07 Mar 2013, 11:39
ވޮޝިންޓަން (މާޗް 7) : އީރާނުން ނިއުކްލިޔާ ހަތިޔާރު ހަދަން މަސައްކަތްކުރާ ކަމަށާއި، އެ މަސައްކަތް ހުއްޓުވޭފަދަ ފިޔަވަޅެއް އީރާނާދެކޮޅަށް އެމެރިކާއަށް އެޅިފައިނުވާކަމަށް އެމެރިކާ ސިފައިންގެ މަރުކަޒީ ކޮމާންޑްގެ ވެރިޔާ ޖެނެރަލް ޖޭމްސް މާޓީސް ވިދާޅުވެއްޖެއެވެ.
ސެނެޓްގެ ގައުމީ ސަލާމަތާބެހޭ ކޮމިޓީގެ ކުރިމަތީގައި ވާހަކަ ދައްކަވަމުންޖެނެރަލް މާޓީސް ވިދާޅުވީ އީރާނާދެކޮޅަށް އެޅިފައިވާ ފިޔަވަޅުތައް ކިތަން ހަރުކަށިވެފައި ވަރުގަދަ ނަމަވެސް އީރާނުން ނިއުކްލިޔަރ ހަތިޔާރު އުފެއްދުމަށް ކުރާ މަސައްކަތް ހުއްޓުވުމުގައި އެފިޔަވަޅުތައް ނާކާމިޔާބުވެފައިވާ ކަމުގައެވެ. އީރާނުން ނިއުކްލިޔަރ ހަތިޔާރު އުފެއްދުމަށް ކުރާ މަސައްކަތް ހުއްޓުވޭފަދަ ފިޔަވަޅުތަކެއް އެމެރިކާއަޅަންޖެހޭކަމަށާ އީރާނާދެކޮޅަށް އދ. ންނާއި އެމެރިކާއާއި ޔޫރަޕް ގުޅިގެން އަޅާފައިވާ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކަކީ ރަނގަނޅު ފިޔަވަޅުތަކެއް ކަމަށް ވިދާޅުވެ އެފިޔަވަޅުތަކަށް ތާއީދުކުރައްވާ ކަމަށް ޖެނެރަލް ޖޭމްސް މާޓީސް ވިދާޅުވިއެވެ.
އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމް ހުއްޓުވުމަށްޓަކައި އީރާނާ ދެކޮޅަށް ޢަސްކަރީ ބާރު ބޭނުންކުރުމަށް މެދުއިރުމަތީގައި ނިއުކްލިޔަރ ހަތިޔާރު ހުރި ހަމައެކަނި ގައުމުކަމަށްވާ އިސްރާއީލުން ގެންދަނީ އެމެރިކާއަށް ފިއްތުންތައް ކުރިމަތިކޮށް ބާރުއަޅަމުންނެވެ. މިގޮތުން އެމެރިކާގެ ދިފާޢީ ވަޒީރު ޗަކް ހެގްލް ހެގްލް ވަނީ އިސްރާއީލުގެ ދިފާޢީ ވަޒީރު އިހޫދް ބަރާކް އާ ވޮޝިންޓަން ގައި ބައްދަލުކުރައްވައި އީރާން ނިއުކްލިޔަރ ޕްރޮގްރާމް ހުއްޓުވުމަށް އެމެރިކާއަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. ނަމަވެސް އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ ސަރުކާރުން ބުނަމުން ގެންދަނީ އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމް ހުއްޓުވުމަށްޓަކައި މިހާރު ބަރޯސާކުރާނީ ސުލްޙަވެރި ވަސީލަތްތަކަށް ކަމުގައެވެ. މީގެތެރޭގައި ހިމެނެނީ ދަތިކުރުމުގެ ފިޔަވަޅުތަކާއި ޑިޕްލޮމަސީއެވެ. ނަމަވެސް އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމް ހުއްޓުވުމަށްޓަކައި ހުރިހާ އޮޕްޝަންތަކެއްވެސް ހުޅުވާލާފައިވާ ކަމަށް އެމެރިކާ ބުނެއެވެ.
އީރާނުން ބުނަނީ އެގައުމުގެ ނިއުކްލިޔަރ ޕްރޮގްރާމަކީ ސުލްޙަވެރި ބޭނުންތަކަށް ތަރައްޤީކުރާ ޕްރޮގްރާމެއް ކަމަށާ ނިއުކްލިޔަރ ޕްރޮގްރާމް ހުއްޓާނުލާނެ ކަމުގައެވެ. (އަލްޖަޒީރާ)