07 Mar 2013, 11:48
ސްޕްރައިޓަށް ބަދަލުތަކެއް ގެނެސް، ކެލަރީ މަދުކުރުމުގެ ގޮތުން ގުދުރަތީ މާއްދާތަކާއެކު އަލުން ލޯންޗުކުރަން ނިންމާފައިވާ ކަމަށް ކޮކާ-ކޯލާ ކުންފުނިން ބުނެފި އެވެ.
ކޮކާ-ކޯލާއިން ބުނީ މިހާރު ސްޕްރައިޓްގައި ބޭނުންކުރާ ސިންތެޓިކް މާއްދާތަކުގެ ބަދަލުގައި ގުދުރަތީ މާއްދާތައް ބޭނުންކުރުމުން ސްޕްރައިޓްގެ ކެލަރީ ކައުންޓް 30 އިންސައްތަ ދަށަށް ދާނެ ކަމަށެވެ.
ދުނިޔޭގެ އެންމެ މަޝްހޫރު ފިޒީ ޑްރިންކްސްގެ ތެރޭގައި ހިމެނޭ ކޮކާ-ކޯލާ، ފެންޓާ، ސްޕްރައިޓް ފަދަ ބުއިންތައް އުފައްދާ ބައިނަލްއަގުވާމީ ކުންފުނި ކަމަށްވާ ކޮކާ-ކޯލާ ކުންފުނިން ބުނީ މިބަދަލުތައް ގެނައުމަށް ނިންމީ އެކުންފުނީގެ އެންޓި-އޮބޭސިޓީ (ފަލަވުމުގެ ބައްޔާ ދެކޮޅު) ކެމްޕެއިންގެ ދަށުން ކަމަށެވެ.
މިގޮތުން މިމަހުން ފެށިގެން އިނގިރޭސިވިލާތުގައި އާ ސްޕްރައިޓް ލޯންޗުކުރެވިގެންދާނެ ކަމަށް މައުލޫމާތު ލިބެ އެވެ. ކޮކާ-ކޯލާ ކުންފުނީގެ ބަޔާނެއްގައި ބުނެފައި ވަނީ ސްޕްރައިޓް ބުއިންތަކުގެ ތެރެއަށް ލޯ ކެލަރީ ޕްރޮޑަކްޓެއް އިތުރުވެގެން ނުދާނެ ކަމަށާއި، އޭގެ ބަދަލުގައި ސްޕްރައިޓް އެއްކޮށް ލޯ ކެލަރީ ބުއިމަކަށް ބަދަލުވެގެންދާނީ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އާ ސްޕްރައިޓްގައި ހަކުރުގެ ބަދަކުގައި ބޭނުންކޮށްފައި ވަނީ ގުދުރަތީ ގޮތުން ފޮނި ރަހަ އެކުލެވޭ މާއްދާއެއް ކަމަށްވާ "ސްޓޭވިއާ" އެވެ. ސްޓޭވިއާ އަކީ ޕެރަގުއާއީގައި އުފެދޭ ސްޓޭވިއާ ގަހުގެ ފަތުން އެކްސްޓްރެކްޓް ކުރެވޭ ގުދުރަތީ މާއްދާއެކެވެ. މިމާއްދާއަކީ ޒަމާނުއްސުރެ ޕެރަގުއާއީގައި ހަކުރުގެ ބަދަލުގައި ފޮނި ރަހަ ގެނައުމަށް ބޭނުންކުރެވެމުން އަންނަ މާއްދާއެކެވެ.
ސްޓޭވިއާ އެކުލެވޭ ސްޕްރައިޓް ފަރަންސޭސިވިލާތުގެ ބާޒާރަށް ވެސް ނެރުމަށް ނިންމާފައި ވާއިރު، ދުނިޔޭގެ އެހެން ގައުމުތަކުގެ ބާޒާރަށް އާ ސްޕްރައިޓް ނެރުމާ ބެހޭ ގޮތުން ދިރާސާކުރަމުންދާ ކަމަށް ކޮކާ-ކޯލާ ކުންފުނިން ބުނެ އެވެ.