އިމާދުއްދީން ސުކޫލަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށްޓަކައި ބޭނުންވަނީ ދާއިމީ ހައްލެއް ކަމަށާއި އެއީ މާލޭ އެއް ނަމްބަރު ކުނިކޮށި އެތަނުން ނެގުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާސިމް އަހުމަދު ވިދާޅުވެއްޖެ އެވެ.

އެއް ނަމްބަރު ކުނިކޮށިން އަރާ ދުމުގެ ސަބަބުން އިމާދުއްދީން ސުކޫލުގައި ކިޔަވައިނުދެވޭ މައްސަލާގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާސިމް ވިދާޅުވީ މިހާތަނަށްވެސް އެކި ފަހަރުގެ މަތިން އެ ކުނިކޮށީގެ މައްސަލަ ހައްލުކުރުމަށް މަސައްކަތްތަކެއްކޮށްފައިވާ ކަމަށާއި ނަމަވެސް އެއީ ވަގުތީ ހައްލެއްކަމުން އެމައްސަލަ ހައްލުނުވެފައިވާއިރު ދެން ބޭނުންވަނީ ދާއިމީ ހައްލެއްގެނައުމަށް ކަމަށާއި އެމަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

"ފިނޭންސް މިނިސްޓްރީއިން މިވަނީ ސިޓީ ކައުންސިލްއަށް އެ މަސައްކަތްކުރުމަށް އިތުރު ބަޖެޓްވެސް ދެއްވާފަ، އެފައިސާގެ ބޭނުންކޮށްގެންވެސް ކޮންމެވެސް އެއްކޮޅެއްގައި މިމަސައްކަތް ޖެއްސެވުން ވަރަށް މުހިންމު، ދެން މިހާރު މިހެން ގޮސް ގޮނޑު ހުސްވިޔަސް އެވާނީ ދާއިމީ ހައްލަކަށް ނޫން، އެވާނީ ވަގުތީ ހައްލަކަށް، އަޅުގަނޑުމެން މިހާރު ބޮޑަށް އަމާޒްކުރަން ބޭނުންވަނީ ދާއިމީ ހައްލަކަށް، މިތަނުން ކުނިގޮނޑު ނަގަން އެބަޖެހޭ، އެހެން ނޫންނަމަ މިކަމަކަށް ދާއިމީ ހައްލެއް ނާންނާނެ" އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ މާލޭ ކުނީގެ މައްސަލަ ހައްލުކުރުމަކީ ސިޓީ ކައުންސިލްގެ ޒިންމާއަކަށް ވެފައިވާއިރު ސިޓީ ކައުންސިލްއިން އެޒިންމާ އަދާނުކުރާތީ އެކަމުގެ ދަތިތައް އެމިނިސްޓުރީއަށް ދިމާވާކަމަށެވެ. އަދި އެކުނިގޮނޑުގެ މައްސަލައަކީ އިމާދުއްދީން ސުކޫލަށް 2009 ވަނަ އަހަރުން ފެށިގެންވެސް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި އެމައްސަލަ ހައްލުކުރުމަށްޓަކައި މިހާތަނަށް ވަރަށް ގިނަ މިނިސްޓްރީތަކާއި ސިޓީ ކައުންސިލް އާއި މަޝްވަރާކޮށްފައިވާނެ ކަމަށެވެ.

އިމާދުއްދީން ސުކޫލުގައި ތައުލީމް ހަސިލް ކުރާ ދަރިވަރުނަށް ގެއްލޭ ކުލާސްތަށް އަނބުރާ ނަގާނީ ކިހިނެއް ތޯ ސަން އިން ސުވާލުކުރުމުން އިމާދުއްދީން ސުކޫލުގެ ޕުރިންސިޕަލް އިބްރާހިމް އާސިފް ރަޝީދު ވިދާޅުވީ ވިދާޅުވީ އެސުކޫލުގެ ވިސްނުން ހުރީ މިހާރު އެސުކޫލުގެ ކުދިނަށް ގެއްލިފައިވާ ކުލާސްތަކުގެ ބަދަލުގައި އިތުރު ކުލާސްތަކެއް ނެގުމަށްކަމަށާއި އެގޮތުން ހޮނިހިރު ދުވަސް ތަކުގައި އެސުކޫލުގެ ކިޔެވުން ކުރިއަށްގެންދިއުމަށް ވިސްނަމުން ގެންދާ ކަމަށެވެ.

އެބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިމާދުއްދީން ސުކޫލުގެ ބޯޑް މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ އެސުކޫލުގެ ބެލެނިވެރިންނާއި ފުލުހުންނާއި ގުޅިގެން އެގޮނޑު ސާފްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްގެންދާ ކަމަށާއި އެގޮތުން އިއްޔެ ހަވީރުން ފެށިގެން ރޭގެ ނިޔަލަށްވެސް 49 ލޮރީގެ ކުނި ހުސްކޮށްފައިވާ ކަމަށެވެ.