07 Mar 2013, 12:52
ރާއްޖޭން އުމްރާއަށް ދާ މީހުންނަށް ވިސާ ހޯދުމަށް މިއަހަރު ދަތިތަކާ ކުރިމަތިވިކަމަށާ އެހެން ނަމަވެސް މިހާރު އެކަން ހައްލުވެފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ ވިސާ ހޯދުމަށް ދަތިވީ، އުމްރާއަށް ދިއުމަށް ސައުދީ އަރަބިއްޔާއިން ވިސާ ދޫކުރަނީ އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ)ގެ ހުއްދަ އޮންނަ ކުންފުންޏެއް މެދުވެރިވެގެން ކަމަށްވާއިރު ރާއްޖޭގެ އަޔާޓާ އެޖެންޓް ސީޕްރިއާގެ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާތީ ކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނީ ވިސާގެ މައްސަލަ ކުރިމަތިވުމުން ފޮރިން މިނިސްޓްރީން ސައުދީ ސަރުކާރާ ވާހަކަ ދެއްކި ކަމަށާއި އެގައުމުން ލަފާ ދިނީ އިއާޓާގެ މެމްބަޝިޕް އޮންނަ ސްރީލަންކާގެ ކުންފުންޏަކާ ގުޅިގެން ވިސާ ހޯދުމަށް ކަމަށެވެ. އަދި އުމްރާއަށްދާ މީހުންގެ ވިސާގެ ކަންތައް ސްރީލަންކާގެ ކުންފުންޏެއް ކަމަށްވާ "ދަ ޓްރެވެލަރ ގްލޯބަލް" ޕްރައިވެޓް ލިމިޓެޑާ ގުޅިގެން ހޯދައި، އެކަމާ ބެހޭ މައުލޫމާތު އިސްލާމިކް މިނިސްޓްރީއަށް ދީފައިވާ ކަމަށެވެ.
އުމްރާއަށްދާ މީހުންގެ ވިސާގެ ކަންތައް ހަމަޖެހިފައި މިވަނީ ފުރަން ހަމަޖެހިފައިވާ ތާރީހު ވަރަށް ކައިރިވެފައި ވަނިކޮށެވެ. ސްކޫލް ޗުއްޓީއާ ދިމާކޮށް ކުރަން ހަމަޖެހިފައިވާ އުމްރާ ދަތުރުގައި ފުރުމަށް ގްރޫޕްތަކުން ހަމަޖައްސާފައި ވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ.
ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެމައްސަލަ އެމިނިސްޓްރީއާ ހަމައަށް އައީ ވަރަށް ފަހުން ކަމަށާއި ހައްޖާ އުމްރާއަށްދާ މީހުންގެ ކަންތައްތައް ކުރިން ހަމަޖައްސަނީ އިސްލާމިކް މިނިސްޓްރީން ކަމަށެވެ.
"ކުރިން މިފަދަ ކަންތައްތައް ހަމަޖައްސަނީ އިސްލާމިކް މިނިސްޓްރީން، މިފަހަރު ކުއްލިއަކަށް އަޅުގަނޑުމެންނާ ހަމައަށް މިކަން މިއައީ، ދެން އަޅުގަނޑުމެން މިހާރު މިކަން ހައްލުކުރަން މަސައްކަތް ކުރަމުން މިދަނީ،" މީގެ ދެ ދުވަސް ކުރިން ފޮރިން މިނިސްޓްރީގެ އޮފިޝަލު ވިދާޅުވިއެވެ.