އިމާދުއްދީން ސްކޫލާއި ކައިރީގައި އޮންނަ އެއް ނަންބަރު ކުނި ކޮށި ހުސްކުރުމަށް 21 މިލިއަން ރުފިޔާ އަށް ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

ގިނަ އަދަދެއްގެ ކުނި ޖަމާވެފައިވާ އެއް ނަމްބަރު ކުނި ކޮށި ހުސްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަވުމުގައި ސޮއި ކުރުމަށް މިއަދު ހެނދުނު އެމްޓީސީސީ އިމާރާތުގައި ބޭއްވި ރަސްމިޔާތުގައި ތިމާވެއްޓާ ބެހޭ ވަޒީރު ޑރ. މަރިޔަމް ޝަކީލާ ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ހަތަރު މަސް ދުވަސް ތެރޭގައި ކުނިކޮށި އެއްކޮން ހުސްކުރަން ޖެހޭނެ ކަމަށެވެ.

ޑރ. ޝަކީލާ ވިދާޅުވީ ކުނިކޮށި ހުސްކުރުމަށް އެމްޓީސީސީއާ ހަވާލުކުރީ ވަޒީރުންގެ މަޖިލީހުގައި އެކަމާ މަޝްވަރާތައް ކުރުމަށް ފަހު ކަމަށާއި އެކަން "ގައުމީ ކާރިސާ"އެއްގެ ގޮތުގައި ދެކިގެން ކަމަށެވެ.
އެއް ނަންބަރު ކުނިކޮށީގައި ރޯވެ އެތަނުން އަރަމުންދާ ދުމުގެ ސަބަބުން އިމާދުއްދީން ސްކޫލުގެ ކުދިނަށް ސިއްހީ ގޮތުން ގެއްލުންތައްވެ ކިޔެވުން ހުއްޓާލާފައިވާ އިރު މިނިސްޓަރު ވިދާޅުވީ ކުނިކޮށި ހުސްކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އައިސްފައިވާ ކަމަށެވެ.

އަދި ކުނިކޮށި ހުސްކުރުމަށް ބަޔަކާ ހަވާލުކުރީ އިމާދުއްދީން ސްކޫލްގެ ބެލެނިވެރިންގެ އިހްތިޖާޖުތަކާ ގުޅިގެން ނޫން ކަމަށެވެ.

"މި ފަހަރުވެސް ކޮންމެހެން މުޒާހަރާކޮށްގެނެއް ނޫން މިކަން ކުރީކީ. އޭގެ ކުރިން ވެސް އަޅުގަނޑުމެން އޭގެ ކުރިން ދެ ދެވަހު ވެސް ސިޓީ ކައުންސިލާ ބައްދަލުކުރަން އުޅެ އެ ބޭފުޅުންނާ ބައްދަލެއް ނުވި. އެންމެ ފަހުން އިއްޔެ އެ ބޭފުޅުންނާ ބައްދަލުކުރެވުނީ. އެންމެ ފަހުން ރައީސް ވިދާޅުވެއްޖެ ކޮންމެހެން ވެސް އެ ބޭފުޅުންނާ [ސިޓީ ކައުންސިލާ] ބައްދަލު ނުކުރެވުނަސް ނޭޝަނަލް ޑިޒާސްޓާ އަކަށް ހަދާފައި މިކަން ކަމަށް އަމަލުކުރަން. ރައީސް އަޅުގަނޑުމެން ގެންގޮސްފައި އަނެއްކާ ވެސް އެދުނީމާ މިކަމާއިގެން އަޅުގަނޑުމެން ނިކުތީ،" ވަޒީރު ވިދާޅުވި އެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ ކުނިކޮށި ހުސްކުރުމަށް ފަހު ކުނިމެނޭޖު ކުރަމުންދާނެ ގޮތާ ގުޅޭ ގޮތުން އެންވަޔަރުމަންޓް ޕްރޮޓެކްޝަން އެޖެންސީ އާއި މާލެ ސިޓީ ކައުންސިލާ މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

ކުނި ކޮށި ހުސްކުރުމަށް ޓަކައި ތިމާވެއްޓާ ބެހޭ ވުޒާރާއާ އެކު އެމްޓީސީސީގެ ފަރާތުން އެ އެއްބަވުމުގައި ސޮއި ކުރެއްވި އެމްޓީސީސީގެ ޗީފް އެގްޒެކްޓިވް އޮފިސަރު ޑރ. އަހްމަދު އަދްހަމް އަބްދުﷲ މިއަދު ވިދާޅުވީ ކުނި ހުސްކުރުމުގެ މަސައްކަތުގައި ސިޓީ ކައުންސިލުންނާއި ގައުމީ ދިފާއީ ވުޒާރާ އިން އެއްބާރުލުން ދޭން ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށެވެ.

ކުނިކޮށި ހުސްކުރުމުގެ މަސައްކަތް އެމްޓީސީސީން މިއަދު ފަށާފައިވާ އިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މުހައްމަދު ވަހީދުއްދީނާއި އަދި ސަރުކާރުގެ އިސް ވަޒީރުން މިއަދު ވަނީ ކުނިކޮށި ހުރި ސަރައްދަށް ވަޑައިގެން ކުނިކޮށި ބައްލަވާލައްވާފަ އެވެ.