07 Mar 2013, 14:38
އިންޑިއާ ސަރުކާރުން 2011 ވަނަ އަހަރު ފެށި "ޓެކްނޮލޮޖީ ފޯ ދަ ފިއުޗާ" ޕްރޮޖެކްޓްގެ ދަށުން ޓީޗަރުންނާއި އެނޫން ޒުވާނުން ހިމެނޭ ގޮތުން 3878 މީހުން ތަމްރީނުކޮށްފައިވާ ކަމަށް އެގައުމުން ބުނެފި އެވެ.
އިންޑިއާ ހައިކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޓެކްނޮލޮޖީ އަށް މީހުން އަހުލުވެރި ކުރުމަށް ހިންގި 5.3 މިލިޔަން ޑޮލަރުގެ އެ މަޝްރޫއުގެ ދަށުން މިދިޔަ 20 މަސް ދުވަސް ތެރޭގައި ރާއްޖޭގެ ޓީޗަރުންނާއި ދަރިވަރުން ހިމެނޭ ގޮތުން 3878 މީހުން ތަމްރީނުވެ، ސެޓްފިކެޓް ހާސިލުކޮށްފައިވާ ކަމަށެވެ.
އަދި ބުނީ އެމަޝްރޫއުގެ ދަށުން އެވްރެޖްކޮށް މަހަކަށް 194 މީހުން ސެޓްފިކެޓް ހާސިލު ކުރި ކަމަށެވެ.
އިންޑިއާ އިން ރާއްޖޭގައި ހިންގި މަޝްރޫގައި މީހުން ތަމްރީނުކޮށްފައި ވަނީ ކޮމްޕިއުޓަރުގެ އެހީގައި ކިޔެވުމާއި ކިޔަވައި ދިނުމާއި އީ ލާނިންގ ޑިޒައިން ކުރުމާއި ވެބްސައިޓް ޑިޒައިން ކުރުމާއި ޑިޖިޓަލް އެންޑް އިންޓަރެކްޓިވް މަލްޓިމީޑިއާ އާއި ޕްރިންޓް ކުރުމާއި ޕަބްލިޝް ކުރުން އަދި ނެޓްވޯކް ސަޕޯޓް ސޮފްޓްވެއާ ތަރައްގީކުރުން ފަދަ ދާއިރާތަކުންނެވެ.
އެ މަޝްރޫއުގެ ދަށުން މިހާތަނަށް ރާއްޖޭގެ އެކި އަތޮޅުތަކުގެ 26 ރަށެއްގައި 205 ބެޗަކަށް ތަމްރީނު ދީފައިވެ އެވެ. ކޯސްތައް ހިންގީ ރ. މީދުއާއި ހދ. ކުޅުދުއްފުށްޓާއި ހއ. ދިއްދުއާއި ޏ. ފުވައްމުލަކާއި ލ. ގަމާއި އދ. މަހިނބަދު އާއި ޅ. ހިންނަވަރާއި ފ. ނިލަންދުއާއި އއ. ރަސްދުއާއި ށ. ކޮމަންޑުއާއި ހދ. މަކުނުދުއާއި އދ. މާމިގިއްޔާއި ރ. އުނގޫފާރާއި ހއ. އިހަވަންދުއާއި ހދ. ނެއްލައިދުއާއި ހދ. ނޮޅިވަރަންފަރާއި ށ. މިލަންދުއާއި ހދ. ކުރިނބީއާއި ހދ. ކުމުންދުއާއި ރ. ދުވާފަރުގަ އެވެ.
މަޝްރޫއުގެ ދަށުން ހިންގި ހުރިހާ ކޯސްތަކަކީ ވެސް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ( އެމްކިއުއޭ) އިން އެކްރިޑިޓްކޮށްފައިވާ ކޯސްތަކެވެ.
އިންޑިއާ ސަރުކާރުން ހިންގި މަޝްރޫއު 2011 ވަނަ އަހަރުގެ ޖޫންމަހުގެ 15 ވަނަ ދުވަހު އިފްތިތާހު ކޮށްދެއްވީ އެކަމަށް ޓަކައި އާރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އޭރުގެ ރައީސް މުހައްމަދު ނަޝީދު އެވެ.