07 Mar 2013, 12:54
ގައުމުގެ މުސްތަގުބަލަށް ޓަކައި ގައުމަށް ކަމެއް ކޮށްދޭން ބޭނުންވާ ނަމަ ގައުމީ އިއްތިހާދު ޕާޓީއާ ގުޅުމަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ގޮވާލައްވައިފި އެވެ.
ގައުމީ އިއްތިހާދު ޕާޓީން އެ ޕާޓީގެ ހަރުގޭގާއި ސިލްސިލާކޮށް ބާއްވާ ބައްދަލުވުންތަކުގެ ތެރެއިން ރޭ އެ ޕާޓީން ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު އެ މަނިކުފާނު މަސައްކަތް ކުރެއްވީ އެހެން ޕާޓީތަކާ އެކު ސުލްހަވެރިކަމާ އެކު އުޅެވޭތޯ ކަމަށެވެ. އެގޮތުން އެމަނިކުފާނުގެ ޕާޓީގައި ވެސް ކެބިނެޓަށް ގެނެވޭ ފެންވަރުގެ ބޭފުޅުން ތިއްބަވައި އެ ފުރުސަތު ސިޔާސީ ޕާޓީތަކަށް ދީގެން އެ ދަތުރު ފެއްޓެވީ ކަމަށް ވެސް ރައީސް ވަހީދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުން މިހާރު ފާސްކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ބިލަށް އަލިއަޅުވާލައްވައި ރައީސް ވަހީދު ވިދާޅުވީ އެބިލް ތަސްދީގުނުކުރައްވައި އަނބުރާ ފޮނުއްވާލެވީ އޭގެގައި ތައާރަޒުވާ ކަންތައްތަކެއް ހުރުމުން ކަމަަށާއި ނަމަވެސް އެ ބިލަށް އެމަނިކުފާނު ހުށަހަޅުއްވާފައިވާ އިސްލާހުތަކަށް ބަލައިވެސް ނުލައި ގޮތް ދޫނުކުރުމުގެ ގޮތުން އަލުން އެބިލް ތަސްދީގު ކުރަން ފާސްކުރުމަކީ ގައުމަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް ދެކެވަޑައިނުގެންނަވާ ކަމަށެވެ. އަދި ވިދާޅުވީ ގައުމީ އިއްތިހާދު ޕާޓީ ބޮޑު ކުރުމުގެ މަސައްކަތް ކުރަން އެމަނިކުފާނު އުޅުއްވި ނަމަ އެކަން ކުރެވުނީސް ކަމަށާއި ނަމަވެސް އެމަނިކުފާނު ފުރަތަމަ އިސްކަން ދެއްވީ ގައުމުގެ މަސްލަހަތަށް ކަމަށެވެ.
"މުސްތަގުބަލަށްޓަކައި އަޅުގަނޑުގެ ސިޔާސީ ހިދުމަތް ރާއްޖެ އަށް ހޯދަން ބޭނުންވާ ނަމަ އެބަޖެހޭ އަޅުގަނޑަށް ވެސް މަސައްކަތެއް ކޮށްދެއްވަން، އަޅުގަނޑާ ގުޅޭނެ ކިތަންމެ ގޮތެއް އެބަ އޮތް. އޭގެތެރެއިން އެއް ގޮތް ޕާޓީއާ ގުޅުމަކީ. މިއީ އެހެންވެ މިއީ އަޅުގަނޑު އެދޭ ގޮތް، މިއީ އަޅުގަނޑު އެންމެ ބޭނުންވާ ގޮތެއް ނޫން، ނަމަވެސް މިއަދު ހާލަތު އޮތް ގޮތުން އަޅުގަނޑަށް ތާއީދުކުރައްވާ ބޭފުޅުން އެބަ ޖެހޭ އަޅުގަނޑުގެ އަތުގައި ވެސް ހިފާލަން. މިދުވަސް ކުރިމަތިވާނެކަން ކޮންމެ ވެސް ވަރަކަށް އަޅުގަނޑަށް ވެސް އެނގުނު. މިއީކީ ހައިރާންވާން ޖެހޭ ކަމެއް ނޫން. ގައުމު އިއްތިހާދު މިއަދު ވެސް އޮތީ ކުޑަކޮށް، މިޕާޓީ ނައްތާލުމަށް ޓަކައި ބޮޑެތި ޕާޓީތަކުން މަސައްކަތްތަކެއްކޮށް ކުރަން ވެސް ކޮށްފި، ގައުމީ އިއްތިހާދު އޮތުމުން ކާކަށްތޯ ނުރައްކަލެއް ވަނީ، މި ޕާޓީގެ މެމްބަރުން ނުކުމެ މީހުންނަށް ޖެއްސުމެއް ނުކުރޭ، އަދި މި ޕާޓީގެ މެމްބަރުން ނުކުމެ އެހެން ޕާޓީތަކުން މެމްބަރުން ގެންދާކަށް މަސައްކަތެއް ވެސް ނުކުރޭ، ދެން ކީއްތެވެގެން މިޕާޓީ އުވާލަން މިޖެހެނީ؟،" ރައީސް ވަހީދު ވިދާޅުވި އެވެ.
ގައުމީ އިއްތިހާދު ޕާޓީ ރަމްޒުކޮށްދެނީ މިގައުމުގައި އެއްބައިވަންތަކަން ގާއިމްކޮށްދިނުން ކަމަށާއި އެ ޕާޓީއަކީ ހުރިހާ އެންމެންނަށް ވެސް ހަމަހަމަކަމާއި އިންސާފުވެރިކަމާއި އަދުލުވެރިކަމާ އެކު މަސައްކަތް ކުރާ ޕާޓީއެއް ކަމަށް ވެސް ރައީސް ވަހީދު ވިދާޅުވި އެވެ.
"ކޭކެއް ވެސް އެންމެންނަށް ބަހަންވީމާ އެ ބޮޑު ބައި ބޭނުންވާ މީހުންނަށް އެބައެއް ނުލިބޭނެ، އެންމެންނަށް ދޭންޖެހޭތީ. އަޅުގަނޑުމެންގެ އުސޫލަކީ އަޅުގަނޑުމެންގެ އަހުންނާއި އުހުތުންނަށް ހަމަހަމައަށް ކަންތައްތައް ކުރުން، ހުރިހާ އެންމެންނަށް އިންސާފުވެރިކަމާ އެކު ކަންތައްތައް ކުރުން. އިންސާފުވެރިކަމާއި އަދުލުވެރިކަމާ އެއްބައިވަންތަކަމާއި އެކުވެރިކަމަކީ ބައެއް ފަހަރު މުޖުތަމައުގައި މީހުން ބިރުގަންނަ ކަމެއް،" ރައީސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުން މިހާރު ފާސްކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ބިލްގައިވާ ގޮތުން ތިން މަސް ދުވަހުގެ ތެރޭގައި 10،000 މެމްބަރުން ހަމަނުވާ ޕާޓީތައް އުވޭނެ ކަމަށް ވަނީ ކަނޑައަޅާފަ އެވެ. ނަމަވެސް އެ މައްސަލަ ގައުމީ އިއްތިހާދުގެ ފަރާތުން ވަނީ ސުޕްރީމް ކޯޓަށް ގެންދިއުމަށް ނިންމައިފަ އެވެ.