ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ނިސްބަތްވެވަޑައިގަންނަވާ ގައުމީ އިއްތިހާދު ޕާޓީ އުވިގެން ދަނީ އެކަކު މަދުވެގެން ނަމަ އެ ޕާޓީ އަށް ސޮއި ކުރައްވާނެ ކަމަށް މާލޭ ސިޓީ ކައުންސިލްގެ ކުރީގެ މޭޔަރު މައްޗަންގޮޅި ދެކުނު ދާއިރާގެ ކައުންސިލަރު ސަރަނގު އާދަމް މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.

ގައުމީ އިއްތިހާދު ޕާޓީ އުފެއްދުމުގައި ވެސް އިސް ދައުރެއް އަދާކުރެއްވުމަށް ފަހު އެމްޑީޕީގެ ޓިކެޓްގައި މާލޭ ކައުންސިލްގެ ގޮނޑިއެއް ކާމިޔާބު ކުރައްވާފައިވާ ސަރަނގު ވިދާޅުވީ ރައީސް އެދިވަޑައިގެންފި ނަމަ އެ ގޮތަކަށް އަމަލުފުޅު ކުރައްވާނެ ކަމަށާއި ރައީސަކީ އެމަނިކުފާނުގެ "ބެސްޓް ފްރެންޑް" ކަމަށެވެ. އަދި ރައީސް ވަހީދަކީ އެއްވެސް ކޮރަޕްޝަނެއް ނެތް ތައުލީމީ ގާބިލު ބޭފުޅެއް ކަމަށާއި އެ މަނިކުފާނުގެ ޕާޓީ އަށް ގުޅުމުގެ ވަގުތު އައިސް ޖެހުމުން އެކަން ވެސް އެނގިގެންދާނެ ކަމަށް ސަރަންގު ވިދާޅުވި އެވެ.

"ދެން އެ ޕާޓީއާ [ގައުމީ އިއްތިހާދު ޕާޓީ] ގުޅެންޏާ ވަގުތު އައިސް ޖެހުނީމަ އިނގޭނެ. 99 ޕަސެންޓުގެ ތެރެއިން އެއް ޕަސެންޓު މަދުވަންޏާ އަޅުގަނޑު މިހުރީނޫންތޯ. އެކަކު މަދުވެގެން ޕާޓީ އުވެންޏާ އަޅުގަނޑު އެ ޕާޓީ އަށް ސޮއި ކުރާނަން،" ސަރަނގު ވިދާޅުވި އެވެ.

ސަރަނގު ވިދަޅުވީ ގައުމީ އިއްތިހާދު ޕާޓީގެ ފައުންޑާއެއްގެ ގޮތުގައި ހުންނަވައިގެން، އެމްޑީޕީގެ އިސް ސަފުގައި އެންމެ ފުރަތަމަ ނުކުންނަވަން ފެއްޓެވުމުން އޭރުގެ ރައީސް މުހައްމަދު ނަޝީދަކަށް ވެސް މައްސަލައަކަށް ނުވާ ކަމަށެވެ. އަދި ވިދާޅުވީ މިއަދު ވެސް އެމްޑީޕީގެ މީހެއްގެ ގޮތުގައި ހުރެ ގައުމީ އިއްތިހާދަށް ހިދުމަތް ކުރުމަކުން އެއީ މައްސަލައެއް ނޫން ކަމަށެވެ.

އޭނާ ކުރިން ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބުގައި "ފަރުދެއްގެ ހައިސިއްޔަތުން" ރިޔާސީ އިންތިހާބުގައި ތާއިދު ކުރައްވާނީ ރައީސް ވަހީދަށް ކަމަށެވެ. "ފަރުދެއްގެ ހައިސިއްޔަތުން އަޅުގަނޑަށް އެންމެ ބޮޑަށް ތާއީދު ކުރެވޭނީ ރައީސް ވަހީދަށް. އަޅުގަނޑަށް ވަރަށް ގިނަ ގޮތްގޮތަށް އެކަން ކުރަން މަޖުބޫރު ވެސްވޭ. ފަރުދެއްގެ ގޮތުން އަޅުގަނޑު ހަމަ ތާއީދު ކުރަނީ ވަހީދަށް،"