވާނުންނަށް ކުޅެވޭނެ ޖާގައެއް ލިބުން. ރަށުގެ ކައުންސިލްތައް. އަތޮޅު ކައުންސިލްތަކުގެ ވިސްނުމަށް މިހާރު މިނިސްޓްރީންވާނީ ވަރަށް ބޮޑަށް ދެންނެވިފައި، ޒުވާނުންގެ މަރުކަޒުގެ ތަޞައްވުރަކީ އިމާރާތެއް ބިމުން ފެށިގެން އުޑާހަމައަށް ގެންދިއުން ނޫންކަން. އެހެން ނަމަވެސް ކައުންސިލަކުން ކުޅިވަރު ކުޅޭނޭ ޖާގައެއް ކަށަވަރު ކޮށްދިން ހިނދު. މިނިސްޓްރީން އެތަނެއް ކުޅިވަރުކުޅޭ ސާމާނާއި އަދި ޒުވާނުންނަށް ހަރަކާތްތެރި ވެވޭނޭ ގޮތް ހަދައި ދިނުމުގެ ފުރުސަތު ވަނީ ތަނަވަސް ކޮށްފައި. އެގޮތުން އަތޮޅެއްގައި އެއްރަށަކަށްވުރެ ގިނަ ރަށްރަށުގައި ޒުވާނުންގެ މަރުކަޒުތައް ގާއިމް ކުރެވޭނޭކަން ތިބޭފުޅުންނަށް ވަރަސް އަވަސް ފުރުސަތެއްގެ ތެރޭގައި އެނގިގެން ދާނެ. އަޅުގަނޑުމެން އެކަން ހާމަވެސް ކުރާނަން،" ޒުވާނުންނާ ބެހޭ ވުޒާރާގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އަލީ ޒަކީ ވިދާޅުވި އެވެ.

ޒުވާނުންނާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޣައްސާނު މައުމޫން ވިދާޅުވީ، އެ ވުޒާރާގެ އެންމެ ބޮޑު އެއް މަސްއޫލިއްޔަތެއްގެ ގޮތުގައި ދެކެނީ ޒުވާނުންނަށް ވީހާވެސް ގިނަ ފުރުސަތުތަކެއް ހުޅުވާލަދީގެން ޒުވާނުންގެ ވަގުތުތައް ބޭކާރުގޮތުގައި ދުއްވާލިޔަނުދީ ސަލާމަތް ކުރުން ކަމަށެވެ.

"އަޅުގަނޑުމެން މިބަލަނީ ވީހާވެސް ގިނަ ފުރުސަތުތަކެއް ޒުވާނުންނަށް ހުޅުވާލެވޭތޯ. އެގޮތުން ޒުވާނުންގެ ވަގުތުތައް ބޭކާރުގޮތުގައި ދުއްވާ ނުލާ، ކޮންމެވެސްކަހަލަ މަސައްކަތެއް، އެއީ ކުޅިވަރެއް ކަމުގައިވިޔަސް، ނޫނީ ފަންނެއް އިތުރަށް ކުރިއަރުވަން މަސައްކަތް ކުރުން ކަމުގައި ވިޔަސް، ނޫނީ އުނގެނުން ކަމުގައި ވިޔަސް މިކަހަލަ ފުރުސަތުތައް ޒުވާނުންނަށް ހޯދައިދިނުމަކީ އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް މަސްއޫލިއްޔަތު ކަމުގައި ދެކިގެން އަޅުގަނޑުމެން މި މިނިސްޓްރީގައި މި މަސައްކަތް ކުރަނީ،" ޣައްސާނު ވިދާޅުވި އެވެ.

ޣައްސާނުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ރާއްޖޭގެ އަތޮޅުތަކުގެ ޒުވާނުންނަށް އެންމެ ބޮޑަށް ފުރުސަތުތަކެއް ތަނަވަސް ކޮށްދެވޭނީ ޒުވާނުންގެ މަރުކަޒުތައް ބޭނުންކޮށްގެން ކަމަށް ދެކެވަޑައި ގަންނަވާތީ، މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް އެ ވުޒާރާއިން ހިންގާ ޒުވާނުންގެ މަރުކަޒެއް ގާއިމް ކުރެވޭތޯ މަސައްކަތް ކުރެވެމުން ދާކަމަށެވެ. އަދި ކުރިން ގާއިމްކުރެވިފައި ހުރި ޒުވާނުންގެ މަރުކަޒުތައްވެސް އާންމުންނާ ހަވާލުކޮށްގެން ހިންގުމުގެ ބަދަލުގައި ސަރުކާރުން އެތަންތަނަށް މުވައްޒަފުން ލައިގެން އެތަންތަނަށް ބޭނުންވާ ކުޅިވަރާއި އެހެނިހެން ސާމާނުތައްވެސް ހޯއްދަވައި ދެއްވައިގެން އަދި ޒުވާނުންގެ ކުރިމަގު ބައްޓަންކުރާނޭ ޕްރޮގްރާމްތައްވެސް އެތަނުން ހިންގޭނޭ ނިޒާމު ގާއިމްކޮށްދެއްވައިގެން ޒުވާނުންގެ މަރުކަޒުތައް ހިންގަވަން ނިންމަވާފައި ވާކަމަށްވެސް ޣައްސާނު ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުމުގައި ޒުވާނުންއީ ކުޅިވަރާ ބެހޭ ވުޒާރާގެ ވަޒީރު މުހައްމަދު ހުސައިން ޝަރީފް (މުންދު)ވެސް ވިދާޅުވީ އެ ވުޒާރާއިން ރާއްޖޭގެ ޒުވާނުންނާއި ކުޅިވަރުތައް ކުރިއަރުވައި ތަރައްގީ ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ރޭވި އަދި ކުރެވެމުންދާ ކަމަށާއި އަދި ޖޫންގެ ކުރިން ޒުވާނުންގެ މަރުކަޒުތަށް ހުރިހާ އަތޮޅެއްގައި ގާއިމް ކުރެވޭނޭކަމަށް ވަރަށް ބޮޑަށް ޔަގީން ކުރަށްވާ ކަމުގަ އެވެ.