ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ހިންގުމަށްޓަކައި ހުޅުމާލެ ކޯޓަށް ފަނޑިޔާރުން އައްޔަން ކުރި ގޮތާމެދު ޖަވާބުދާރީވާން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ދެކޮޅު ހަދާފައިވީނަމަވެސް، އެ ކޮމިޝަންގެ މެންބަރުން މެންބަރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހާޒިރުވެވަޑައިގަންނަވަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މެންބަރުން މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ޖޭއެސްސީގެ މެންބަރުން ރޭ ހާޒިރު ކުރުމަށް އެންގުމުން ހާޒިރުވެވަޑައިގެންނެވެން ނެތް ކަމަށް އަންގަވައި، އެ ކޮމިޝަނުގެ ރައީސް އާދަމް މުހައްމަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީއަކާ ގުޅިގެން މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ މުޤައްރިރު މުހައްމަދު ނަޝީދަށް ފޮނުއްވެވި ސިޓީއެއްގަ އެވެ. ޖޭއެސްސީ ހާޒިރުވާން ދެކޮޅު ހެދި މައްސަލާގައި ޖޭއެސްސީގެ ރައީސްއަށް ވެސް އަބްދުﷲ ޝާހިދު ވަނީ ސިޓީއެއް ފޮނުއްވާފައިވެ އެވެ.

ޝާހިދު ވިދާޅުވެފައި ވަނީ މިނިވަން މުއައްސަސާތަކަކީ މަޖިލީހަށް ޖަވާބުދާރީވާންޖެހޭނެ ފަރާތްތަކެއް ކަމަށާއި މަޖިލީހުގެ ދާއިމީ ކޮމެޓީތަކަށް މިނިވަން މުއައްސަސާތައް ހާޒިރުކޮށް ބޭނުންވާ މައުލޫމާތު ހޯދައި ސުވާލު ކުރުމުގެ ބާރު ގާނޫނު އަސާސީން ރިޔާއަތްކޮށް މަޖިލީހުގެ ގަވާއިދުން ކޮމެޓީތަކަށް ލިބިދޭ ކަމަށެވެ.

"ކޮމިޓީތަކަށް ބޭނުންވާ މަޢުލޫމާތު ހޯދައި، އެކޮމިޓީތަކަށް ބޭނުންވާ ސުވާލުކުރުމުގެ ބާރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 99 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 69 ވަނަ މާއްދާގެ ދަށުން އެކޮމިޓީތަކަށް ލިބިދޭ ކަމަށާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނަކީ ވެސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާންޖެހޭ ފަރާތެއްކަމުން، އެ ކޮމިޝަނަކީވެސް، އެ ކޮމިޝަނުން ކުރާ ނުވަތަ ކޮށްފައިވާ މަސައްކަތަކާ ނުވަތަ ކަމަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ، ކަމާގުޅޭ ދާއިމީ ކޮމިޓީއަށް ޖަވާބުދާރީވާންޖެހޭ ފަރާތެއްކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައިވެއެވެ،" މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ސިޓީއާ ހަވާލާދީ މަޖިލީހުގެ އިދާރާއިން ބުންޏެވެ.

ޖޭއެސްސީގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ ޝާހިދުގެ ސިޓީގައި ޖޭއެސްސީއަކީ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާންޖެހޭ ފަރާތެއްކަމުން، އެ ކޮމިޝަނަކީ ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ދާއިމީ ކޮމިޓީތަކަށް ހާޒިރުވެވަޑައިގަންނަވައި، އެކޮމިޓީން ކުރައްވާ ސުވާލުތަކަށް ޖަވާބުދާރީވާން ޖެހޭނެ ފަރާތެއް ކަމަށް ޤަބޫލުކުރައްވާތީ އެ ކޮމިޝަނުގެ މެންބަރެއްގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދާކުރައްވަންޖެހޭ މަސްއޫލިއްޔަތެއް އަދާކުރެއްވުމަށްޓަކައި ފަރުދީގޮތުން ވިޔަސް ކޮމިޓީއަށް ހާޒިރުވެވަޑައިގަތުމަށް ފަސް ޖެހިވަޑައިނުގަންނަވާނެ ކަމުގައި ވިދާޅުވެފައިވެ އެވެ.