ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ކަމަލޭޝް ޝަރްމާ ރާއްޖެ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އަންނަ ހޮނިހިރު ދުވަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ކޮމަންވެލްތުން ބުނެފި އެވެ.


ކޮމަންވެލްތު އޮފީހުން މެއިލްކޮށްފައިވާ ނޫސްބަޔާނެއްގައި ބުނަނީ، އެ މަނިކުފާނުގެ މި ދަތުރުފުޅުގައި، ދައުލަތުގެ ތިން ބާރުގެ އިސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އަދި އުއްތަމަ ފަނޑިޔާ އަހްމަދު ފާއިޒް ހުސެން އާ އެމަނިކުފާނު ބައްދަލުކުރައްވާނެ އެވެ.


އަދި ޝަރްމާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކެބިނެޓުގެ ވަޒީރުންގެ ތެރޭގައި ފޮރިން މިނިސްޓަރު ޑރ.އަހްމަދު ޝަހީދާއި ހެލްތު މިނިސްޓަރު ޑރ. އައިމިނަތު ޖަމީލުގެ އިތުރުން ޔޫތު މިނިސްޓަރު ހަސަން ލަތީފާ ހިމެނޭ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.


މީގެ އިތުރުން، ވެރިކަން ކުރާ އެމްޑީޕީ ޕާޓީގެ ޗެއާޕަސަން މާރިޔާ އަހްމަދު ދީދީ އާއި މައި އިދިކޮޅު ޕާޓީ ކަމުގައިވާ ޑީއާރްޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީއާ ވެސް އެމަނިކުފާނު ބައްދަލުކުރުމަށް ވަނީ ތާވަލްކޮށްފައި ކަމަށް ކޮމަންވެލްތު އޮފީހުން ބުނެ އެވެ.


ރާއްޖެ އަށް އެކިގޮތްގޮތުން އެހީވަމުން އަންނަ ކޮމަންވެލްތުގެ މިހާރުގެ އިސްވެރިޔާ ޝަރްމާގެ މި ދަތުރުފުޅާ ގުޅޭ ގޮތުން، ކޮމަންވެލަތުގެ ޕްރެސް ބަޔާނުގައި ބުނެފައި ވަނީ، ރައީސް ނަޝީދު ރާއްޖެއާ މެދު ގެންގުޅުއްވާ ތަސައްވުރާ ގުޅޭ ގޮތުން ޝަރުމާ އެމަނިކުފާނާ އެކު މަޝްވަރާކުރައްވަން އުއްމީދުކުރައްވާ ކަމަށެވެ. އަދި ގައުމީ ތަރައްގީ ހާސިލްކުރުމަށް ސަރުކާރަށާއި އަދި ކަމާބެހޭ އިތުރު ފަރާތްތަކަށް އެހީތެރިވެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ވެސް ވާހަކަދައްކަވާނެ ކަމަށެވެ.


އަދި ސަރުކާރުގެ އެކި ގޮފިތަކުގެ މެދުގައި "ބެލެންސް"އެއް ގާއިމްކުރުމަށް ބާރުއަޅާ "ލެޓިމިއާ ހައުސް ޕްރިންސިޕަލް" ރާއްޖޭގައި އިތުރަށް ޕްރޮމޯޓްކުރުމާ ގުޅޭ މަޝްވަރާ ކުރައްވާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.