ޤާހިރާ (މާޗް 7) : އަންނަ އެޕްރީލް މަހުގެ 22 ގައި ފެށުމަށް ހަމަޖެހިފައިވާ މިސްރުގެ ޕާލަމެންޓްރީ އިންތިޚާބު ހުއްޓުވުމަށް މިސްރުގެ އިދާރީ ކަންތައްތަކާބެހޭ ކޯޓުން އިއްޔެ ކުރި ޙުކުމަށް އިޙްތިރާމް ކުރާނެކަން އެގައުމުގެ ރިޔާސަތުން ހާމަކޮށްފިއެވެ.

މިސްރުގެ ރައީސް މުހައްމަދު މުރުސީގެ ޤާނޫނީ މުސްތަޝާރު މުޙައްމަދު ފުއާދު ޖާދުﷲ ވިދާޅުވީ "އަންނަ އެޕްރީލް މަހުގެ 22 ގައި މިސްރުގެ ޕާލަމެންޓްރީ އިންތިޚާބުގެ ބޭއްވުމަށް ރައީސް މުހައްމަދު މުރުސީ ނެރުއްވާފައިވާ ރިޔާސީ އަމުރަށް ޢަމަލުކުރުން ހުއްޓާލުމަށް މިސްރުގެ އިދާރީ ކަންތައްތަކާބެހޭ ކޯޓުން ކުރި ޙުކުމަށް ރިޔާސަތުން އިޙްތިރާމް ކުރާކަމަށާ ނަމަވެސް މިޙުކުމް އިސްތިއުނާފު ކުރުމަށް ސްޕްރީމް ކޯޓަށް ހުށަހަޅާނެ" ކަމުގައެވެ. ޖާދުﷲ ވިދާޅުވީ ރައީސް މުޙައްމަދު މުރުސީގެ ސަރުކާރަކީ ކޯޓުގެ ޙުކުމްތަކަށް ބޯލަނބާނެ ސަރުކާރެއް ކަމުގައެވެ.

މިސްރުގެ ޕާލަމެންޓްރީ އިންތިޚާބު ހުއްޓުވުމަށްއެގައުމުގެ އިދާރީ ކަންތައްތަކާބެހޭ ކޯޓުން ކުރިޙުކުމަށް އިޙްތިރާމް ކުރާނެކަން ރައީސް މުރުސީ ނިސްބަތްވެވަޑައިގަންނަވާ އިޚްވާނުލްމިސްލިމީން ޖަމާއަތުންވެސް ވަނީ ހާމަކޮށްފައެވެ. މިޙުކުމަށް އެންމެ ބޮޑަށް ތާއީދުކޮށްފައިވަނީ އިންތިޚާބު ބޮއިކަޓް ކުރާނެކަން އިޢްލާންކޮށްފައިވާ މިސްރުގެ އިދިކޮޅު ކޯލިޝަން ކަމަށްވާ ނެޝަނަލް ސަލްވޭޝަން ފްރަންޓުންނެވެ. އެކޯލިޝަނުން ވަނީ މިޙުކުމް އިސްތިއުނާފު ނުކުރުމަށް ރައީސް މުރުސީގެ ސަރުކާރަށް ގޮވާލައްވާފައެވެ.

މިސްރުގައި ޕާލަމެންޓްރީ އިންތިޚާބެއް ބޭއްވުމަކީ މިސްރުގެ ވެރިކަމަށް "އަތްގަދަކުރުމަށް" ރައީސް މުރުސީނިސްބަތްވެވަޑައިގަންނަވާ އިޚްވާނުލްމިސްލިމީން ޖަމާއަތުން ކުރަމުންގެންދާ މަސައްކަތެއްކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ގެންދަނީ އެއިންތިޚާބު ބޭއްވިޔަ ނުދިނުމަށް މަސައްކަތް ކުރަމުންނެވެ. މިސްރުގެ ސަލަފީ ޕާޓީއެއް ކަމަށްވާ ނޫރު ޕާޓީން ވެސްވަނީ މިސްރުގެ ޕާލަމެންޓްރީ އިންތިޚާބު ހުއްޓުވުމަށް އެގައުމުގެ އިދާރީ ކަންތައްތަކާބެހޭ ކޯޓުން އިއްޔެ ކުރި ޙުކުމަށް ތާއީދުކުރާކަން ހާމަކޮށްފައެވެ. (އަލްޖަޒީރާ)