ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ކޮންރެސް މި މަހު ފަހު ހަފްތާގައި ބޭއްވުމަށް ނިންމުމަށް ފަހު، އަންނަ މަހުގެ މެދުތެރެ އަށް އަނެއްކާ ވެސް ފަސްކޮށްފި އެވެ.

ޑީއާރުޕީގެ މީޑިއާ ކޯޑިނޭޓަރު އަލީ ސޯލިހު މިއަދު ވިދާޅުވީ އެ ޕާޓީގެ ކޮންގްރެސް އަނެއްކާ ވެސް ފަސްކުރީ، ކޮންގްރެސް ބާއްވާނެ ތަނެއް ނުލިބިގެން ކަމަށެވެ. ނަމަވެސް އެޕްރީލް މަހު ދަރުބާރުގެ ލިބޭނެ ކަމަށް ސިޓީ ކައުންސިލުން މިހާރު ބުނެފައިވާ ކަމަށެވެ.

ޑީއާރުޕީގެ ކޮންގްރެސްގައި އެ ޕާޓީގައި މިހާރު ހުސްވެފައިވާ ތިން ޑެޕިއުޓީ ލީޑަރުންގެ މަގާމަށް މީހުން އިންތިހާބު ކުރާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ. އަދި ޒުވާނުން ގޮފީގެ ރައީސް ކަމުގެ މަގާމަށާއި އަންހެނުން ގޮފީގެ މަގާމުތަކަށް ވެސް މެންބަރުން އިންތިހާބު ކުރުން އެ ކޮންގްރެސްގެ ތެރޭގައި އޮންނާނެ ކަމަށް އޭނާ މައުލޫމާތު ދެއްވި އެވެ.

މީގެ އިތުރުން އެ ޕާޓީގެ އަސާސީ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާހަށް ވެސް ވޯޓަށް އަހައި އަސާސީ ގަވާއިދު އިސްލާހް ކުރާނެ އެވެ.

ޑީއާރުޕީގެ ކޮންގެރެސް ބާއްވާނެ ތާރީހު އަނެއްކާ ވެސް ލަސްކޮށްފައި މި ވަނީ އެ ޕާޓީގެ ކޮންގްރެސް މި މަހު ފަހު ހަފްތާގައި ބޭއްވުމަށް އިއުލާން ކުރުމަށް ފަހު ކަމަށެވެ. އޭގެ ކުރިން ކޮންގްރެސް ބޭއްވުމަށް ނިންމީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.