13 Oct 2010, 11:01
ލޯކަލް އިންތިހާބުގެ ކުރިން މީހުން ދިރުޅޭ ރަށްތައް ގެޒެޓް ކުރާއިރު އައްޑު އަތޮޅު ހިމެނިގެންދާނީ ސީޓީގެ ދަރަޖަ ދެވޭ އެއް ރަށުގެ ގޮތުގައި ކަމަށް ރައީސުލްޖުމްހުރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ރައީސް ވިދާޅުވީ، ލޯކަލް ކައުންސިލްގެ ގާނޫނުގައި ބުނާ މީހުން ދިރިއުޅޭ ރަށްތައް މި މަހު 17 ވަނަ ދުވަހު ސަރުކާރުން އިއުލާނު ކުރައްވާނެ ކަމަށެވެ.
އަދި ވިދާޅުވީ އެންމެ ދެކުނަށް އިދާރީ ވަރަށް ބޮޑު ބަދަލެއް ގެންނަވާނެ ކަމަށާއި އެ ގޮތުން މުޅި އައްޑު އަތޮކީ އެއް ރަށް ކަމަށާއި ސީޓީ އަކަށް ބަދަލު ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑަށް ފެންނަ ފެނުމުގައި މި ހިޔާލު ހޯދުމުގެ ވޯޓުން ނަތީޖާ ވަރަށް ސާފު. ނަތީޖާ ދައްކާފައި ވަނީ އެ އަތޮޅުގެ ރައްޔިތުން ސިޓީއެއްގެ ގޮތުގައި ތަރައްގީވާން ބޭނުން ކަމަށް. އެހެންވީމާ އަޅުގަނޑު ކަނޑައަޅާނީ އައްޑު އަތޮޅަކީ ސިޓީއެއް ގޮތުގައި ހިމެނޭ އެއް ރަށުގެ ގޮތުގައި،" ރައީސް ވިދާޅުވި އެވެ.
މި ގޮތަށް ކަނޑައެޅުމުން ހިތަދު އާއި މަރަދު އާއި މަރަދޫ ފޭދޫ އާއި ފޭދު އާއި ހުޅުދު އާއި މީދޫ އަކީ އައްޑޫ، ނުވަތަ އެ ސިޓީގެ އަވަށްތައް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެހިސާބުން ފެށިގެން އައްޑު އަތޮޅުގައި އަތޮޅު އޮފީހުގެ ބަދަލުގައި ހުންނާނީ މުނިސިޕަލްޓީއެއް ކަމަށާއި ކައުންސިލް އިންތިހާބުގައި އިންތިހާބު ކުރާނީ މުނިސިޕަލް ކައުންސިލެއް ކަމަށެވެ.
ރައީސް ވިދާޅުވީ ލާމަރުކަޒީ އުސޫލުން ފުރިހަމަ ކުރަން ޖެހޭ ކަންކަމަށް ޑީއާރްޕީ އާއި ސަރުކާރު މަޝްވަރާކޮށް ނިމިފައި އޮތީ އެއްކޮށްލަން ޖެހޭ ރަށްރަށުގައި ހިޔާލު ހޯދުމުގެ ވޯޓު ނަގައި ފުރިހަމަވުމުން ލާމަރުކަޒީ އުސޫލުން އިދާރީ ގޮތުން ރަށްތައް އެއްކޮށްލުމުގެ ގާނޫނަށް ދެ ފަރާތުން އިސްލާހު ފޮނުވާ ގޮތަށް އެއްބަސްވެ، 17 އޮކުޓޫބަރުގައި ރަށްތައް ގެޒެޓް ކުރަން ކަމަށެވެ. އެގޮތުން ޑީއާރްޕީ އާއި ސަރުކާރާ ދެމެދު ވީ އެއްބަސްވުން އެގޮތުގައި ދެމި އެބައޮތް ކަމަށާއި އެ މަނިކުފާނު މިއަދު ޕްރެސް އާ ބައްދަލު ކުރެއްވެވީ ވެސް ދެ ޕާޓީގެ ފަރާތުން ކަމަށެވެ.
ރައީސް އެހެން ވިދާޅުވި ނަމަވެސް އެ ޕްރެސްކޮންފަރެންސްގައި ޑީއާރުޕީގެ އެއްވެސް ބޭފުޅަކު ބައިވެރިވިތަނެއް ނުފެނެ އެވެ.