ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުއްވާލެއްވުމުން އެއްވެސް އިސްލާހަކާ ނުލައި މަޖިލީހުން ފާސްކުރި ސިޔާސީ ޕާޓީތަކުގެ ބިލް ތަސްދީގުވެއްޖެ ނަމަ، އުވިގެންދާ ސިޔާސީ ޕާޓީތަކުގެ މާލީ ދަރަންޏަށް ޒިންމާވާނެ ފަރާތެއް ކަނޑައެޅުމަށްޓައި ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓުގައި ޗެލެންޖުކޮށްފި އެވެ.

ބަންޑާރަ ނައިބް އޮފީހުގެ އޮފިޝަލަކު މިއަދު ސްޕްރީމް ކޯޓަށް ވެއްދި މައްސަލައަކީ "10،000 މެމްބަރުންގެ ހަމަނުމުވާ ޕާޓީތައް އުވިގެންދާ،" މައްސަލައެއް ނޫން ކަމަށެވެ. އެ މައްސަލައަކީ ޕާޓީތައް އުވާލުމުން އެ ޕާޓީއެއްގެ ދަރަނިތަކަށް ޒިންމާވާނެ ފަރާތެއް ބަޔާންކޮށްފައި ނުވުމުން އެކަމުގައި ހައްލު ހޯދުމަށް ކުރާ ޗެލެންޗެއް ކަމަށެވެ.

"އެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅާފައި ވާނީ ދެ ގޮތަކަށް. ފުރަތަމަ ގޮތަކީ ކުދި ސިޔާސީ ޕާޓީތައް އުވިގެން ނުދާނެ ކަމަށް ސްޕްރީމް ކޯޓުން ކަނޑައަޅައިދިނުން. އަނެއް ގޮތަކީ 10،000 މެންބަރުން ހަމަނުވާ ޕާޓީތައް އުވާލުމަށް އިން މާއްދާ ބާތިލް ކުރަން. ކުދި ސިޔާސީ ޕާޓީތައް އެއްވެސް މަރުހަލާތަކެއް ނެތި އުވާލެވިއްޖެނަމަ އެ ޕާޓީތަކުގެ ދަރަނިތަކާއި މުވައްޒަފުންނަށް ޒިންމާވާނެ އުސޫލެއް ބިލުގައި ކަނޑައެޅިފައެއް ނެތް،" ބަންޑާރަ ނައިބުގެ އޮފިޝަލް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ސިޔާސީ ޕާޓީތަކުގެ ބިލް ފުރަތަމަ މަޖިލީހުން ފާސްކުރުމާއެކު އެ ބިލް ތަސްދީގު ނުކުރުމަށް ބަންޑާރަ ނައިބު ލަފާދެއްވި ކަންތައްތަކުގެ ތެރޭގައި އެކަންވެސް ހިމެނެ އެވެ. "ބިލުގެ 32 ވަނަ މާއްދާގައި އުވާލެވޭ ޕާޓީތަކުގެ ދަރަނިތަކާ ބެހޭ ގޮތުން އަމަލު ކުރެވޭ އުސޫލުތަކަށް ބަލާ އިރު، އެ އުސޫލުން ކަންކުރެވެނީ ހަމައެކަނި ބިލުގެ 29 ވަނަ މާއްދާގައި ކަނޑައެޅިގެންވާ ޕާޓީތަކަށް ކަމުގައިވާތީ، އި އުސޫލުތައް ވެސް ގާނޫނު ތަސްދީގުވުމާ އެކު، ސިޔާސީ ޕާޓީތަކުގެ ގަވާއިދު އުވިގެންދިއުމުގެ ސަބަބުން އުވޭ ޕާޓީތަކާ މެދު އަމަލު ކުރެވޭނެ ޖާގައެއް އޮތް ކަމަކަށް ނުފެނެ އެވެ،" ބަންޑާރަ ނައިބުގެ އޮފީހުން ރައީސްއަށް ކުރިން ފޮނުއްވާފައިވާ ލަފާގައިވެ އެވެ.

އޭޖީ އޮފީހުގެ ފަރާތުން ސިޔާސީ ޕާޓިތަކުގެ ބިލް ސުޕުރީމް ކޯޓަށް މިއަދު ހުށައަޅަފައިވާ އިރު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އިސްކޮށް ހުންނަވާ ގައުމީ އިއްތިހާދު ޕާޓީގެ ސުޕޯކްޕާސަން އައްބާސް އާދިލް ރިޒާ ވިދާޅުވީ އެ ޕާޓީގެ ފަރާތުން މިއަދުގެ ވަގުތެއްގައި ސިޔާސީ ޕާޓީތަކުގެ ބިލުގެ މައްސަލަ ސުޕުރީމް ކޯޓަށް ވައްދާނެ ކަމަށެވެ. ނުވަތަ އެ މައްސަލް ވައްދާ ފަރާތެއްގެ އެ ޕާޓީއިން މަސައްކަތް ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ހަމައެކަނި މައްސަލައަކީ 10000 މެމްބަރުންގެ މައްސަލަ އެކަންޔެއްނޫން. އެ ބިލްގައި އެބަހުރި ކަންބޮޑުވާން ޖެހޭ ގިނަ ކަންތައްތަކެއް." އައްބާސް ވިދާޅުވި އެވެ.

އައްބާސް ވިދާޅުވީ އެ ޕާޓީ އިން އެ މައްސަލަ ސުޕުރީމް ކޯޓަށް ވައްދަނީ އެ ގާނޫނުގައި 10000 މެމްބަރުން ހަމަކުރުމަށް އޮތުމުން އެކަނި ނޫން ކަމަށާއި އެ ގާނޫނުގެ ސަބަބުން ސިޔާސީ ހަރަކާތްތައް ހިންގުމަށް ދަތިވާ ގިނަ މާއްދާތަކެއް ހުރިއިރު އެގާނޫނުގެ ސަބަބުން ދައުލަތުގެ މާލިއްޔަތުން ވެސް ގިނަ ފައިސާތަކެއް ހޭދަވާ ގޮތަށް އެ ގާނޫނު އޮތުމުން ކަމަށެވެ.

ދިހަހާސް މެންބަރުން ހަމަނުވާ ޕާޓީތައް ތިން މަސް ފަހުން އުވާލެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ފާސް ކުރި ސިޔާސީ ޕާޓީތަކުގެ ބިލު ރައީސް ތަސްދީގު ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުއްވާލެއްވުމުން، އެއްވެސް އިސްލާހަކާ ނުލައި އެ ބިލް އިއްޔެ ވަނީ ރައްޔިތުން މަޖިލީހުން ފާސްކޮށްފަ އެވެ.