07 Mar 2013, 11:22
މާލޭގައި ހުރި މާސިންގާ ކުނިގޮނޑު މާލެއިން ބޭރު ކުރުމަށް މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) ކަމާ ބެހޭ ފަރާތްތަކަށް ގޮވައިލައިފި އެވެ. އެމްޑީއޭ އިން ބުނީ އިރުއިރުކޮޅުން ކުނިގޮނޑު ސާފު ކުރުމަކީ މި ކަމަށް އޮތް ހައްލެއް ކަމަށް އެ ޕާޓީން ނުދެކޭ ކަމަށެވެ.
ސަން އަށް ދެއްވި އިންޓަވިއުއެއްގައި އެމްޑީއޭގެ ސްޕޯކްސް ޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ރޭ ވިދާޅުވީ ބޮޑު ފަރުބަދައެއް ވަރުގެ ކުނިގޮނޑެއް މާލެ ފަދަ ކުޑަކުޑަ ކެޕިޓަލް ސިޓީއެއްގައި ބަހައްޓައިގެން މި ކުރާ މަސައްކަތަކީ އެއްގޮތަކަށް ވެސް ކަމުދާ ކަމެއް ނޫން ކަމަށެވެ. މާލޭގެ ކުނިގޮނޑުގެ މައްސަލަ އަކީ އިއްޔެ ނުވަތަ މިއަދު މިހާރު ކުރިމަތިވެގެން އުޅޭ މައްސަލައެއް ނޫންކަން ފާހަގަ ކުރައްވަމުން އާމިރު ވިދާޅުވީ، ކުނިގޮނޑު ހުންނަ ސަރަހައްދުން އަބަދުވެސް ނުބައި ވަސް ދުވާ ކަމަށެވެ. އޭގެ ސަބަބުން ސިއްހީ އެތައް މައްސަލަތަކެއް ކުރިމަތިވަމުން ދާނެ ކަމަށް ގަބޫލު ކުރެއްވޭ ކަމަށް ފާހަގަ ކުރައްވަމުން އާމިރު ވިދާޅުވީ އާބާދީ ތޮއްޖެހިފައިވާ މާލެ ފަދަ ކުޑަކުޑަ ރަށެއްގައި ރައްޔިތުން ނޭވާލާ ވެށީގެ މެދަށް ހުޅުވާލައިފައިވާ މިފަދަ ކުނި ގޮނޑެއް ބެހެއްޓުމަކީ އެމްޑީއޭ އިން ގަބޫލު ކުރާ ކަމެއް ނޫން ކަމަށެވެ.
"މާލޭގައި މިހުރި މާސިންގާ ކުނި ގޮނޑަކީ އެ ގޮތަށް އެންމެން ނޭވާލާ މާހައުލުގައި ބަހައްޓަން ހެޔޮވާ ވަރުގެ ތަނެއް ނޫން. އެ ތަނުގައި އެބަ ހުރޭ ހުރިހާ ވައްތަރެއްގެ ކުނި ތަކެތި ވެސް. އެ ސަރަހައްދުގެ މާހައުލު އެ އޮންނަނީ އަބަދު ތަޣައްޔަރު ވެފައި. އޭގެން ނޭވާލާ ނިޒާމަށް އެތެރެ ވާނީ ކޮންފަދަ ޖަރާސީމެއް ކަމެއް ކަމެއް ކާކަށްތޯ އެނގެނީ؟ އެހެންވީމަ އެމްޑީއޭ އިން ކަމާ ބެހޭ ފަރާތްތަކަށް މި ގޮވާލަނީ މާލޭގެ މި ބޮޑު ކުނިގޮނޑު ވީ އެންމެ އަވަހަކަށް މާލެ އިން ބޭރުކޮށްދެއްވާށޭ،" އާމިރު ވިދާޅުވި އެވެ.
އާމިރު ވިދާޅުވީ މާލޭގައި ލައްކަ އަކަށް ވުރެ ގިނަ ރައްޔިތުން ދިރިއުޅޭ އިރު ކުނި ވެސް އުފެދޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެހެން ނަމަވެސް، އެ ކުނި ދުވަހުން ދުވަހުން މާލެއިން ބޭރު ކުރެވެން ވާނެ ކަމަށާއި އެކަމަށް ބޭނުންވާ ހުރިހާ ވަސީލަތެއް މިހާރުން މިހާރަށް އެކަން ކުރާ ފަރާތަށް ހޯދައި ދޭން ވެސް ޖެހޭނެ ކަމަށެވެ. އެ ގޮތުން މާލޭގައި ހުންނަން ވާނީ ކުޑަ ކުޑަ ކުނި ގޮނޑެއް ކަމަށާއި އެ ފަދަ ތަނެއް ވެސް ހުންނަން ވާނީ ރަނގަޅަށް ބަންދު ކުރެވި، ނުވަތަ ރައްޔިތުންނަށް އޭގެ ވަހާއި އުނދަގޫ ނުފޯރާނެ ގޮތަކަށް ކަމަށެވެ.
"މާލޭގައި އުފެދޭ ކުންޏަކީ ފުނި ޖެހެން ޖެހޭނެ އެއްޗެއް ކަމަށް އަޅުގަނޑުމެން އެމްޑީއޭ އަކުން ގަބޫލެއް ނުކުރަން. އެއީ ދުވަހުން ދުވަހަށް ބޭރު ކުރެވެން ޖެހޭނެ އެއްޗެއް. މާލޭގައި އުފެދޭ ކުނި ދުވަހުން ދުވަހަށް ބޭރު ކުރެވޭނެ ވަސީލަތްތައް ގާއިމު ކުރެވެން ޖެހޭނެ. އެއީ ނުވާ ވަރުގެ ކަމެއް ނޫން. މާލޭގެ މަލަމައްޗަށް އުފުލޭ ވަރުގެ ބޮޑު ކުނި ފަރުބަދައެއް ހެދިގެން އޭގެ ވަހުން މުޅި މާހައުލު ތަޣައްޔަރުވެ ސިއްހީ ބިރުވެރި ކަމެއްގެ ތެރެއަށް ރައްޔިތުން ވެއްޓިގެން ނުވާނެ،" އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު ވިދާޅުވި އެވެ.
މާލޭގެ ކުނިގޮނޑުން ދުވާ ނުބައި ވަހާއި ދުމުގެ ސަބަބުން އިމާދުއްދީން ސްކޫލުގެ ޓީޗަރަކާއި ގިނަ އަދަދެއްގެ ދަރިވަރުންނަށް ސިއްހީ މައްސަލަތަކެއް ދިމާވެ، ކުއްލި ފަރުވާ ދޭން ޖެހުނު މައްސަލައަށް އިޝާރާތް ކުރައްވައި އާމިރު ވިދާޅުވީ ސްކޫލު ދަރިވަރުންނާއި ޓީޗަރުންނަށް މި ފަދަ ސިއްހީ މައްސަލަތަކެއް ދިމާވާން ޖެހޭ ހިސާބަށް ކަންތައް ދާން ޖެހުނީތީ ވަރަށް ބޮޑަށް ހިތާމަ ކުރައްވާ ކަމަށާއި މި ހުރިހާ މައްސަލަ ތަކެއް މި ދިމާވަނީ ފިޔަވަޅު ނޭޅި ލަސްވަމުން ދާތީ ކަމަށެވެ. އަދި މި ކަމަށް އޮތް ދާއިމީ ހައްލަކީ ކުނިގޮނޑު މާލެއިން ބޭރުކުރުން ކަމަށާއި އެހެން ނުވެ ލަސްވާ ނަމަ ދެން ކުރިމަތިވާ ހާދިސާތައް މިހާރަށް ވުރެ ވެސް ހިތާމަވެރި ވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.